ދީބާޖާ އަށް 348 މިލިއަން ދައްކަން ކުރި ހުކުމް މުރާޖައާ ކުރަން އެދެނީ

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖައާކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.


އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުން ބާތިލް ކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ.

އެކަމަކު، ސިވިލް ކޯޓުން 2014 ގައި ހުކުމް ކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު "މިހާރު" އަށް މިރޭ ވިދާޅުވީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންކަމުގައި އާންމު މަސްލަހަތު ވަރަށް ބޮޑަށް ޝާމިލްވާ އިރު، ކޯޓުތަކުން މައްސަލަތައް މައުޟޫއީ ގޮތެއްގައި ބަލައި ނިންމުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ހުކުމް ކުރި އިރު، މި އަދަދު އައި ގޮތެއް ހުކުމްގައި ސާފުކޮށް ބަޔާންކޮށްފައި ނެތް ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި ދީބާޖާ އިން ވެސް މި އަދަދު ދޭން ޖެހޭ ގޮތް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި މިފަދަ ބޮޑު އަދަދެއް އޮންނަން ވާނީ އޮޑިޓަރެއްގެ ރިޕޯޓަށް ބަލާފައި ނުވަތަ ތަފްސީލީ ގޮތެއްގައި އެކަންކަން އިވިލުއޭޓް ކުރުމަށް ފަހު ކަމަށްވާ އިރު، ސިވިލް ކޯޓާއި ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ އެކަންކަމަށް އެއްވެސް ވަރަކަށް ރިއާޔަތްނުކޮށެވެ.

"އެހެންވީމަ އެއީ އޭގެ ޒާތުގައި މައްސަލައެއް،" ރިފްއަތު ވިދާޅުވި އެވެ.

ދީބާޖާއާ އެކު ސަރުކާރުން އޭރު ހެދި އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުންޏަށް 47 ބިމެއް ދޭން ޖެހެ އެވެ. އަދި ކުޑަކުރަތު ނަމަކަށް ކިޔާ ރަށެއް ވެސް ދީބާޖާ އަށް ދޭން ޖެހޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ. އެކަމަކު ދައުލަތުން ދީބާޖާއާ ހަވާލުކުރީ 26 ބިމެއްގެ ރަޖިސްޓްރީ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނާ ހަވާލާ ދެއްވައި ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމެއް، އަލުން މުރާޖައާ ކުރުމުގެ ފުރުސަތު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި ދީބާޖާގެ މައްސަލައަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

"އެހެން ބުނާ އެއް ސަބަބަކީ މި މައްސަލައިގައި ހިމެނެނީ ދައުލަތުން ބަޔަކަށް ބޮޑު އަދަދެއް ދޭން ޖެހޭ ވާހަކަ. ދައުލަތުން މި ކުރާ ސުވާލަކީ މީހަކަށް އެއްޗެއް ދޭން ޖެހުނީމަ، އެ ދޭން ޖެހޭ އެއްޗެއް ވާން ޖެހޭނެއޭ އެކަށީގެންވާ އެއްޗަކަށް، ރިފްއަތު ވިދާޅުވި އެވެ. "އެ ދޭން ޖެހޭ މިންވަރެއް އެކަށައަޅަން ވާނީ ހަމަޖެހޭ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް. 348 މިލިއަން ރުފިޔާ އަންނަން ޖެހޭނީ ބަޔަކު އަތުން ހިސާބު ޖަހާފައި އޮތް ހިސާބު އަދަދުތަކެއްގެ މައްޗަކަށް ނޫން. އެ ވާން ޖެހޭނީ މިނިވަން އޮޑިޓް ފާމަކުން ނޫނީ މިނިވަން އޮޑިޓަރުން އެކުލަވާލާފައި އޮންނަ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް."

ރިފްއަތު ވިދާޅުވި ގޮތުގައި ހިސާބު އަދަދުތައް އައިސްފައި އޮތީ ސުވާލު އުފެދޭ ގޮތަކަށެވެ. އަދި 348 މިލިއަން ރުފިޔާއަކީ އެއްބަސްވުމުގައި ސޮއިކުރި ބައިވެރިންގެ ތެރެއިން އެއްވެސް ބައިވެރިއަކަށް ލިބެން ޖެހޭ އަދަދެއް ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ އުސޫލުތަކާ ވެސް އެބަ ތައާރަޒްވޭ ހަގީގަތުގައި ގެއްލުމުގެ ބަދަލު ނަގައިދިން މިންވަރާ ގުޅޭ ގޮތުން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ހެކި ހުށަހެޅި، އެއާ މެދުގައި ވާހަކަ ދެކެވި ގޮތްތަކެއް ކަނޑައެޅުމުގެ އެއްވެސް މަރުހަލާއެއް ރަނގަޅަށް ގެންގޮސްފައި މެނުވީ ބަދަލުގެ ގޮތުގައި ދީބާޖާ އަށް ފައިސާ ދިނުމަކީ ރަނގަޅު ގޮތެއް އަދި އިންސާފުވެރިކަމާ އެކު މައްސަލަ ނިމުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި 2010 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ އެ ކުންފުނީގެ ހިއްސާދާރުންނަކީ ރެޒޮނެންސް އިންވެސްޓްމަންޓާއި މިލަމާފާ އިންވެސްޓްމަންޓާއި މުހައްމަދު ސައީދު ކިޔާ މީހެކެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.

ހައި ކޯޓުގެ އެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މުއްދަތުގައި މައްސަލަ ހުށަނޭޅި އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.