ފަނޑިޔާރު ޑީޑީ ޖޭއެސްސީ އަށް ޖަވާބުދާރީވެ ވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރާތީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ ސުލޫކީ މައްސަަލާގައި އޭނާ މިއަދު ލިޔުމުން ޖަވާބުދާރީވެވަޑައިގެންފި އެވެ.


ސުލޫކީ މައްސަލަ ބަލަން ފަށައި ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ޑީޑީ ލިޔުމުން ޖަވާބުދާރީވެ ވަޑައިގެންކަން ޖޭއެސްސީ އިން ކުރި ޓުވީޓެއްގައި ހާމަކުރި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ. ޑީޑީ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ދިން ފަސް ދުވަސް ހަމަވާނީ މިއަދު އެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމެޓީގެ ފަސް މެމްބަރުން ބަލަމުން އަންނަ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ފުލުހުން ފޮނުވި ސިޓީއަކާ ހަވާލާދީ އެހެން މައްސަލައެއްގައި ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމާ ބެހޭގޮތުން މީހަކު "ސަސްޕެކްޓް 1" އާ މުއާމަލާތް ކުރަމުން ދިޔައިރު، ހައްޔަރުކުރި ދެ މީހުންގެ މައުލޫމާތު "ސަސްޕެކްޓް 1" އެކަން ފަނޑިޔާރު ޑީޑީއާ ހިއްސާކުރި ކަމަށެވެ.

އޭގެ ތެރެއިން ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުވައިދު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިިންމައި، އޭނާ ދޫކޮށްލަން އޭރު ކްރިމިނަލް ކޯޓުން ނިންމީ ފަނޑިޔާރު ޑީޑީ ކަމަށް ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ސިޓީގައިވާ ގޮތުން ފަނޑިޔާރު ޑީޑީ އެދިވަޑައިގެންފައިވާ ބޭފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ކަން ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެން، ސަސްޕެކްޓް 1 އަށް މެސެޖް ކުރައްވާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ސިޓީގައި އިޝާރާތް ކުރަނީ ދާދިފަހަކާ ޖެހެން އެ މަގާމުގައި ހުންނެވީ ފަނޑިޔާރު ޑީޑީގެ އަނބިކަނބަލުން ޣާނިއާ އަބްދުލްޣަފޫރަށެވެ.

ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.