ރާއްޖޭގެ ރަށްވެހިކަން ބޭރު މީހުންނަށް ލިބޭ ފުރިހަމަ ގާނޫނެއް ބޭނުންވޭ: އާޒިމް

ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ލިބޭނެ ފުރިހަމަ ގާނޫނެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވެ، ސިޓިޒެންޝިޕް ގާނޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.


ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ބިދޭސީއަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ގާނޫނުއަސާސީން މިހާރު ވެސް ލިބިދީފައިވެ އެވެ. އެކަމަކު، ހަމަ އެ ގާނޫނުއަސާސީގައި ބުނެފައި ވަނީ މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށެވެ. އަދި މީގެ އެތައް އަހަރެއް ކުރިން ވުޖޫދަށް ގެނައި ސިޓިޒެންޝިޕް ގާނޫނުގައި ވަނީ ބޭރު މީހުން ދިވެހި ރައްޔިތަކަށް ވެވޭނެ ޝަރުތުތައް ކަނޑައަޅައިފަ އެވެ.

ސިޓިޒެންޝިޕް ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ރައްޔިތުކަން ބޭނުންވާ ބޭރު މީހުންގެ ޝަރުތުތައް ހަމަވާ ނަމަ، ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް އެދި ފޮރިން މިނިސްޓްރީ އަށް ހުށަހެޅިދާނެ އެވެ. އަދި ޝަރުތުތައް ފުރިހަމަވާ ބިދޭސީން ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ގާނޫނުން ލިބިދެނީ ރައީސަށެވެ.

އާޒިމް "މިހާރު" އަށް ވިދާޅުވީ ސިޓިޒެންޝިޕް ގާނޫނަކީ މި ޒަމާނަށް ފެތޭ ގާނޫނެއް ނޫން ކަމަށާއި މިހާރު އޮތް ގާނޫނަށް ވުރެ ފުރިހަމަ ގާނޫނެއް މިކަމުގައި އޮންނަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނަކީ މި ޒަމާނަށް ފެތޭ އަދި ރައްޔިތުންނަށް ތަފްސީލްކޮށް އެނގެން އޮތް އެއްޗަކަށް ވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްވެހިކަން ބޭރު މީހުންނަށް ލިބޭ ގޮތަށް ގާނޫނެއް އޮތް ނަމަވެސް، ރަށްވެހިކަން މިހާރު ލިބެނީ ވަރަށް ދަތި ގޮތަކަށް ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަކު، ޒަމާނަށް ފެތޭ ގޮތަށް ހަދާ ސިޓިޒެންޝިޕް ގާނޫނުގެ ބޭނުމަކީ ފަސޭހަ ނުވަތަ އުނދަގޫ ކުރުމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ޒަމާނަށް ފެތޭ ގާނޫނެއް ހެދުމުގެ ބޭނުމަކީ ރަށްވެހިކަން ބޭނުންވެގެން އަންނަ ކޮންމެ މީހަކު ދިވެހި ރައްޔިތަކަށް ހެދުމެއް ނޫނެވެ. މިސާލެއްގެ ގޮތުގައި އާޒިމް ވިދާޅުވީ ރާއްޖޭގައި އުޅޭތާ 30 އަހަރުވެފައި ހުރެ، މާމަ ނޫނީ ކާފަ ދަރިއެއް ހުރުން ލާޒިމް ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގައި ވެސް އެބަތިބި މީހުންނާ އިނދެގެން ދަރިން ލިބިފައި، މާމަ އާއި ކާފަ ދަރިން ތިބި މީހުން. އެމީހުންގެ ޝަކުވާ ހުރީމަ ވިސްނުން ހުރި ގޮތެއް ބަލާލަން ބޭނުން ވަނީ،" ސިޓިޒެންޝިޕް ގާނޫނު ބަދަލު ކުރަން ތާއީދު ކުރައްވާ ކަން ހާމަކުރައްވައި އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި 1969 ވަނަ އަހަރު ވުޖޫދަށް ގެނައި ގާނޫނު "ސާފެއް" ނޫނެވެ. ގާނޫނު އޮތީ ސަރުކާރު ބޭނުންވީމަ ދޭ ކަހަލަ ގޮތަކަށް ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުގައި ރައީސް ބޭނުންވާ ބޭރު މީހަކަށް ދިވެއްސަކަށް ހެދޭ ގޮތަށް އޮތުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުގައި މިކަން ކުރާ ގޮތް ބަލައިގެން ރާއްޖޭގައި އެ ޝަރުތުތައް ފުރިހަމަ ގާނޫނެއްގެ ސިފައިގައި މަޖިލިހަށް އައުމަކީ ބޭނުންތެރި ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަތް ނަންގަވައިގެން. --.ފޮޓޯ:ނިޝާން އަލީ/މިހާރު

