ދިއްފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލައިފި

ކ. ދިއްފުށީގައި މިރޭ ހަމަނުޖެހުން ހިނގައި ދެ މީހެއްގެ ގަޔަށް ވަޅި ހަރައި، މަސްރަހު ހޫނުވެފައި ވަނިކޮށް އެ ރަށު ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯކޮށްލައިފި އެވެ.


އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ފަޅުތެރޭގައި، އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ލޯންޗެއްގައި ރައްޔިތުންގެ ބަޔަކު ރޯކޮށްލީ އެވެ. ސަބަބަކީ އެއީ އެ ރަށުގައި ވައްކަން ކުރާ މީހުންނާ ގުޅުން އޮތް ލޯންޗަކަށް ވާތީ ކަމަށް ބައެއް މީހުން ބުނެ އެވެ.

ފުލުހުން ބުނީ ނުވަ ފޫޓުގެ "ޑިންގީ"ގެ ކުރީކޮޅުގައި ރޯވުމާ އެކު އޭގެ ވާކަނޑައިގެން ގޮސް ފަޅުން ބޭރަށް އޮޔާ ދިޔަ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެ ރަށް ޕެޓްރޯލް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދިއްފުށި ފަޅުތެރޭގައި އޮތް ލޯންޗުގައި ރޯވެފައި ވަނީ މިރޭ 1 ޖަހާކަން ހާއިރު ކަމަށާއި އެ ލޯންޗުގެ އަލިފާންގަނޑު ނިއްވާލަން ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

ފުލުހުން ބުނީ ދިއްފުށީ ފަޅުގައި އޮތް "ޑިންގީ" ގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓު ލިބުނީ ދަންވަރު 1:13 ގައި ކަމަށެވެ. އަދި އެ ސީނަށް ފުލުހުން ގޮސް އެމްއެންޑީއެފް ފަޔާ އަށް ވެސް ފުލުހުން މައުލޫމާތު ދިން ކަމަށް ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި "ޑިންގީ" ވަނީ ރަޖިސްޓަރީ ނުކޮށެވެ. އަދި އެ އުޅަނދުގެ 60 ޕަސެންޓު އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދިއްފުށީގައި މައްސަލަ ހޫނުވެފައި މި ވަނީ އެ ރަށުގެ ފިހާރައަކުން ރޭ ކުރި ވައްކަމަށް ފަހު، އެ ވައްކަން ކުރި މީހުން ހޯދަން ރައްޔިތުން މިރޭ ނުކުތުމާ ގުޅިގެންނެވެ. އަދި އެކަމުގެ ތެރޭގައި، ވައްކަން ކުރި މީހާ އާންމުންގެ މީހަކަށް ވަޅިން ހަމަލާދީ އޭނާ އާ އެކު އެހެން މީހަކު ވެސް ޒަހަމްކޮށްލައި، މައްސަލަ އިތުރަށް ގޯސްވި އެވެ. ފުލުހުންގެ ދެެ ޓީމެއް ގޮސް އެ ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެންމެ ބޮޑަށް ޒަހަމްވި މީހާ އައިޖީއެމްއެޗަށް ގެނެސް އޭނާ އަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ދިއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސާޖިދު މިރޭ ވިދާޅުވީ އެ ރަށުގައި ވައްކަން ގިނަވެ، އެކަން ކުރާ މީހުން ހޯދަން ރައްޔިތުން އިސްނެގީ އަމިއްލަ އަށް ކަމަށާއި ރައްޔިތުން ތިބީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށެވެ.