ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް ރައީސް ތަސްދީގެއް ނުކުރެއްވި

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.


ރައީސްގެ ތަރުޖަމާން، އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ ނައިބު ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް އަނބުރާ ފޮނުވާލެއްވީ، އަލުން ވިސްނެވުމަށް އެދިވަޑައިގެން ކަމަށެވެ. އެ ބިލް މިހާރު އޮތީ، ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ނޫން ކަމަށް ހޫދު ވިދާޅުވި އެވެ.

މީގެއިތުރުން ނައިބު ރައީސުންނަށް މާލީ އިނާޔަތް ދޭން ކަނޑައަޅާފައިވާ ގޮތުން، ސުވާލު އުފެދޭ ކަންތައްތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ނެންގެވީ، ދެ މަހަށް ނައިބު ރައީސްްކަން ކުރައްވައިފި ނަމަ ވެސް އިނާޔަތް ލިބޭގޮތަށް ބިލްގައި އޮތުމެވެ.

"މިގޮތަށް ހުރި ކަންކަމާ މެދު އަލުން ވިސްނާ ވަޑައިގަތުމަށް އެދި އަނބުރާ ފޮނުވާލެއްވީ،" ހޫދު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސުންނާއި ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ބިލް އަނބުރާ ފޮނުވާލެއްވީ އަލުން ވިސްނާ ވަޑައިގަތުމަށް އެދި. -- ތަރުޖަމާން

އެ ބިލްގެ އިތުރުން، ހޫދު ވިދާޅުވި ގޮތުގައި، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ވެސް ވަނީ އަނބުރާ ފޮނުވާލައްވައިފަ އެވެ. ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭ ގޮތަށް އޮތް އެ ބިލް ފޮނުވާލީ ގާނޫނުއަސާސީގެ 75 ވަަނަ މާއްދާއާ ޚިލާފު ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށް ހޫދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތް ކުރަންޖެހޭ ގޮތް ކަނޑައަޅާފައިވާ އެ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން ކަމަށެވެ. އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި އިންތިޚާބުވީ ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތްކުރުމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުއްވާ ބިލަކާ މެދު އަލުން ވިސްނުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، އެ ބިލެއް ރައީސް ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެ އެވެ. މި މި ހިނގާ މަޖިލީހުގައި އެ ބިލް އަލުން ކުރިއަށް ގެންގޮސްފާނެ ކަމަކަށް ނުބެލެވެ އެވެ. މި މަޖިލީހުގެ ދައުރު ހަމަވެ، އާ މަޖިލީހުގެ ހުވާކުރުން މި މަހުގެ 28 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލް ތަސްދީގު ކުރައްވައި ގެޒެޓް ކުރައްވާ ދުވަހުން ފެށިގެން، އެ ބިލްގައިވާ ގޮތުން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާ ގޮތަށް އޮތީ، ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ފަހުން ރައީސްކަން ކުރައްވާފައި ވާތީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ކުރީގެ ރައީސުންގެ އިނާޔަތްތަކެވެ.

އެ ބިލުގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެ އެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

މީގެއިތުރުން ނައިބު ރައީސަކު އެދިއްޖެ ނަމަ، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ދައުލަތުގެ ހަރަދުގައި ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ބިލްގައިވެ އެވެ. އަދި ނައިބު ރައީސުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް ބިލްގައިވެ އެވެ.

ނައިބު ރައީސުން މަގުމަތިވެފައިވާ ކަމުގެ ޝުއޫރުތަކާ އެކު ފާސްކުރި މި ބިލަށް އާއްމުންގެ ގިނަ ފާޑުކިއުން ވެސް އަމާޒުވި އެވެ. ނައިބު ރައީސްކަން ކުރު މުއްދަތަކަށް ކުރެއްވުމުން ވެސް ދައުލަތުން ބުރަ އުފުލަން ޖެހޭ ގޮތަށް ބިލެއް ފާސްކުރި އިރު ސަރުކާރު ވަޒީފާގައި އުމުރު ހޭދަކުރާ މީހުންނަށް އޮތް އިނާޔަތުގެ ފަރަގު މައްސަލައެއްގެ ގޮތުގައި އާއްމުން ކަންބޮޑުވުންފާޅުކުރި އެވެ.