ޝަރީފް ވަނީ މަޖިލިހަށް އޮޅުވާލާފައި، ތަހުގީގު ކުރަން ޖެހޭ: ނަޝީދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހަައްމަދު ޝަރީފް މާލިއްޔަތު ކޮމިޓީ އަށް އޮޅުވާލާފައި އޮތް ކަން މިހާރު ސާފުވެފައިވާ ކަމަށާއި އެހެންވެ، އޭނާގެ މައްސަލަ އަނބުރާ ފުލުސް އޮފީހުން ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ދެންމެ ވިދާޅުވީ، ޝަރީފްގެ ސިޓީއާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ ބެއްލެވިއިރު، ޝަރީފް އެ ކޮމިޓީ އަށް އޮޅުވާލައްވާފައިވާ ކަން ސާފުވެފައިވާ ކަމަށެވެ. އަދި ޝަރީފްގެ ސިޓީގައި އޮތީ "ބައުންސް ޗެކަކަށް ވާނެ ގޮތުގެ" ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޝަރީފްގެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި މަޖިލިހުން ފުލުހުންނަށް ހުށަހެޅީ ކޮމިޓީގައި ދޮގު މައުލޫމާތު ދެއްވި ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެމްބަރުން ނަޝީދަށް ކުރެއްވި ޝަކުވާތަކާ ގުޅިގެންނެވެ. މަޖިލިހުން އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ފޮނުވުމުން ޝަރީފް ވަނީ އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ވިދާޅުވެ، ފަހުން ސިޓީއެއް ފޮނުއްވައިފަ އެވެ.

އެމްއެމްޕީއާރުސީން ދޫކުރި ބައެއް ރަށްރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކި ފަރާތްތަކުން އެ ކުންފުންޏަށް ދިން ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއަބްލް" ޗެކްތަކެއް ވެސް ބީއެމްއެލުން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

"ނޮޓް ނެގޯޝިއަބްލް" ޗެކްތައް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޗެކްގައި ލިޔެފައި އޮންނަ ފަރާތުގެ އެކައުންޓަށެވެ. އެކަހަލަ އެއްވެސް ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައި ނުވާނެ ކަމަށް، ފެށުނީއްސުރެ ބީއެމްއެލުން އަންނަނީ ބުނަމުންނެވެ. އަދި މިދިއަ ހަފުތާގެ އަންގާރަަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވެސް އެ ބޭންކުން ތަކުރާރުކޮށް، އެގޮތަށް ބުންޏެވެ.

ފައިސާ އަށް ބަދަލު ކުރެވޭ ލިޔުމާ ބެހޭ ގާނޫނާ ހަވާލާ ދެއްވައި ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، ފައިސާ އަށް ބަދަލު ނުކުރެވޭނެ ޗެކަކީ ކްރޮސްކޮށްފައި ހުންނަ ނޮން ނެގޯޝިއަބަލް ޗެކް ކަމަށެވެ.

މާނަ އަކީ އެމްއެމްޕީއާރުސީގެ އެކައުންޓަށް މީހަކު ކްރޮސް ޗެކެއް ޖަމާކުރަން ފޮނުވައިފި ނަމަ، އެ ޗެކް އެހެން ގޮތަކަށް އެންޑޯޒްކޮށްފައި އެމްއެމްޕީއާރުސީގެ އެކައުންޓް ފިޔަވައި އެހެން އެކައުންޓަކަށް ލުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވެސް އެ ގާނޫނާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެއްސެވި އެއް ސުވާލަކީ "އެއްވެސް ޗެކެއް ކްރޮސްކޮށްފައި އޮތްތޯ؟" އެވެ. އަދި އެ ބައްދަލުވުމުގައި ބީއެމްއެލްގެ ޝަރީފް ވަނީ އެންޑޯޒް ކުރެވޭ ބާވަތުގެ ޗެކްތަކާއި ކްރޮސް ޗެކްތަކަށްވާ ގޮތުގެ މައުލޫމާތު ވަރަށް ތަފްސީލްކޮށް ހާމަކޮށްދެއްވައިފަ އެވެ.

"ވަރަށް ތެދުވެރި ބަހުން މި ދަންނަވަނީ ޕްރޮސެސްތަކާއި ގާނޫނުތަކާ އެއްގޮތަށް ބޭންކުން އަބަދުވެސް އަމަލު ކުރަމުން އައި ގޮތް، އެހެންވީމަ މިއީކީ އަސްލު ބޭންކުން، އެމްއެމްޕީއާރުސީން ވަކި ބަޔަކާ ގުޅިގެން ވަކި ގޮތަކަށް އެންގުމެއް އަންގައިގެން ކޮށްފައި ނެތް ކަމެއް،" މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވެފައި ވެ އެވެ.

ނަޝީދު، މިއަދުގެ ޖަލްސާގައި ވިދާޅުވީ، ޝަރީފްގެ ވާހަކަ އިން ސާފުވީ ކްރޮސް ޗެކެއް ނުވަތަ ގާނޫނާ ހިލާފު ޗެކެއް، އެމްއެމްޕީއާރުސީގެ އެކައުންޓު ފިޔަވައި އެހެން އެކައުންޓަކަށް ނުވަންނާނެ ކަން ކަމަށެވެ.

އެމްއެމްޕީއާރުސީ އަށް ޖަމާ ކުރުމަށް ބީއެމްއެލަށް ލިބުނު ޗެކުތަކުގެ ފޮޓޯ ލިބިފައިވާ ކަމަށާއި އޭގައި ސާފުކޮށް ކްރޮސް ޗެކްތައް ފެންނަން ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، ބީއެމްއެލްގެ ޝަރީފް މަޖިލިހަށް އޮޅުވާލައްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިއްޔެ ދެންނެވިން އެކަން ބަލާފައި އިތުރު ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް. އަޅުގަނޑުމެން ދާން ހަމަ ހަގީގަތުގައި ވެސް އޮތް ވިސްނުމަކީ އެ ބޭފުޅާގެ މައްސަލަ ބަލައި ތަހުގީގު ކުރުން،" ނަޝީދު ވިދާޅުވި އެވެ.