އެމްޑީޕީގެ 40 އަށް ވުރެ ގިނަ ބޭފުޅުންގެ ވޯޓު ލިބޭނެ: އަފީފް

އަންގާރަ ދުވަހު ހުވާ ކުރާ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އިންތިޚާބު ކުރަން އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގަތް 40 އަށް ވުރެ ގިނަ ބޭފުޅުން ތާއީދު ކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފް ރޭ ވިދާޅުވެއްޖެ އެވެ.


މަޖިލިހުގެ 19 ވަނަ ދައުރަށް ހޮވުނު 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރެއްވުމަށް ފަހު، މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާ ހަމަ އެ ރޭ އޮންނާނެ އެވެ. އޭގެ ކުރިން، މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި މާދަމާ ވޯޓަކަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އަފީފްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. އެ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ އަފީފާއި އަސްލަމްގެ މެދުގަ އެވެ.

އަފީފް "މިހާރު" އަށް ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމަށް އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 ބޭފުޅުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެ ބޭފުޅުންގެ ތާއީދު ހޯއްދަވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅުންނާ ގުޅައިގެން، މިހާރު 40 އަށް ވުރެ މަތީގައި އުޅެނީ އަޅުގަނޑަށް ތާއީދު ކުރާނެ ކަމަށް ބުނި. އެހެންވީމަ އެ ޔަގީން ކަން އެބައޮތް،" އަފީފް ވިދާޅުވި އެވެ.

މަޖިލިހުގެ ރައީސް ކަމަށް ޝައުގުވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބޭފުޅުން. (ކ-ވ) މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިންތިޚާބީ މެމްބަރު މުހައްމަދު އަސްލަމް އަދި އައްޑޫ މިދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް. --- ފޮޓޯ: މިހާރު

އަފީފް ވިދާޅުވީ އެމްޑީޕީގެ ތެރެއިން ނަގާ ވޯޓު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

މި ހިނގާ 18 ވަނަ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލިހަށް ހުވާ ކުރާ 19 ވަނަ މަޖިލީހުގެ ބޭފުޅުންނާ އެކު މަޖިލިހުގައި އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ. އަސްލަމަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އާޒިމްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ސިއްރު ވޯޓެއް ނަގައިގެންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވާ މެމްބަރުން ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ހާމަކަން ބޮޑު ވޯޓަކަށް ދިއުން ކަމަށެވެ.