ފިލައިގެން ދިޔަ އަދީބު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.


އެނގިފައިވާ ގޮތުގައި، އިއްޔެ މެންދުރު ފަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައެއްގައި ތަހުގީގީ އިދާރާއަކަށް އޭނާ ހާޒިރުވާން އިއްޔެ އެންގި އެވެ. އެ ގަޑި އަށް އެތަނަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ވެސް އަދީބު ދެއްވި އެވެ. އެކަމަކު ތަހުގީގަށް ބަޔާން ދެއްވަން އޭނާ ވަޑައިނުގަންނަވާ ކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.

މިކަން މިގޮތަށް ހިނގާފައި ވަނިކޮށް، ކަނޑުމަގުން އަދީބު އިންޑިއާ އަށް އެތެރެވެގެން އުޅެނިކޮށް އަތުލައިގެންފައިވާ ކަމުގެ ޚަބަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާތަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

އަދީބަށް އިއްވި ހުރިހާ ހުކުމްތަކުން މިދިޔަ މަހުގެ ތެރޭގައި އޭނާ މިނިވަންވެފައިވާތީ، ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ވެސް އޭނާ ބަލަހައްޓަމުން ނުދެ އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އަދީބު އެންމެ ފަހުން ތަންފީޒުކުރަމުން ދިޔައީ ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން އިއްވި ގޭ ބަންދު ހުކުމެކެވެ. އަދީބަށް އެ ހުކުމް އައީ އައީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއްގައި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެންނެވެ. ބޭސްފަރުވާ އަށް މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އޭނާ އަށް ދިނީ ވެސް އެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިޔަސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލައިފަ އެވެ. އެހެންކަމުން އަދީބުގެ މައްޗަށް މިހާރު އެއްވެސް ދައުވާއެއް ނެތެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ވެސް މި މައްސަލައިގަ އެވެ.