ސިޓިޒެންޝިޕް ގާނޫނުގައި އޮންނަ ގޮތުން ރަށްވެހިކަމަށް އެދޭ މީހަކީ އުމުރުން 21 އަހަރުވެފައިވާ މުސްލިމަކު ކަމުގައި ވާން ޖެހޭނެ އެވެ. އަދި އެމީހަކީ ބުއްދި ސަލާމަތުން ހުރި، މެދުކެނޑުމެއްނެތި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި މި މުއްދަތުގައި ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ނުވުމާ އެކު ރާއްޖޭގައި އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަވުން ހިމެނޭ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އެމީހަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އަދި ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރާ އެއް ވަރަށް ލިޔަންކިޔަން ދަންނަ މީހަކަށް ވެސް ވާން ޖެހޭނެ އެވެ. ސިޔާސީ ކުށެއް، ހައްދެއް ކަނޑައެޅިފައިނުވާ މީހަކަށް ވާންޖެހޭ އިރު، އެމީހަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވެފައިވާ މީހަކަށް ވެގެން ނުވާނެ އެވެ.

އަލީ އާޒިމް ކުރެއްވި ޓުވީޓު.

ގާނޫނުގައި ވަނީ އެ މީހަކީ ރާއްޖެ އަށް ބޭނުންތެރި މީހަކަށް ވާން ޖެހޭ އިރު، އެމީހެއްގެ އަސްލު ސިޓިޒެންޝިޕް ދޫކޮށްލައި އެ ސިޓިޒެންޝިޕުން ތަނާޒުލްވުމާ މެދު އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ރަސްމީ ލިޔުމެއް އޭނާގެ ގައުމުގެ ސަރުކާރުން ހޯދައި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"ޝަރުތުތައް ފުރިހަމަ ވެގެން މިއަދާ ހިސާބަށް އައިއިރު، އަޅުގަނޑަށް އެނގިގެން އެންމެ ބިދޭސީއެއް ދިވެއްސަކަށް ހަދާފައި ހުރީ. ދާ ކޮންމެ މީހެއް ފެއިލް ވަނީ،" އާޒިމް ވިދާޅުވި އެވެ.

ރަށްވެހިކަން ބޭނުން ނަމަ، ރާއްޖެ އަށް ބޭނުންތެރި މީހަކަށް ވާން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާތީ އާޒިމް ވިދާޅުވީ ބޭނުންތެރީ ކޮން ކަމަކަށް ކަން ގާނޫނުގައި ބުނެދީފައި ނުވާ ކަމަށެވެ. އަދި ގާނޫނުއަސާސީ ފުރިހަމަ އަށް އެނގުމަކީ ކޮބައި ކަން ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ އައި ޓޫރިސްޓުންތަކެއް ރިސޯޓަކަށް ދިއުމަށް ލޯންޗަށް އަރަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އާޒިމް ވިދާޅުވި ގޮތުގައި ޒަމާނަށް ފެތޭ ގާނޫނެއް ހެދުމުގެ ބޭނުމަކީ ރަށްވެހިކަން ބޭނުންވެގެން އަންނަ ކޮންމެ މީހަކު ދިވެހި ރައްޔިތަކަށް ހެދުމެއް ނޫނެވެ. މިސާލެއްގެ ގޮތުގައި އާޒިމް ވިދާޅުވީ ރާއްޖޭގައި އުޅޭތާ 30 އަހަރުވެފައި ހުރެ، މާމަ ނޫނީ ކާފަ ދަރިއެއް ހުރުން ލާޒިމް ކުރެވިދާނެ ކަމަށެވެ.

"ވަކި މީހަކު ބޭނުންވީމަ ސިޓިޒެންޝިޕް ދެވިގެން ނުވާނެ. ރައީސަށް ބޭނުންވީމަ ސިޓިޒެންޝިޕް ދެވޭ. އެހެން އެއްވެސް މީހަކަށް އެކަމެއް ނުކުރެވޭ. އެއީ ހަމަހަމަ އުސޫލެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އާދަޔާ ހިލާފު މޮޅެތި މީހުންނާއި ޑޮކްޓަރުންނާއި ހުނަރުވެރިން ފަދަ މީހުން ރާއްޖެ އަށް ބޭނުންވާ ކަމަށެވެ. ގައުމަށް ބޭނުންވެފައި ތިބި އަދި ރާއްޖޭގައި އެތައް އަހަރެއް ވަންދެން ދިރިއުޅޭ، ބޭރު މީހުން ހިފަހައްޓަން ޖެހޭ ގޮތެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.