ޚަބަރު / ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓަށް ފަހުގެ އިންޒާރު ދޭން މަޖިލިހަށް ގަރާރެއް!

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައި އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވުމަށް ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

ސުޕްރީމް ކޯޓަށް ލިބޭ ބާރުތަކުން ބޭރުވެ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަންނަ ނަމަ ބާރުތައް ބޭނުން ކޮށްގެން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދިނުމަށް ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އެ އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއްގެ ގޮތުގައި މަޖިލިހުން އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ.

މަޖިލިހުން އެ އަމުރާ މެދު ގޮތެއް ނިންމާފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ހިސާން ހުށަހެޅުއްވި ގަރާރުގައި ވަނީ ޑީޑީގެ މައްސަލާގައި އެ ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ނެރުނު އަމުރުގައި ޖޭއެސްސީގެ ނިންމުންތަކަށް ގޮތް ކަނޑައެޅުމުގެ ބާރު މަޖިލީހަށް ލިބިގެން ނުވާނެ ކަމަށް ބުނެފައި އޮތުމަކީ މަޖިލީހުގެ ބާރުތަކާއި ރައްޔިތުންގެ ސީދާ ބާރު ހަނި ކުރުމުގެ އަމަލެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާވުމަކީ ގާނޫނުއަސާސީން މަޖިލީހަށް ލިބިފައިވާ ބާރުތައް ދޫކޮށްލުން ކަމަށާއި އޭގެ ސަބަބުން ދައުލަތް ހިންގުމުގެ ނިޒާމް ބޮއްސުންލައި ގާނޫނުއަސާސީން ތަރުތީބުކޮށްފައިވާ އިންތިޒާމުތަކަށް ލޮޅުން އަރާ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ގަރާރުގައިވެ އެވެ.

ތުޅާދޫ ދާއިރާގެ އިންތިހާޞީ މެމްބަރު ހިސާން ހުސައިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މަޖިލީހުގައި ކުރާނެ ގޮތް ކިޔުމާއި މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކަށް ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ލިބިގެން ނުވާކަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ސާފުކޮށް އެނގެން އޮންނަ ކަމަށް ގަރާރުގައިވެ އެވެ.

މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވާ މަޖިލީހުގެ މައްޗަށް ބަސް ބުނުމަކީ އެއްވެސް ބައެއްގެ މައްޗަށް އޮތް ބާރެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ދެ އަމުރަކީ މަޖިލީހުގެ އެއްވެސް މެންބަރަކު ބަނދެވޭ އަމުރެއް ނޫން ކަމަށް ވެސް ބަހުސްގެ މެދުތެރެއިން ހިސާން ހުށަހެޅުއްވި ގަރާރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ދެ އަމުރަކީ މަޖިލިހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް ކުރި އަމުރުތަކެއް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ. އެހެންވެ، ގާނޫނީ އިމުގެ ތެރެއަށް ވަންނަން ސުޕްރީމް ކޯޓަށް އިރުޝާދު ދިނުމުގެ މުހިންމު ކަން ވެސް ގަރާރުގައި ފާހަގަ ކުރި އެވެ.

އެ ބާރުތަކުގެ އިމުން ބޭރުވެ މަޖިލީހަށް ލިބިފައިވާ ބާރަކަށް އަރައިގަނެ މަޖިލީހަށް ނުފޫޒެއް ފޯރުވައިފި ނަމަ މަޖިލީހުގެ ބާރުތައް ނެގެހެއްޓުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ގަރާރުގައިވެ އެވެ.

ހިސާން ހުށަހެޅުއްވި އެ ގަރާރާ މެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގެ ރިޔާސަތު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ

ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު އަމުރުތަކާ ގުޅިގެން މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ސުޕްރީމް ކޯޓަކީ ސިޔާސީ ޖަގަހައަކަށްވެފައިވާ ކަމަށާއި އެ ކޯޓުގެ ފަސް ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބާރުތަކަށް އެހެން އެއްވެސް މުއަސަސާއަކުން އަރައިގަތުމަކީ، ރައްޔިތުންގެ ބާރުތަކަށް އަރައިގަތުން ކަމަށެވެ. ސުޕްރީމް ކޯޓުން މަޖިލީހަށް މަސައްކަތް ނުކުރެވޭނެ ކަމަށް ނުވަތަ މަޖިލީހަށް ބަސް ނުބުނެވޭނެ ގޮތަށް އަމުރެއް ނެރެފައިވާތީ އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ބަހުސް ކުރެއްވުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު އޮތީ ސިޔާސީ ޖަގަހަތަކަށް ބަދަލުވެފައި ކަމަށެވެ. ޖޭއެސްސީން ފަނޑިޔާރުން ވަކިކޮށްފައި މަޖިލިހަށް ނުފޮޮނުވާ ތިބީ ކީއްވެތޯ ސައުދު ސުވާލު ކުރެއްވި އެވެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް އޮތަސް، "ގޯލް ކުރިމަތީގައި ކޮއްޓަ ކޮއްޓާ" މެމްބަރުން ތިއްބެވީތީ އެކަމަށް ސައުދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ނަޒާހަތްތެރި ކަން ގެއްލިފައި ތިއްބެވި ފަނޑިޔާރުންގެ މައްސަލަތައް ވީހާވެސް އަވަހަކަށް މަޖިލިހަށް ހުށަހެޅުއްވުމަށް ޖޭއެސްސީ އަށް ގޮވާލައްވައިފަ އެވެ. އަދި މަޖިލިހުން މަސައްކަތް ކުރަނީ ޖުޑިޝަރީ ހަމަ މަގަށް އަޅުވަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނޭވާއެއް ވެސް ލާނެ ކަމެއް ނެތް މިކަން ހަމަ މަގަށް އަޅުވާފައި. ރަށު ތެރޭގައި އެބަދެކެވޭ މަޖިލިސް އުވާލާ ހިސާބަށް އެބޭފުޅުންގެ (ސުޕްރީމް ކޯޓުން) ވިސްނުން ދާ ވާހަކަ. އަދި ދަމުންދަމުން ގޮސް ގައުމު ވެސް އުވާލަފާނެ. މިހާރު އެތިބީ ޒާތީ ހަސަދައިން ތަތްތެޅިފައި،" ވަހީދު ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުން ރައްޔިތުންނާއި މަޖިލިހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އެހެންވެ، މި މައްސަލަ އަށް ވަގުތުން ވަގުތަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

20 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 2%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އީދުކަޅުބެ

19 June 2019

ބާރުގެ ބޭނުންކޮށްގެން ވިޔަސް އަދި އެހެންކަމެއް ކޮށްގެންވިޔަސް، އެއްވެސް އިންޒާރެއް ދޭކަށް ނުޖެހެއެވެ. އަދި ކޮން ޤާނޫނަކުން ރައްޔިތުންގެ މަޖިލީހަށް ހުއްދަކޮށްފައި އޮތްކަމެއްތޯއެވެ؟ ކުރަންވީ ކަމަކީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިޔަސް އަދި އެހެން ކޯޓެއްގެ ފަނޑިޔާރަކު ވިޔަސް ސްލޫކީ މައްސަލައެއް އޮތްނަމަ އެކަން ޖޭއެސްސީ އިން ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. ޤާނޫނު ހަދާ މަޖިލީހުންވެސް އިމުން ބޭރުވާން ނުއުޅުއްވާށެވެ.

The name is already taken The name is available. Register?

ތިންބާރުކޯޅެނީ

19 June 2019

ތިންބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒެއްގައި މިހާރު މިފެންނަނީ ގާނޫނު ހެދުމުގެ ބާރު އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މައްޗަށް ބަސްކިޔާތަން، ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް، ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުންބަލާ މައްސަލަތަކުގައި އެންމެފަހުބަސް ބުނާފަރާތަކީ ސްޕްރީމްކޯޓުކަަމަށް... ބައްލަވާ 6:145 ގެ (ނ)

The name is already taken The name is available. Register?

ހަސަނު

19 June 2019

އެ 5 ފަނޑިޔާރުން މަގާމުގާ ހޭދަ ކުރާ ކޮންމެ ދުވަހަކީ ގައުމަށް އިޔާދަ ނުކުރެވޭ ވަރު ބޮޑުގެއްލުންވާ ދުވަހެއް...

The name is already taken The name is available. Register?

ބޮޑުރިޔާ

19 June 2019

މަޖިލީހަކުން ސްޕްރީމް ކޯޓުގެ މައްޗަކަށް ހުކުމެއްނުކުރެވޭނެ އެވާނީ ބާތިލް ސަބަބަކީ ގާނޫނު މާނަކުރުމާއި އަދުލް އިންސާފު ގާއިމްކުރުމުގައި ފަހުބަސް ބުނުމުގެ ބާރު ގާނޫނުންދީފައި އޮތީ ސްޕްރީމްކޯޓަށް އަދި ވެސް ގާނޫނު އަސާސީގެ އެމައްދާ ބާތިލްނުކުރޭ ވީމާ މިއީ އިންސާފަކީ ދެންމަޖިލީހަށް މިކަމުގައި ކުރެވޭނެކަމަކީ ޖޭއެސް ސީ އިން ފަޑިޔާރަކު ވަކިކުރަން އެދުމުން އެކަން ގާނޫނެއް ގާނޫނާ ހިލާފަތޯ މަޖިލީހަކުން ނުބެލޭނެ

The name is already taken The name is available. Register?

