މޯދީ ތަގުރީރު ކުރައްވާ ވަގުތާ މެދު އިދިކޮޅު މެމްބަރުން ކަންބޮޑުވުންފާޅުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރެއްވުމަށް އަންނަ ހޮނިހިރުދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ވަގުތާ މެދު އިދިކޮޅު ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ހޮނިހިރުދުވަހުގެ އިރުއޮއްސި 6:45 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު "މިހާރު" އަށް ވިދާޅުވީ ދެ ނަމާދު ދޭތެރޭ ޖަލްސާ ބޭއްވުމަކީ ރާއްޖޭގެ ސަގާފަތާ ނުގުޅޭ ކަމެއް ކަމަށެވެ. އަދި މިއީ ހަ ރޯދަ ތެރެއަށް ވުމާ އެކު އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަގުރީރު ލައިވް ވެސް ކުރާނެ ކަމަށް ގަބޫލު ކުރެވޭ. އެ ވަގުތު ވީމަ ގިނަ މީހުންނަށް އެ ތަގުރީރު ބެލުމުގެ ފުރުސަތު ވެސް ނުލިބިދާނެ،" ކުރީގެ ޑިފެންސް މިިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާ އަކީ ރާއްޖެ އަށް މުހިންމު ގައުމެއް ކަމަށާއި އެ ގައުމުގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަތުމަކީ އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވަނީ އެ ޖަލްސާ ބޮއިކޮޓް ކުރައްވަން ނިންމަވައިފަ އެވެ. އެއީ، އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ހިންގާ ލާ އިންސާނީ އަމަލުތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ވެސް ޓޮމް ބައިވެރިވެވަޑައެއް ނުގަނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޯދީ ތަގުރީރު ކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރޭ ބޭއްވުމަކީ ރާއްޖެ ސެކިއުލާ ގައުމަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅެވެ.

"ދީނާއި ސިޔާސަތު ވަކި ކުރާ، ސެކިއުލާ ވިސްނުމަށް ވަކާލާތު ކުރާ ފަރާތްތަކުން ރާއްޖެ، ސެކިުއުލާ ސްޓޭޓަކަށް ބަދަލު ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ، ރައްޔިތުން ގެ މަޖްލީހުގެ ޖަލްސާ މަޤްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރެ އަށް ހަމަ ޖެއްސުން،" ތޯރިގް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯދީ ތަގުރީރުކުރައްވާ ޖަލްސާ ދެ ނަމާދު ދޭތެރެއަށް އެޖެންޑާ ކުރީ މަޖުބޫރު ކަމެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އެއީ ދީނާ ސިޔާސަތު ވަކި ކުރުމުގެ ވިސްނުން ގެންގުޅުންވުން ފަދަ ކަމެއް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ޝިޔާމު ކުރެއްވި ޓްވީޓް---

މޯދީ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް މަޖިލިހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް ސޯލިހެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ.

އެ ފުރުސަތު މޯދީ އަށް ދެއްވަން ނިންމެވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.