ދެ ޔުނިވަސިޓީ އެއްކޮށްލަން މަޖިލިހުގެ ގިނަ މެމްބަރުން ގޮވާލައްވައިފި

ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމިކް ޔުނިވަސިޓީގެ މެންޑޭޓް ބަދަލުކޮށް، ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން މިއަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.


ސަރުކާރުން ވަނީ އިސްލާމިކް ޔުނިވަސިޓީގެ ގާނޫނާއި ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްތަކެއް މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އެ ބިލްތައް ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޔުނިވަސިޓީތަކަށް ދިމާވެފައި އޮތް ދަތިތައް ހައްލުކުރުމެވެ. އަދި ގައުމީ ޔުނިވަސިޓީ އާއި އިސްލާމީ ޔުނިވަސިޓީގެ ހިންގުން ވީހާ ވެސް އެއްގޮތްކުރުމަކީ ވެސް ބިލްތަކުގެ މަގްސަދެއް ކަމަށް ބުނެފައިވެ އެވެ.

ގައުމީ ޔުނިވަސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރެއްވި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެއް ޔުނިވަސިޓީއެއް ރާއްޖޭގައި ބަހައްޓައިގެން ފުރިހަމަ އަދި ފެންވަރު ރަނގަޅު ތައުލީމެއް ދަރިވަރުންނަށް ދެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

"އެއް ޔުނިވަސިޓީއަކަށް ހިންގާ ނަމަ، ފުރިހަމަ ނިޒާމެއް، މާ ބޮޑަށް އަޅާލެވިގެން ޔުނިވަސިޓީ ހިންގިދާނެ ކަމަށް ދެކެން. ދެ ޔުނިވަސިޓީ އެއްކޮށްލައިގެން އިސްލާމީ ތައުލީމް ދެވޭ ގޮތަށް ވަރަށް ފުރިހަމަ އިސްލާމީ ފެކަލްޓީއެއް ބާއްވައިގެން ހިންގުމަކީ ރަނގަޅު ފެންވަރެއްގައި ކުރެވި ދާނެ ކަމެއް،" އިންތި ވިދާޅުވި އެވެ.

ޔުނިވަސިޓީތައް ހިންގާ އިރު، އެ ތަންތަނަކީ ސިޔާސީ ނުފޫޒު އޮތް ތަންތަނުގެ ބަދަލުގައި ޕްރޮފެޝަނަލްކަމާ އެކީގައި އެންމެ ފުރިހަމަ ތައުލީމު ދެވޭނެ ތަންތަނަށް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވީ ސިޔާސީ ނުފޫޒު އޮތް ވަރުން އަތޮޅު ތެރޭގެ އެކި ކެމްޕަސްތައް އެއްވެސް ގޮތަކަށް ތަމްސީލް ކުރެވިފައި ނުވާ ކަމަށެވެ.

އެމްޑީޕީން މަސައްކަތް ކުރަނީ ޔުނިވަސިޓީތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، ދަރިވަރުންނަށް އެކަމުގެ ފައިދާ ލިބޭނެ ތަނަކަށް ހަދަން ކަމަށް ވެސް ހާރޫން ވިދާޅުވި އެވެ. އަދި ގައުމީ ޔުނިވަސިޓީގެ ތެރެއިން އިސްލާމީ ޔުނިވަސިޓީގެ މެންޑޭޓް ގެނެސް ނުހިންގޭނެތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮމިޓީގައި މި ދެންނެވި އިސްލާހުތައް ގެނެސް، ރާއްޖެ އެއް ޔުނިވަސިޓީއަކަށް ބަދަލުވެގެން ދާނެ ކަމަށް،" ހާރޫން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ޔުނިވަސިޓީތަކަކީ ސަރުކާރު ހިންގާ އޮފީހެއްގެ ގޮތުގައި ބަދަލުވެފައިވާ ކަމަށެވެ. ޔުނިވަސިޓީތައް ވާން ޖެހޭނީ ތައުލީމީ ދިރާސާތައް ހަދައި ދުނިޔެ އަށް ލޯ ހުޅުވިފައިވާ ދަރިވަރުންތަކެއް ތިބޭ ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވެސް ވިދާޅުވި ގޮތުގައި ދުނިޔެ އަށް ނަމޫނާ ދައްކަން ރާއްޖޭގައި އޮތް ތަނަކީ ގައުމީ ޔުނިވަސިޓީ އެވެ. އެހެންވެ، ގައުމީ ޔުނިވަސިޓީގެ ދަށަށް އިސްލާމީ ޔުނިވަސިޓީ ކޮންމެވެސް ގޮތަކަށް ގެންގޮސްގެން ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެގެން ނުވާނެ މިދިޔަ ސަރުކާރުގައި ކަންތައްތައް ކުރި ގޮތަށް ކަންކަން ކުރި ބަޔަކަށް. މިހެން ހުށަހަޅާ އިސްލާހެއްގެ ތެރެއިން ވަކި މީހަކާ ޒާތީ ގޮތުން ދިމާކޮށް ވަކި މީހަކު މަގާމުން ދުރުކުރާ ބިލްތަކަކަށް މި ބިލްތައް ވެގެން ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ދެ ޔުނިވަސިޓީ އެއްކޮށްލައިގެން ހަރަދުތައް ވެސް ކުޑަ ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް އެޅޭނެ މުހިންމު ބާރެއް ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި މިކަންކަމަށް ރިއާޔަތްކޮށް ދެއްވުމަށް މެމްބަރުންގެ އަރިހުން އޭނާ އެދިވަޑައިގެންނެވި އެވެ.