ފިލައިގެން ދިއުމަކީ އަޅުގަނޑުގެ އުސޫލެއް ނޫން: އަދީބު

ޒިންމާ އިން ރެކިވަޑައިގަތުމާއި ފިއްލެވުމަކީ އުސޫލެއް ނޫން ކަމަށާއި އަދި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެން ހިންގާ ތަހުގީގަށް ކުރިމަތިލައްވާނެ ކަމަަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހިތުގެ އުދާސްތައް މިއަދު ބޭރުކޮށްލައްވައިފި އެވެ.


އެކިއެކި ކުށްތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ބޭސްފަރުވާ ކުރަން އަދީބަށް ދިން މުއްދަތު މިދިޔަ މަހުގެ 26 ގައި ހަމަވާން އޮތަސް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މިއަދުގެ ނިޔަލަށް މުއްދަތު އިތުރުކޮށް ދީފަ އެވެ. އަދި އަދީބު މިއަދު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

އަދީބު ކުރެއްވި ޓުވީޓު.

ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު، އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއްވެސް މީހަކީ ހުރިހާ ކަމެއް މިލްކުވެފައިވާ އެންމެ ފުރިހަމަ މީހެއް ނޫން ކަމަށެވެ. އަދި ސަލާމަތުގެ އައްސޭރިއަކަށް ދެވޭނީ ގުޅިގެން ހިތްވަރާ އެކު ކުރާ މަސައްކަތުން ކަމަށް އަދީބު ވިދާޅުވި އެވެ.

"އަހަރެންނަކީ އުފާވެރި ވަގުތުތައް ތިބާއާ އެކު ހޭދަކޮށްފައި، ދަތިކަމާއި މުސީބާތުގެ ވަގުތުގައި ތިބާ ދޫކޮށް ފިލާ ރައްކާވާނެ ދެފުށް ދެގޮތް މީހަކަށް ނުވާނެ އެވެ. އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށް ނޫނެވެ،" ރާއްޖެ އަށް ނިސްބަތް ކުރައްވައި އަދީބު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި ޖަލުގައި ހުންނެވިއިރު، އެތަނުގެ ތޭރިތަކުގެ ތެރެއިން ސުލްހަ އާއި އުންމީދުގެ އަލިކަމެއް ފެނިވަޑައިގެންނެވި އިރު، އެންމެ ހިތްދަތި ވަގުތު މަސައްކަތް ކުރެއްވީ އިންސާފު ހޯދުމަށެވެ.

"...މީހުން ކިޔައިފާނެ އެއްޗަކަށް ނުބަލަމެވެ. އެއީ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލްހަޔާއި އުއްމީދުގެ އަލިކަމެއް އަހަރެންނަށް ފެނުނެވެ. ގައިދެއްގައި ބަންދުވެ އޭގެ އެންމެ ހިތްދަތި ވަގުތުގައި ވެސް އަހަރެން ތިބާ އާއި އެކުގައި ވާނީ އިންސާފު ހޯދަން މަސައްކަތް ކޮށްފަ އެވެ،" ދިވެހި ބަހުން ލިޔުއްވި ނޯޓެއްގައި އަދީބު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އެމަނިކުފާނުގެ ރަސްމީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލުމާއި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައިވާ އަދީބަށް ބޭސްފަރުވާ އަށް ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ މެޑިކަލް ބޯޑުން ދިނީ އެއް އަހަރު ދުވަހަށެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަދީބުގެ ދަތުރުގައި ސަލާމަތީ ކަންކަން ވާނީ ވަރުގަދަކޮށްފަ އެވެ. އޭނާ އެކު އިންޑިއާގައި ދިވެހި ތިން ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރަކު ހަރަކާތްތެރިވާނެ ކަމަށް އެ މިނިސްޓްރީން އޭރު ވަނީ ބުނެފަ އެވެ.

އެކި ކުށްތަކުގައި އަދީބުގެ މައްޗަށް އޮތް 33 އަހަރުގެ ޖަލު ހުކުމް އައި ނަަމަވެސް ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.