މިނިސްޓަރު ޝާހިދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.


މި ބައްދަލުވުމުގައި ރާއްޖެ އޮތީ ލަންކާގެ ރައްޔިތުންނާ އެކު ކަމަށް ބޮޑު ވަޒީރު ރަނިލް އަރިހު މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ޝާހިދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވި އެވެ. ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރާނެ ކަންތައްތަކާ އަދި ލަންކާ އިން ދިވެހިންނަށް ފަސޭހަ އިން ވީސާ ލިބޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓްވީޓެއް

ވިސާއާ ގުޅޭ ގޮތުން ރަނިލްއާ އެކު ޝާހިދު މަޝްވަރާ ކުރައްވާފައި މި ވަނީ ލަންކާގައި އުޅޭ ބޭރު މީހުންނަށް ރެސިޑެންސް ވީސާ މިހާރަށް ވުރެ ހަރުކަށި ކުރަން ނިންމާފައި ވަނިކޮށެވެ. އެއީ މިދިޔަ މަހު އެ ގައުމުގެ އެތައް ތަނެއްގައި ބޮން ގޮއްވާ، ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ލަންކާ އިން ބުނެ އެވެ.

ބޭސް ފަރުވާއަށާއި ކިޔެވުމަށް ދިވެހިން ވަޒަންވެރިވެގެން އުޅޭ ލަންކާާ އަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން އުޅޭ ގައުމެވެ. ލަންކާގައި ގާތްގަނޑަކަށް 13،000 ވަރަކަށް ދިވެހިން ދިރިއުޅެ އެވެ.

ޝާހިދުގެ ދަތުރުގައި ލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާއި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.