ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިތުރުކޮށްފި ނަމަ ހަރަދު 7.9 މިލިއަނަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރުކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލް ފާސްކުރަން ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.

ޖުޑިޝަރީ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ބިލް ކޮމިޓީން ދިރާސާ ކުރި އިރު، ބެލި އެއް ކަމަކީ ދެ ފަނޑިޔާރުން އިތުރު ކުރީމަ، ބަޖެޓަށް އަންނަ ބުރައަކީ ކޮބައިތޯ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ކޮމިޓީއާ ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ހަސަން ވިދާޅުވީ ދެ ފަނޑިޔާރުން އިތުރު ކުރީމާ، އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އެކަމާ ވިސްނާލަން ޖެހޭ ކަމަށެވެ. އަދި އެ ހަރަދުތައް ކުޑަކުރެވޭނެ ގޮތެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު

"ފަނޑިޔާރުންނަކީ އެބޭފުޅުންގެ ޝަރަފާއި އިއްޒަތް ހިމާޔަތް ކުރެވިފައި ތިބި ބޭފުޅުން ކަން. އެބޭފުޅުންނަށް ލިބެން ޖެހޭ އިނާޔަތްތައް ވެސް ލިބެން ޖެހޭނެ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ފަހަކުން ހަތަކަށް ބަދަލުކުރަން ތާއީދު ކުރައްވާ ކަން ހާމަކުރައްވައި ހަސަން ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް ނުދަންނަވަން ފަނޑިޔާރުންގެ އިނާޔަތްތައް ކަނޑާލަން. އެބޭފުޅުންގެ ގަދަރާއި ޝަރަފާއި އިއްޒަތް އުނިކުރާކަށް. އެހެން ނަމަވެސް، މި ދެންނެވި އަދަދުގެ ފައިސާ ދައުލަތުގެ ބަޖެޓުން ކުރާ އިރު، އެއަށް ވުރެ ލުއި ގޮތެއް ހޯދަން ވާނެ."

މަޖިލިހުން ފާސްކުރި ފަނޑިޔާރުންގެ މުސާރަ އަށް ބަލާ އިރު، އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،125ރ. ލިބިވަޑައިގަންނަވާނެ އެވެ. ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ލިބިވަޑައިގެންނަވާނީ މުސާރަ އާއި އިނާޔަތާ އެކު 71،000ރ. އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަހެއްގެ މައްޗަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް ބަދަލުކުރާ ނަމަ، އެ ހުރިހާ ބޭފުޅުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހެއްގެ މައްޗަށް ފަސް ލައްކައެއްހާ ރުފިޔާ ހަރަދު ވާނެ އެވެ.

ސުޕްރީމް ކޯޓުގެ ބެންޗް ހަތަކަށް ބަދަލުކުރަން އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބިލުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ގައި ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކިކޮށްފައިވާތީ ކުރިން އޮތް ގޮތަށް ބަދަލުކުރުމެވެ.

ރާއްޖޭގައި 2010 ގައި ދާއިމީ ސުޕްރީމް ކޯޓު ހެދި އިރު ބެންޗުގައި ތިއްބެވީ ހަތް ފަނޑިޔާރުންނެވެ. އެކަމަކު 2014 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރީ އެވެ. އޭރު އެގޮތަށް ބަދަލުކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ފާއިޒްގެ މަގާމު ގެއްލުވައިލަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ.