ގަލުގައި ދިވެހި ޒަމާންވީ ކުރެހުންތައް ކަނޑައިނެގުމުގެ މަސައްކަތްކުރާ، މުހައްމަދު އިމްރާނުގެ އުފެއްދުންތައް އަބަދުވެސް ރައީސް އޮފީހުގައި ހުރެ އެވެ. އެއީ ހަދިޔާގެ ގޮތުގައި ބޭރުގެ އިއްޒަތްތެރިންނަށް އެރުވުމަށެވެ. އިއްޔެ ރާއްޖެ ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހަދިޔާގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަދިޔާކުރެއްވީ ވެސް އިމްރާންގެ އުފެއްދުމެކެވެ.
"ވަރަށް ވަރަށް އުފާވި. ސަޕްރައިޒަކަށްވީ. އެނގިފައެއް ނެތް މޯދީ އަށް ހަދިޔާކުރަން އޮތީ އަޅުގަނޑުގެ އުފެއްދުމެއް ކަމެއް،" ގަދީމީ ކަލެކްޝަންގެ ނަމުގައި އެ މަސައްކަތް ކުރާ އިމްރާން ބުންޏެވެ.
މޯދީ އަށް އެރުވީ އުވައިން އިމްރާން ހަދާފައިވާ ގުޅިއެކެވެ. ގުޅީގެ އެއް ފަރާތުގައި ދިވެހި ބަހުން "ދިވެހިރާއްޖެ" ލިޔެފައިވާއިރު ގުޅީގެ އަނެއް ފަރާތުގައި ކުރަހާފައިވަނީ "އިސްކަންދަރީ ޕެޓާން"ގެ ކުރެހުމެކެވެ. ކުރެހުންތަކާއި ލިޔުން ހުރީ ގަލުގައި ކަނޑައި ނަގައިފަ އެވެ.
"އެ ގަލަކީ އުވަޔާއި ދޮންވެލިން ހަދާފަ އިން ގަލެއް. ދެން ފީިރާއި ފުއްކަށި ބޭނުންކޮށްގެން ކަނޑައި ނަގާފަ އޭނީ،" ތައްޔާރުކުރި ގޮތް ކިޔައިދެމުން އިމްރާން ބުންޏެވެ.
އިމްރާންގެ އުފެއްދުންތައް މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ބޭރުގެ އިއްޒަތްތެރިންނަށް ދެއްވާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސްރީ ލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާ އާއި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހަ ހިމެނެ އެވެ.
އާޓްސްގެ ތެރޭގައި ހަރަކާތްތެރިވާ އިމްރާން ބުނިގޮތުގައި އޭނާގެ އުއްމީދަކީ ރާއްޖޭގެ ކުރީގެ މަސައްކަތްތައް އަލުން ދިރުވައި އާލާކުރުމެވެ. އެ އުއްމީދުގައި ހުރި އިމްރާންގެ އުފެއްދުމެއް އިންޑިއާގެ ބޮޑުވަޒީރަށް އެރުވުންވީ އޭނާ އަށް ލިބުނު އިތުރު ހިތްހަމަޖެހުމަކަށެވެ.