އެލް

19 June 2019

މިފަހަރު މީނާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ނިމޭނީ. އެބައެއްގެ ދުވަހުގައި ކަން ހިނގާނީ އެބަޔަކު ބޭނުންވާ ގޮތަށް. އެމްޑީޕީ ކިތަންމެ ގިނަ މެމްބަރުންނެއް ބަހުސަށް އަރާ ވާހަކަ ދެއްކިއަސް އެންމެ ފާހަގަވީ އެއްވާހަކައެއް އެންމެންހެން ރިޕީޓްކުރާކަން. ސުޕްރީމް ކޯޓުން "ފަހުބަސް" ބުނާތީ އެކަމާ ކަންބޮޑުވެގެން އުޅޭވަރު. ބޮޑަށް އިހްސާސްވަނީ މިއީ ބޮޑު އޮތޯރިޓީއޮތް ފަރާތަކަށް ބޯލެނބުމުގައި އުނދަގޫވެގެން އުޅޭ އުޅުމެއްގެ ގޮތުގައި.

The name is already taken The name is available. Register?

ފިރުޓޭ

19 June 2019

މާ ނައިސް ވާން ތެޅެން ހަދައިގެން ކުރީ ފަހަރުވެސް ބޮނޑި ބުއީ! ހަމަ މިހާރުން މިހާރަށް ތި ސުޕްރީމޯތައް މަޖްލީހުން ބޭރުކުރަންވީ! އަދީ ޖިނާއީ ދައުވާވެސް ކުރަންވީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލީތީވެ!

The name is already taken The name is available. Register?

އިހުސާނާ

19 June 2019

ކީއްވެތަ ތި ނަޒާހަތްތެރިކަން ގެއްލިފައިވާ ފަނޑިޔާރުންތައް ކަނޑާ ނުލެވިގެން އުޅެނީކީ؟

The name is already taken The name is available. Register?

ސަލީމާ

19 June 2019

ހެއްދެވި ފަރާތަށް ބިރުވެތިވާށެވެ ތާރީހް މިފަދަ ކަންކަމުން ދައްކުވައިދެނީ ބިރުވެރިކަމާ ހިތާމައެވެ. ވިސްނާމީހުންނަށް އިބުރަތުންފުރިފައިވާ ތާރީހެވެ.

The name is already taken The name is available. Register?

ނަޖުދާ

19 June 2019

ފަހު އިންޒާރު ދިނުމަށްފަހު، އަންނަ ހޯމަދުވަހުގެ މަޖްލީހުގެ ޖަލްސާއަށް އެޖެންޑާކުރެވޭގޮތަށް ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ މަގާމުތަކުން ދުރުކުރުމުގެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖްލީހަށް ފޮނުވާނެކަމަށް އުއްމީދުކުރަން. އެނޫންގޮތެއް މިކަމުގައި ދެންނެތް! ދިވެހިރައްޔިތުންނަށް ފުދިއްޖެ އިނގޭތޯ

The name is already taken The name is available. Register?

ޖބވވވ

19 June 2019

ހިސާނުމެން އަމިއްލައަށް ކިތައްމެ ފުންނާބުއުސްވެގެން އުޅުނަސް މަޖިލީހަށް ސުޕްރީމް ކޯޓު ނިންމުން ރަނގަޅު ނޫން ކަމަކަށް ކަނޑައެއްނޭޅޭނެ! ކަލޭމެން ކުރަންޏާ ކޮންމެ ކަމެއްވެސް ރަނގަޅުވީ. 1 ފެބްރުއަރީގެ އަމުރާ އެއްގޮތަށް އަމަލު ނުކުރީމަ ބޮޑެތި މާސިންގާ ބަހުސްތައް ކަރުން ނާރުފުއްޕާފަ ކުރި މީހުންތީ. ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިއަމުރަކަށް ކަލޭމެން ނުކިޔަމަސްތެރިވިޔަސް އެއީ ގާނޫނާ އެއްގޮތަށް ކުރެވޭކަމެއް. ޔާމީން ކުރީމަ ގޯސް މިމީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454