މަސްތުވާތަކެއްޗާ އެކު ހުޅުމާލެ އިން ހައްޔަރު ކުރި ދެ މީހަކު ދެ ފަހަރެއްގެ މަތިން ކޯޓުން ދޫކޮށްލި މައްސަލައިގައި ފުލުހުންނަށް ގޯހެއް ހެދިފައިވާ ނަމަ އެކަން އިސްލާހު ކުރައްވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުން ދެ ފަހަރު ވެސް ކޯޓުން ދޫކޮށްލީ އެވެ. ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން ރޭ ތިން ވަނަ ފަހަރަށް އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ގާނޫނު އަރާ ހަަމަ ކުރުމަށް ފުލުހުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. ހުޅުމާލެ އިން ހައްޔަރު ކުރި ދެ މީހުން ދޫވި މައްސަލަ ބަލައި ފުލުހުންގެ ފަރާތުން ކަމެއް ރަނގަޅު ކުރަން ޖެހޭ ނަމަ އެކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތިން ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނެކެވެ.
އެ ދެ މީހުން ފުރަތަމަ ދޫކޮށްލީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓުން ނެރުނު ސައްހަ ނޫން އަމުރަކާ ހެދި ކްރިމިނަލް ކޯޓުންނެވެ. ދެ ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން ހުޅުމާލޭ ކޯޓުން ވެސް އެ ދެ މީހުން ދޫކޮށްލީ އެވެ.
އެ ގެ ފާސްކުރުމަށާއި މީހުން ހައްޔަރުކުރަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ކަންކަން ފުރިހަމަވެފައި ނެތުމުން ކްރިމިނަލް ކޯޓުން އެ މީހުން އެ މީހުން ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބުނީ ކޯޓުން އެ މައްސަލައިގައި ފާހަގަކުރި އިޖުރާއީ މައްސަލަ އަކީ ކުރިން އެއްގޮތަކަށް ވެސް ނުނަގާ މައްސަލައެއް ކަމަށެވެ. އެގޮތުން މައްސަލައެއް ކަމަށް ބެލީ، މައްސަލަ ތަހުގީގުކުރުމާ ހަވާލުވެފައިވާ ފުލުސް އޮފިސަރު ނޫން އެހެން މީހަކު ބަންދުގެ މުއްދަތަށް އެދުމުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނީ ދެ މީހުން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވީމާ އެމީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހައި ނުދިން މައްްސަލަ ޖެހޭނީ ހައިކޯޓުގައި އިސްތިއުނާފް ކުރަން ކަމަށެވެ.