ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި

މ، ތ، އަދި ލ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށް ކޯޒްވޭ ހެދުމުގެ މަޝްރޫއުތައް ޑިޒައިންކޮށް، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަމަންޓަލް ކޮންސަލްޓަންސީ އާއި ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.


ލ. އާއި ތ. އަތޮޅުގެ ރަށްތަކެއް ކޯޒްވޭއިން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކެމްޕެއިންގައި އެ ރަށްތަކަށް ވަޑައިގެން ރައީސް ވަނީ އެ ރަށްތައް ގުޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހުކޮށްފައިވާ އިއުލާންގައި ބުނެފައިވާ ގޮތުން މުޅިންހެން ގުޅާލަނީ އެއް ފަޅެއްގައި އޮންނަ ރަށްތަކެކެވެ.

ރަށްތައް ގުޅާލާ ގޮތް

* ލ. ކުނަހަންދޫ - ލ. މެންދޫ ކޯޒްވޭ

* ލ. ކަލައިދޫ - ލ. ދަނބިދޫ ކޯޒްވޭ

* ލ. ހިތަދޫ - ލ. މެންދޫ ކޯޒްވޭ

* ތ. ވޭމަންޑޫ - ތ. ކިނބިދޫ ކޯޒްވޭ

* މ. މުލި- މ. ނާލާފުށި ކޯޒްވޭ

އެ މަޝްރޫތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިއަދު ބައްދަލުވުމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހެވެ.

އައްޑޫ ސިޓީ އާއި ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގެ ބައެއް ރަށްތައް މީގެ ކުރިން ވެސް ވަނީ ކޯޒްވޭތަކުން ގުޅާލައިފަ އެވެ.