ލަންކާ އިން ހައްޔަރުކުރި ދެ ދިވެހިން ދޫކޮށްލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ފޮތެއް ސްރީ ލަންކާގެ ގެއެއްގެ ތެރެއިން ފެނުނު މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދެ ދިވެހިން މިއަދު ދޫކޮށްލައިފި އެވެ.


ފޮރިން މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، ދެ ދިވެހިން ދޫކޮށްލީ ލަންކާގެ ކޯޓުން ކަމަށެވެ. އެ މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިއެސްއާ ގުޅުން ހުރި ފޮތެއް ގެއިން ފެނުނު މައްސަލައިގައި މިދިޔަ މަހު ހައްޔަރު ކުރީ އެމްޑީޕީގެ އިސް ދެ އެކްވިސްޓުން ކަމަށްވާ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މީގެ ކުރިން ތިން ފަހަރަކު އިތުރުކޮށްދީފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފޮތާއި އެ މީހުންނާ ގުޅުމެއް ނެތެވެ. އެއީ އެ ގޭގައި އުޅުނު މީހަކު ގެންގުޅުނު ފޮތެކެވެ. އެ ފޮތުގެ ވެރިޔާ މި ވަގުތު ހުރީ ވެސް މާލޭގަ އެވެ.

އެއީ، އައިއެސް ޖަމާއަތް އުފެދިގެން އައި ގޮތާ ގުޅޭގޮތުން އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ "ބްލެކް ފްލެގްސް ދަ ރައިޒް އޮފް އައިއެސްއައިއެސް" ފޮތެވެ.

ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކު ހައްޔަރުކުރީ ޑޮކްޓަރަށް ދެއްކުމަށް ލަންކާ އަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން، 250 އަށް ވުރެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި އަށް ދިވެއްސަކު ހައްޔަރުކޮށް ގިނަ ބަޔަކު އެ ގައުމުގެ ފުލުހުންގެ މަރުކަޒުތަކަށް ހާޒިރުކޮށްފައިވެ އެވެ.

އޭގެ ތެރެއިން ގިނަ މީހުންގެ މައްސަލަ އަކީ ވިސާގެ މުއްދަތު ހަމަވުމުން ވެސް ލަންކާގައި ދިރިއުޅުން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. ވިސާ ނެތި ލަންކާގައި ގިނަ ދިވެހިންތަކެއް އުޅޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައި ވެ އެވެ. އެ މީހުންގެ މައްސަލަ ހައްލުކުރަން ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ނަމަވެސް އަދިވެސް އަލިމަގެއް ނުފެނެ އެވެ.