ދީބާޖާ މައްސަލާގައި ހުކުމް ތަންފީޒުކުރަނީ އުސޫލާ އެއްގޮތަށް: ސިވިލް ކޯޓް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ސިވިލް ކޯޓުން ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން މިއަދު ބުނެފި އެވެ.


ސިވިލް ކޯޓުން އެގޮތަށް ބުނީ ދީބާޖާ ކުންފުންޏަށް 348 މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުން ބަލަމުންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ބާތިލް ކޮށްދޭން ކޯޓުގައި އެދިފައި ވާނެ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ 2015 ވަނަ އަހަރު ވެސް އެ ކޯޓަށް ހުށަހެޅި ކަމަށާއި އެކަމަކު ބަދަލު ދިނުމުގެ މައްސަލަ އޭރު އިސްތިއުނާފް މަރުހަލާގައި އޮތުމުން އެ މައްސަލަ އެވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ޖޫން، 2015 ގައި ހުކުމް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައަކީ އެފަދަ އެހެން މައްސަލަތަކެކޭ ވެސް އެއްގޮތަށް، އިސްތިއުނާފް މަރުހަލާ ނިމުމުން ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރަން ފަށަން ހަމަޖެހިފައިވާ މައްސަލައެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެހެން ގަޒިއްޔާތަކާ ތަފާތުނުވާނެ ގޮތުން ސިވިލް ކޯޓުގެ (ދީބާޖާ އަށް ބަދަލު ނަގައިދިނުމުގެ މައްސަލައިގެ ގަޒިޔާ) އަކީ ވެސް އިސްތިއުނާފް ނިމުމުން އަލުން ހުށަހެޅުމަކާ ނުލައި ކޯޓުން އިސްވެ ތަންފީޒަށް ފަށަން ޖެހި، މިގޮތުން ހުކުމް ތަންފީޒު ކުރުމަށް ފަށާފައިވާ މައްސަލަ އެކެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ހުކުމް ތަންފީޒު ކުރުމުގެ އުސޫލުގެ ދަށުން އެފަދަ މައްސަލަތަކަކީ ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަށް ފޮނުވަންޖެހޭ ބާވަތުގެ މައްސަލައެއް ނޫނެވެ. އަދި އެކަން އެ އުސޫލަށް ބެލުމުން ކޮންމެ މީހަކަށް ވެސް ސާފުވާނެ ކަމަށާއި ދީބާޖާގެ މައްސަލައަކީ ވެސް އެފަދަ މައްސަލައެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

"ހުކުމް ތަންފީޒު ކުރެވޭ ކޮންމެ މައްސަލައެއްގައި ވެސް އަމަލު ކުރަމުން ގެންދަނީ މައުޟޫއީ މައްސަލާގެ ހުކުމް ދެމި އޮތް ނަމަ، އެ ހުކުމް ތަންފީޒުވެ ނިމެންދެން ހުކުމް ތަންފީޒު ކުރުމަށް ކޯޓުން ފިޔަވަޅު ގެންދިއުމުގެ މައްޗަށް އަމަލު ކުރުމެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައިވަނީ ދީބާޖާ މައްސަލާގެ ހުކުމް ތަންފީޒު މައްސަލާގެ ފުރަތަމަ އަޑުއެހުން އެ ކޯޓުން ސިއްރުކުރީ ގާނޫނު އަސާސީން ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެކަމަކު އެ މައްސަލާގައި ދެން ހުރި އަޑުއެހުންތައް ހުޅުވާލާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދީބާޖާއަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ދީބާޖާއަށް ބަދަލު ދޭން 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.