ޗައިނާ ލޯނުތައް ފަސޭހަ، އެކަމަކު މަޝްވަރާ ކުރާނެ: ސަފީރު

ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައި ވަނީ އަނބުރާ ދައްކަން ފަސޭހަ ލޯނުތަކެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ދެ ގައުމުގެ މެދުގައި މަތީ ފެންވަރުގެ މަޝްވަރާތައް ކުރުން މުހިންމު ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަން ލިޒޮން މިރޭ ވިދާޅުވެއްޖެ އެވެ.


ޗައިނާ އެމްބަސީގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަން ވިދާޅުވީ، ރާއްޖެ އަށް ޗައިނާ އިން ލޯނުތައް ދީފައި ވަނީ އާމްދަނީ ލިބޭ މަޝްރޫއުތަކަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ކަންބޮޑުވުމެއް އޮތް ނަމަ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ދަތުރުގައި މަޝްވަރާ ކުރެވިދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"އެކަމަކު، ޗައިނާ އިން ރާއްޖެ އަށް ލޯނު ދޫކޮށްފައިވާ ގިނަ މަޝްރޫއުތަކަކީ އެ މަޝްރޫއުތަކުން އާމްދަނީ ލިބޭނެ މަޝްރޫއުތައް. އޭގެ ޒާތުގައި ދެމެހެއްޓެނިވި މަޝްރޫއުތައް. އެކަމަކު، ރާއްޖޭގެ ފަރާތުން މި ކަންބޮޑުވުންތައް އޮތް ކަމަށް ވާ ނަމަ އަޅުގަނޑު ގަބޫލު ކުރަނީ އެ ކަންބޮޑުވުންތައް ހިއްސާކުރަން މިފަދަ ފުރުސަތުތައް ބޭނުން ކުރެވިދާނެ ކަމަށް،" ޝާހިދުގެ ދަތުރަށް އިޝާރާތް ކުރައްވަމުން ޒަން ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއްސުރެ ބުނަމުން އައީ ރާއްޖެ އަށް ޗައިނާ އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ބޮޑުކަމުން ކަންބޮޑުވާ ކަމަށާއި އެ ލޯނުތަކާ ބެހޭ ގޮތުން އެ ގައުމާ އެކު އަލުން މަޝްވަރާ ކުރާނެ ކަމަށެވެ. އެ މަޝްވަރާތައް މިހާރު ފެށިއްޖެތޯ ސުވާލު ކުރުމުން ޒަން ވިދާޅުވީ، ފޮރިން މިނިސްޓަރު ޝާހިދުގެ ދަތުރުގައި މަޝްވަރާ ކުރުމާ ގުޅޭ އިންތިޒާމުތައް ކުރިއަށް ދާ ކަމަށެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން މިހާރު މި އަންނަނީ ފޮރިން މިނިސްޓަރު ޗައިނާ އަށް ކުރައްވަފާނެ ދަތުރުފުޅަކާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން. ފަހަރެއްގައި ވަރަށް އަވަހަށް [ފޮރިން މިނިސްޓަރު ޗައިނާ އަށް ވަޑައިގެންފާނެ]. އަޅުގަނޑުމެން އަދިވެސް ބަލަމުން މި އަންނަނީ ދެ ފަރާތަށް ވެސް އެކަށީގެންވާ ވަގުތަކަށް،" ޒަން ވިދާޅުވި އެވެ.

ޗައިނާ އިން ހިންގާ ބެލްޓް އެންޑް ރޯޑް މަޝްރޫއުގެ ދަށުން އެހެން ގައުމުތަކަށް މާލީ އެހީ ދިނުމުގައި ގެންގުޅޭ އުސޫލުތައް މިހާރު ކުރިއަށް ވުރެ ހަރުދަނާ ކޮށްފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. އެގޮތުން، އެ ގައުމުން ފައިނޭންސް ކޮށްދިނުމުގައި ގެންގުޅެނީ ދެފުށް ފެންނަ، ދެމެހެއްޓެނިވި އުސޫލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެ އަށް ލޯނު ދޫކޮށްފައިވާ ގިނަ މަޝްރޫއުތަކަކީ އެ މަޝްރޫއުތަކުން އާމްދަނީ ލިބޭނެ މަޝްރޫއުތައް. އޭގެ ޒާތުގައި ދެމެހެއްޓެނިވި މަޝްރޫއުތައް. އެކަމަކު، ރާއްޖޭގެ ފަރާތުން މި ކަންބޮޑުވުންތައް އޮތް ކަމަށް ވާ ނަމަ އަޅުގަނޑު ގަބޫލު ކުރަނީ އެ ކަންބޮޑުވުންތައް ހިއްސާކުރަން މިފަދަ ފުރުސަތުތައް ބޭނުން ކުރެވިދާނެ ކަމަށް،" ޗައިނާ ސަފީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން އައި ޗައިނާ އާއި ރާއްޖޭގެ އާ ސަރުކާރާ އެކު އޮތް ގުޅުމުގެ މިންވަރާ ގުޅޭ ގޮތުން ވެސް ސަފީރު ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ޔާމީންގެ ސަރުކާރު ބަދަލުވިޔަސް ޗައިނާ އިން ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކަށް އެއްވެސް ބުރުލެއް ނާރާ ކަމަށާއި އެ މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ދާ ކަމަށެވެ.