ރަނގަޅު ހައްލެއް ހޯދަން ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި

ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅިގެން، އެކަމުގައި ރަނގަޅު ހައްލެއް ހޯދަން ދީބާޖާއާ އެކު އެޓާނީ ޖެނަރަލްގެ އޮފީހުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އޮފީހުގައި އޮތް ނިއުސް ބްރީފިންއެއްގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ދީބާޖާއާ އެކު ސަރުކާރުން މަޝްވަރާތައް ފެށީ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ބޮޑު އަދަދެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ސިވިލް ކޯޓުން ފަށާފައިވާއިރު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދާދި ފަހުން ވިދާޅުވެފައި ވަނީ ދީބާޖާގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

"މި މައްސަލައިގައި (ދީބާޖާ އަށް ބަދަލު ދިނުމުގައި) ވެސް އަޅުގަނޑު ނުދަންނަވާނަން ވާހަކަ ދެއްކުމުގެ ފުރުސަތު ނެތެކޭ. މިހާރު އަޅުގަނޑުމެން މިއެދޭ އެދުމަކީ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު، ހިނގާށޭ ހަމަ ހަގީގަތުގައި ވެސް ވީ ގެއްލުންތޯ ބަލަން،" މިދިޔަ މަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ރިފްއަތު ވިދާޅުވެފައި ވެ އެވެ.

"އެއީ މިނިވަން އޮޑިޓަރުން ހިމަނައިގެން ކަމަށް ވިޔައަސް، ހިސާބު ޖަހަމާ ހިނގާށޭ ކިހާ ގެއްލުމެއްތޯ ވީ. އެ ވީ ގެއްލުމެއް އެނގުނީމަ އޮންނާނެ ދެއްތޯ އަޅުގަނޑުމެން އެއަށް އެއްބަސްވުމަކަށް އަންނަން. އެ ފުރުސަތު އެބައޮތް އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި."

އެޓާނީ ޖެނެރަލް ރިފްއަތު: ދީބާޖާގެ މައްސަލަ ހައްލު ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކުންފުންޏާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް މިއަދު ވިދާޅުވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ދީބާޖާ އަށް ދައުލަތުން ދައްކަންޖެހޭ އަދަދާ މެދު ބަންޑާރަ ނައިބު އެ ކުންފުންޏާ އެކު މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު، ސުޕްރީމް ކޯޓުގެ ހުކުމް، މުރާޖައާ ކުރަން އެ ކޯޓަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަން ލަސްވަނީ، ބަންޑާރަ ނައިބު ރިފްއަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދީބާޖާ މައްސަލައާ ގުޅިގެން ފަނޑިޔާރުގެއާ މެދު ފެންމަތިވެފައިވާ ރިޝްވަތުގެ ތުހުމަތުތައް ކަމާބެހޭ މުއައްސަސާތަކުން ބަލަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގޮވާލާފައިވާތީ އެވެ.

ސުޕްރީމް ކޯޓުގައި، ދީބާޖާ މައްސަލައިގައި ވަކާލާތު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ލޯފާމުންނެވެ. އެ ލޯ ފާމާއި ދީބާޖާ އިންވެސްޓްމެންޓާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ 348 މިލިއަންގެ 50 ޕަސެންޓް ލޯ ފާމަށް ދިނުމަށެވެ. އެހާ ބޮޑު އަދަދެއް ދޭން ދީބާޖާ އިން އެއްބަސްވީ "ސަކްސެސް ފީ"ގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި އޮވެ އެވެ.