ހުޅުމާލޭގެ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލައިފި

ހުޅުމާލޭގެ ގެ އަކުން ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ތަހުގީގު ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރު ހޯދަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ދެ މީހުން މިއަދު ދޫކޮށްލައިފި އެވެ.


ފުލުހުން ބުނީ، އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެން މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 32 ވަނަ މާއްދާ (ހ) ގެ 12 ވަނަ މާއްދާ އަށް ރިއާޔަތް ކޮށެވެ. އެއީ ކޯޓު ނެރޭ އަމުރުގައި ފަނޑިޔާރުގެ ނަމާއި ސޮއި އަދި ތައްގަނޑު ޖެހުމާ ގުޅޭ މާއްދާ އެވެ.

އެނގިފައިވާ ގޮތުގައި ތުހުމަތު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ނުޖަހައި ކްރިމިނަލް ކޯޓުން ދޫކޮށްލީ އެ މީހުން ހައްޔަރު ކުރުމަށް ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތުމުންނެވެ. އެހެންވެ، ހުޅުމާލޭ ކޯޓުން ނެރުނީ ސައްހަ އަމުރަކަށް ނުވާތީ އެ ދެ މީހުން ދޫކޮށްލީ ކަމަށް އެނގިފައި ވެ އެވެ.

ފުލުހުން ބުނީ އެ ގެއިން މަސްތުވާތަކެތި ފެނުނީ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ރޭ ދަންވަރު ތިނެއް ޖަހާކަން ހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފަހަކަށް އައިސް ފުލުހުން ހިންގާ ތަފާތު އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު އިތުރުވެފައިވާއިރު، މިހާތަނަށް ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.