ފިޒިއޮތެރަޕީ ފްލޯގައި އަލަށް ފަށާ ޚިދުމަތްތައް ތޯރިގް ކިޔައި ދެއްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
16 ޖޫން 2019 - 12:12
ފިޒިއޮތެރަޕީގެ ޚިދުމަތަށް ވަރުގަދަ ސެޓަޕަކާ އެކު، މުޅިން އަލަށް 13 ފަރުވާއެއް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ ފިޒިއޮތެރަޕިސްޓަކު ސިފަކުރެއްވި ގޮތުގައި އެވަރުގެ ސެޓަޕެއް މި ސަރަހައްދުގައި ވެސް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ.
އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ހޮސްޕިޓަލަށް ގިނަ ޚިދުމަތްތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ބަދަލުކޮށް، މުޅި އިމާރާތް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ. އެ ހޮސްޕިޓަލުގައި ފެށި ޚިދުމަތްތަކުގެ ތެރެއިން އާއްމުންނަށް އެންމެ ލުއި ފަސޭހަކަމާ އެކު ފަރުވާ ދެމުން އަންނަ އެއް ތަނަކީ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ.
ފިޒިއޮތެރަޕީ އަށް މުޅި އެއް ފްލޯ ޚާއްސަކޮށްފައިވާ އިރު، އެތަނުގައި އޯޕީޑީ ނުވަތަ ބަލި މީހުން ބެލުމަށް 12 ކޮޓަރި ހުރެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތެރަޕީގެ ޖިމެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ދަރުމަވަންތަ ހޮސްޕިޓަލް ބަލާލަން "މިހާރު"ގެ ނޫސްވެރިންނަށް މިދިޔަ ހަފުތާގައި ލިބުނު ފުރުސަތުގައި ފިޒިއޮތެރަޕީ ޑިޕާޓްމަންޓަށް ވަން އިރު، ޚިދުމަތް ހޯދަން ގިނަ ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ. އައިޖީއެމްއެޗުގައި ފިޒިއޮތަރަޕީ ހިންގި ޑިޕާޓްމެންޓަށް ވުރެން ޖާގަ ދެ ގުނަ ބޮޑުވެފައި ވަސީލަތްތައް ވެސް ގިނަ އެވެ.
ފަރުވާ އަށް ޖާގަ ތަނަވަސް ތިން ޖިމް ހުންނަ އިރު، އެންމެ ހިތްގައިމީ ޓްރެޑްމީލް ޓެސްޓް ހަދާ ތަނެވެ. ބިއްލޫރި ޖަހާފައިވާ އެ ޖިމުގައި ހުންނަ އިރު މާލޭ ހުޅަނގު ފަރާތު މޫދު ފެނެ އެވެ. ކުރިން އެންމެ މެޝިނެއް ހުއްޓަސް އެތަނަށް ތިން މެޝިން ވަނީ އިތުރުކޮށްފަ އެވެ.
އެންމެ ފާހަގަކޮށްލެވެނީ، އެކި ފަރުވާތަކަށް ޚާއްސަ ހައިޑްރޯ ތެރަޕީ ޕޫލެވެ. އެތަނުގައި ފަރުވާ ދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިޑްރޯ ތެރަޕީ ޕޫލް: މިއީ ވެސް ރާއްޖޭގައި މުޅިން އާ ޚިދުމަތެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ތަނުގެ ފަރުވާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ފިޒިއޮތެރަޕިސްޓް ތޯރިގް މަޖީދު ވިދާޅުވި ގޮތުގައި ފިޒިއޮތެރަޕީ އަށް މި ސަރަހައްދުގައި ވެސް އެވަރުގެ ސެޓަޕެއް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލަށް 13 ފަރުވާއެއް ފަށާ އިރު އޭގެ ތެރޭގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ވެސް ލިބެން ނެތް ފަރުވާ ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް، ހައިޑްރޯ ތެރަޕީ ޕޫލް އިންނާނީ މި ރީޖަންގައި ވެސް ވަރަށް މަދު ހޮސްޕިޓަލެއްގައި. މަސަލްސް ޓެސްޓިން، އެކްސަސައިޒް ޓެސްޓިން ކުރެވޭނެ، މި ރީޖަންގައި ވެސް މަދުވާނެ މި ފަރުވާ ލިބޭ ތަންތަން،" ފިޒިއޮތެރަޕީ ޖިމްގައި ހުރި ގޮނޑިއަކަށް އިޝާރާތް ކުރައްވައި ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑައިނަމޯމެޓްރީ އާއި ޕެބްލޯމެޓްރީ ފަދަ ޚިދުމަތް ވެސް ލިބޭނެ އެވެ.
