ރާއްޖެ އަށް އެހީވުމުގައި އިންޑިއާ އޮންނާނީ ކުރީ ސަފުގައި: މޯދީ

ރާއްޖޭގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމަށް އެކި ދާއިރާތަކުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އިންޑިއާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.


ދެ ވަނަ ދައުރަކަށް ހުވާ ކުރައްވައި ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގައި ވިދާޅުވީ ރާއްޖެ އަކީ އިންޑިއާ އަށް މުހިއްމު ގައުމެއް ކަމަށެވެ. އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާ އެންމެ ގާތުގައި ކަމަށާއި ޒަމާންވީ އެ ގުޅުން ދެމިއޮންނާނީ ބަދަހިކަންމަތީގައި ކަމަށް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމާ ހަވާލުވެވަޑައިގަތުމާ އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިތުރު ދިރުމަކާއި ކުރިއެރުންތައް ލިބިފައިވާ ކަން ފާހަގަކުރައްވައި، ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު، އެމަނިކުފާނަށް އެރުވި ކަމަށްޓައި ޝުކުރު އަދާކުރެއްވި އެވެ. އެއީ މުޅި އިންޑިއާ އަށް ލިބުނު ޝަރަފެއް ކަމަށް މޯދީ ވިދާޅުވި އެވެ. އެމަނިކުފާނަށް ނިޝާން އިއްޒުންދީންގެ ލަގަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރުވީ، އެކި ދާއިރާތަކުން ރާއްޖެ އަށް ވެދެއްވާ އެހީތެރިކަމަށްޓަކަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޯދީއާ ސަލާމް ކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މޯދީ ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ރާއްޖެ އަށް ކުރިމަތިވި ކޮންމެ ހާދިސާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި އޮތީ އިންޑިއާ އެވެ. މިސާލެއްގެ ގޮތުން ދެއްކެވީ 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލަ އާއި 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ އިތުރުން ރާއްޖެ ފެނަށް ޖެހިގެން އިންޑިއާ އިން އެހީތެރިވެދިން ގޮތެވެ.

"ރައްޔިތުންނަށް ފައިދާ ހުރި ގިނަ މަޝްރޫއުތަކެއް، އިންޑިއާގެ އެހީގައި މިހާރު ވެސް އެބަ ހިންގާ. ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޯށްދިނުމުގައި އިންޑިއާ އޮންނާނީ ތައްޔާރަށް،" މޯދީ ވިދާޅުވި އެެވެ.

މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ތެރޭގައި ސިއްހީ ދާއިރާ ތަރައްގީ ކުރަން އެމްބިއުލެންސް ހޯދުމާއި އިމަޖެންސީ ވަސީލަތްތަކުގެ އިތުރުން ރައްޔިތުންގެ ދުޅަހެޔޮކަމަށް ބޭނުންވާ ޖިމްފަދަ ތަންތަނާއި ދަރިވަރުންގެ ފެރީ ޚިދުމަތާއި ޑިޓޮކްސް ސެންޓަރުތަކާއި ކްރިކެޓް ސްޓޭޑިއަމްތައް ގާއިމްކުރުން ފަދަ މުހިއްމު ގިނަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ގާއިމްވެފައި އޮތުމަށް މުހިއްމު ކަމެއް ކަމަށެވެ.

މޯދީ ވިދާޅުވި ގޮތުގައި ރާއްޖޭގެ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އަދި އިންޑިއާގައި ދާދި ފަހުން ބޭއްވި އިންތިޚާބުން ދައްކައިދިނީ ދެ ގައުމުގެ ރައްޔިތުން ވެސް ހަމަޖެހުން ގާއިމްވެފައި އޮންނަ ބޭނުންވާ މިންވަރެވެ. ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކޯލިޝަން ޕާޓީތަކުން ކާމިޔާބު ކުރި އިރު، އިންޑިއާގެ އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކުރީ މޯދީގެ ބީޖޭޕީ ޕާޓީންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމީ ވާހަކަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު މުހިއްމު ދާއިރާތަކަކުން މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތައް ހިމެނެ އެވެ.

ރައީސް ސޯލިހްގެ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެވުނު ކަންކަން ވެސް ތަންފީޒުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އޭގެތެރޭގައި، ބަޖެޓަރީ ސަޕޯޓާއި ޓީބިލް އަދި ކަރެންސީ ސްވެޕާއި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދޭން އިންޑިއާ އިން ދިން އެހީ ހިމެނެ އެވެ.

ބޮޑުވަޒީރުގެ ރަސްމީ ދަތުރުގައި މިއަދު ވަނީ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުމަކާއި ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ އެއްބަސްވުމަކާއި ސިއްހީ ދާއިރާއިން އެއްބާރުލުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އަސްކަރީ ދާއިރާއިން ސޮއިކުރީ ސަރަހައްދުގައި ދަތުރުކުރާ ކޮމާޝަލް އުޅަނދުތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގަ އެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހު މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި މިރޭ ތަގުރީރު ވެސް ކުރައްވައިފަ އެވެ.