ލަންކާގެ ބޮޑުވަޒީރު، މައުމޫނާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު މިއަދު ސިންގަޕޫރުގައި ބައްދަލުކުރައްވައިފި އެވެ.


ރަނިލްއާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ މައުމޫން ޓުވީޓް ކުރެއްވި ނަމަވެސް ދެ ބޭފުޅުން ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ހުންނެވި މައުމޫން އިއްޔެ ވަނީ ސިންގަޕޫރުގައި ކުރިއަށްދާ "އިންޑިއަން އޯޝަން ކޮންފަރެންސް 2016" ގައި ތަގުރީރުކުރައްވައިފަ އެވެ. އެ ޖަލްސާގައި މައުމޫން ވާހަކަ ދެއްކެވީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި އަމާންކަން ގާއިމްކުރަން ގައުމުތަކުން މިހާރަށް ވުރެ ބޮޑަށް ވާހަކަ ދެއްކެވުމުގެ މައްޗަށެވެ. އަދި އިންޑިއާ ކަނޑުގައި ހިމެނޭ ހުރިހާ ގައުމަކުން ވެސް ޑިމޮކްރެޓިކް އުސޫލްތައް އަށަގަންނެވުމަށް މަސައްކަތް ކުރަން ގޮވާލއްވި އެވެ.

ރާއްޖެ ތަމްސީލްކުރައްވާ އިސްބޭފުޅެއްގެ ގޮތުގައި އެ ކޮންފަރެންސްގައި ބައިވެރިވެރިވެވަޑައިގެންނެވި މައުމޫނާ، ރަނިލް ބައްދަލުކުރައްވާފައި މިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދުން ލަންކާގެ އެހީތެރިކަން ހޯދަމުން އަންނަ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގަތީ އެ މަސައްކަތުގައި ކަމަށް ދިވެހި ސަރުކާރުން ތުހުމަތު ކުރެ އެވެ.

އެ ތުހުމަތުތަކުގެ ރައްދެއްގެ ގޮތުގައި ލަންކާ ސަރުކާރުން ބުނެފައި ވަނީ ނަޝީދު އެ ގައުމުގައި ހުންނެވިއަސް ކަންބޮޑުނުވާ ކަމަށެވެ. އެމަނިކުފާނު ކުރައްވަނީ ޑިމޮކްރެސީގެ މަސައްކަތް ކަމަށް ވެސް ލަންކާ ސަރުކާރުން ދެކެ އެވެ.

ލަންކާ ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ ރަޖިތަ ސެނެރަތުނަ ކޮލަމްބޯ ގެޒެޓު ނޫހަށް ވިދާޅުވެފައިވާ ގޮތުގައި މައުމޫންގެ ވެރިކަމާ ދެކޮޅަށް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ވެސް ލަންކާގަ އެވެ. މައުމޫނަށް ފަހު ވެރިކަމަށް ވަޑައިގަތުމާ އެކު ލަންކާ ސަރުކާރަށް ނަޝީދު ޝުކުރު ވެސް އަދާކުރެއްވިކަން ފާހަގަކުރައްވައި ރަޖިތަ ވިދާޅުވީ ނަޝީދު މިހާރު ވެސް ކުރައްވަނީ އޭރު ކުރެއްވި މަސައްކަތްޕުޅު ކަމަށެވެ.

ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު މައުމޫނާއި ރައީސް ޔާމީނާ ދެމެދު ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބައެއް ބިލްތައް ފާސްކުރައްވާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެއީ ރައްޔިތުންނާއި ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށް މައުމޫން ފާޅުގައި ވަނީ ވިދާޅުވެފަ އެވެ.

ބިލްތަކުގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ނިންމުންތަކާ ހިތްޕުޅުހަމަޖެހިވަޑައިނުގެން މައުމޫން ފާޑުވިދާޅެ އެވެ. ސަރުކާރުން އެކަން ދެކެނީ އެމަނިކުފާނުގެ މަގްސަދަކީ ތަރައްގީއަށް ކުރައްވާ ކަންކަމަށް ހުރަސްއެޅުން ކަމަށެވެ.