"ކުރިން ދެމުން އައި ޚިދުމަތަށް ބަލާއިރު 80 ޕަސެންޓް އިތުރަށް މިހާރު ދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތަރަޕީ ޖިމް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ކުރިން ނަމަ ކުޑަކުދިން ވެސް ފިޒިއޮތެރަޕީ ހަދަން ޖެހެނީ ބޮޑެތި މީހުންނާ އެއް ތަނެއްގަ އެވެ. އެކަމަކު އާ އިމާރާތުގައި ކުޑަކުދިންނަށް ވަކި ޖިމެއް ޚާއްސަކޮށް، ސާމާނުތައް ވަނީ ބަހައްޓައިފަ އެވެ.
ކުޑަކުދިންނަށް އަލަށް ފެށި އެއް ޚިދުމަތަކީ އޫގަލް ތެރަޕީ އެވެ. ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ނުހިނގޭ ކުދިންނަށް ދޭ އެ ފަރުވާ ރާއްޖޭގައި މި ފެށީ އަލަށެވެ.
ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ޖިމް: މިތަނުގައި އޫގަލް ތެރަޕީ ފަށާފައިވާ އިރު މިއީ ވެސް މުޅިން އާ ޚިދުމަތެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހިއްޕޮތެރަޕީ އާއި ޕީޑިއޮތަރަޕިކް ކްލައިމްބިން އާއި ބެލެންސް ފަދަ ފަރުވާތައް ކުރިއަށް ގެންދަނީ ކުޑަކުދިންނަށް ޝައުގުވެރިވާ ގޮތަށް ބެލެނިވެރިންނާ އެކު ކްލާހެއްގެ ގޮތަށެވެ. ހަފުތާގެ ވަކި ޚާއްސަ ދުވަސްތަކެއްގައި އެ ފަރުވާތައް ވަނީ ތާވަލްކޮށްފަ އެވެ.
"މި ފަރުވާތައް ދޭ އިރު، ބަލިމީހާ އެކު ބެލެނިވެރިޔާއަށް ވެސް ދަސްކޮށްދެވޭތޯ އެބަ ބަލަން. ތެރަޕިސްޓް ކިޔައިދޭނެ ބެލެނިވެރިއާ އަށް ކުއްޖާ އެކު ގޭގައި ކަސްތަރުތައް ކުރާނެ ގޮތް. އެއީ ގޭގައި ވެސް ކުއްޖާ އެކު ގިނަ ވަގުތު ހޭދަކުރާނީ ބެލެނިވެރިން ކަމަށް ވާތީ،" ތޯރިގް ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތަރަޕީ ޖިމް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހައިޑްރޯ ޕޫލްގައި ޚިދުމަތް ދޭން ޖެހޭ ވަރުގެ ބަލި މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. އެކަމަކު އެ ޚިދުމަތް އަދި ނުފަށަ އެވެ. ބައެއް ޚިދުމަތް ނުފެށި ލަސްވަނީ މުވައްޒަފުން މަދުކަމުންނެވެ. އެތަނުގައި މިހާރު ހިދުމަތް ދެނީ 17 ތެރަޕިސްޓުންނެވެ. އިތުރު މީހުން ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ހައިޑްރޯ ތެރަޕީ ދޭން ޕޫލަށް މީހުން ބާލަން ބޭނުންކުރާ ވަސީލަތެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އައިޖީއެމްއެޗުގައި ދެމުން އައި ގިނަ ޚިދުމަތްތަކެއް މިހާރު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަށް ބަދަލު ކުރަމުންނެވެ. އޯޕީޑީގެ ޚިދުމަތް ފަށާފައިވާ އިރު ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ވެސް ވަރަށް އަވަހަށް ބަދަލުކުރާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2.2 ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާއާ ހަވާލުކޮށްގެން ހެދި އިމާރާތް ނިންމައި މިހާރު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. އެކަމަކު ރަނގަޅު ކުރަން ޖެހޭ ބައެއް މަސައްކަތްތައް އަދި އެބަ ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭއަހްމަދު
16 March 2020
ޝުކުރިއްޔާ ރައީސް ޔާމީން
ޏަމުޏަމް
18 June 2019
ޝުކުރިއްޔާ އަހަރަމެންގެ ލޯބިވާ ރައީސް ޔާމީން ތި ގެނެސް ދެއްވި ތަރައްގީއަށް. އިހްލާސްތެރި ވެރިން ތިބޭނީ ތިހެން.
އެމްސް
17 June 2019
ސެޓަޕް އާއި ޢިމާރާތާއި މީހުން، އަބަދުވެސް ތިބޭ، ނުލިބެނީ އެކަށީގެންވާ ފަރުވާ!
މަގޭ ގައުމު
17 June 2019
ޝުކުރިއްޔާ ޑރ މަހްފޫޒާ. މި ކުރިއެރުމުގެ އަސްލަކީ ތިޔައީ. ދަރުމަވަންތަ ހޮސްޕިޓަލަށް ޚިދުމަތް ބަދަލުކުރުމުގެ ކުރިންވެސް ފިޒިއޮތެރަޕީ ޑިޕާޓްމަންޓް އަކީ އައި.އެސް.އޯ ސްޓޭންޑަޑް ތަނެއް. ހީވާގި ކަމާއިއެކު ތިޔަ ކުރެއްވި ބުރަ މަސައްކަތުގެ ފައިދާ މިއަދު މި ޤައުމުގެ ރައްޔިތުން ދެކޭނެ. ޝުކުރިއްޔާ ޑރ. މަހްފޫޒާ
ސުވާސްތީ
17 June 2019
ޝުކުރިއްޔާ ރައީސް އަބުދުﷲޔާމީން އަބުދުލްގައްޔޫމް.
ނިޔާފު
17 June 2019
އަހަރެން ހީކުރީ ސުރުޚީ ފެނުނީމަ ދަރުމަވަންތަ ސްކޫލް ކަމަށް.
ޕޮއް
17 June 2019
މެސިނަރީމޮޅުވީމަ އެއީ މާބޮޑުކަމައްދޯ ތިހަދަނީ އެމްއާރުއައިވެސް އިންޓަރޕުރެޓް ކުރަނީ އިންޑިޔާގެ ބެންގަލޯރ އިން ފިޒިއޯތެރެޕިސްޓުން ނެތީ މަދީ އެމްއާރުއައި ތަރުޖަމާ ކުރަން ދަސްކުރަންވި ދިވެހި ރޭޑިއޮލޮޖިސްޓުން، މެސިންމޮޅުވާވަރައް މޭންޕަވަރ އެބަޖެހޭ އިތުރުކުރަން!
ހަސަންބެ.
17 June 2019
ޝުކުރިޔާ ތަރައްގީގެ ރައީސް. ވީ މިސްޔޫ ރައީސް ޔާމީން.
ނުއުމާން
16 June 2019
މި ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ހިންގުމައް ކަނޑައަޅާ މެގަ ޕުރޮޖެކްޓުސަ ތަކަކީ ނަރުސް ކުދީން ސެކްސީ ޔުނިފޯމު ލެއްވުމާއި.. ފާޚާނާގެ ޓައިލްސް ބަދަލު ކުރުމާއި އަދި ލެކްސެޓިވްސް ސުޓޮކުރަން ކަބަޑުގަނޑެއް ލަކުޑީން ޖެހުމެވެ.
އަހޫ
16 June 2019
ޔާމީނު ވަރެއް ނެތް, މި ސަރުކާރު ކަމަކީ އަބަދު އިންސާފޭ ކިޔުން