މަސްވެރިކަމުގެ މަނާ ބާވަތްތައް ކަނޑައަޅައި ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން މަނާ ބާވަތްތަކެއް ކަނޑައަޅައި އެފަދަ މަސްވެރިކަން ކުރާ މީހުން ޖޫރިމަނާ ކުރަން މަސްވެރިކަމުގެ ބިލްގައި ހިމަނައިފި އެވެ.


ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގައި ބޮޑު ދަލާއި އޮޔާދާ ދަލާއި ދަމާ ދަލުގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ރޮދުލުމާއި ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެން ވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމުގައި ބިލްގައި ވަނީ ބުނެފަ އެވެ. މި ބިލްގައި ބުނާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމަކީ ކުށެކެވެ.

މަސްވެރިކަން ކުރުން މަނާ ބާވަތްތައް ކަނޑައަޅާފައި އޮއްވައި އެފަދަ ކުށެއް ކުރާ މީހަކު ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

މަސް މާރުކޭޓު ކައިރިން ކުޑަ ޑިންގީއެއްގައި އެއްގަމަށް ކަންނެލި ބާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލްގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެހޭ އުސޫލުތައް ކަނޑައެޅުން ކަމަށް ބިލްގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަކީ ވެސް ބިލްގެ މަގްސަދެކެވެ.

ރިޕޯޓު ކުރުމެއް ނެތި ކުރާ މަސްވެރިކަން މަދުކޮށް އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރުމާއި އަދި އެކުއަކަލްޗަގެ ސިނާއަތު ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި ކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ބިލްގެ މަގްސަދެކެވެ.

ބިލްގައިވާ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުގައި މި ބިލް ހިންގޭނެ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ނަމަ، ބިލް ހިންގޭނީ ރާއްޖޭގެ އުޅަނދުފަހަރުތަކަށާއި އޭގައި ތިބި ދިވެހި އަދި ބިދޭސީންގެ މައްޗަށެވެ. އަދި ބިލްގައި ނުވަތަ ގަވައިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދު، އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމަށް ބިލްގައި ބުނާ އުސޫލުތަކެއް ނުހިނގާނެ އެވެ.

ބިލްގައި ވަނީ މަސްވެރިކަމުގައި ބޭނުން ކުރާ އާލާތްތަކާއި ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމަށާއި އެ ނޫން ވެސް ކަމާ ގުޅޭ އެހެން ކަންކަމަށް ރިއާޔަތްކޮށް އެ މަސްވެރިކަމަކީ ވަކި ބާވަތެއްގެ މަސްވެރިކަން ކަމަށް ކަނޑައަޅައި އެ ކަން ފިޝަރީޒް މިނިސްޓްރީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށެވެ. އެގޮތުން ކޮންމެ މަސްވެރިކަމަކަށް މެނޭޖްމަންޓް ޕްލޭނެއް ގެޒެޓްގައި ޝާއިއު ކުރަން ޖެހެ އެވެ. މަސްވެރިކަމާ ގުޅޭ ހުރިހާ ގަވައިދެއް ހެން ހެދުމުގެ ބާރު ބިލްގައި ދީފައި އޮތީ ވެސް ފިޝަރީޒް މިނިސްޓްރީއަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ވިޔަފާރީގެ ބޭނުމަށް އެއްވެސް މަސްވެރިކަމެއް ކުރުމަށް ހުއްދަ ދެވޭނީ އެ މަސްވެރިކަމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއް އޮތް ކަމުގައިވާ ނަމަ ކަމަށް ކަމަށް ބިލްގައިވެ އެވެ. އަދި މަސްވެރިކަމާއި ގުޅޭ މެނޭޖްމަންޓް ޕްލޭންގައި ހުރި ކަންކަން އިސްލާހުކޮށް ބާތިލް ކުރުމުގެ ބާރު ފިޝަރީޒް މިނިސްޓަރަށް ބިލުން ލިބިދެ އެވެ.

ބިލްގައި ވަނީ ބޭރުގެ މަސްވެރިކަން ކުރާ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ވާނީ އެކަމަށްޓަކައި މިނިސްޓްރީން ދޫކުރާ ހުއްދަ ދުރާލައި ހޯދުމަށް ފަހުގައި ކަމަށެވެ. އަދި މިނިސްޓްރީގެ ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އަދި ނުކުންނަ މަސް ބޯޓުތަކަށް އެޅިދާނެ ފިޔަވަޅުތައް ގަވައިދުގައި ހިމެނިދާނެ ކަމަށް ވެސް ބިލްގައި ބުނެފަައިވެ އެވެ.

ބިލްގައި ވަނީ މަސްވެރިކަން ކުރާ ދިވެހި މަސް ބޯޓުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށާއި މަސް ވިއްކަން ވާނީ މިނިސްޓްރީން އެކަމަށް ދޫކުރާ ހުއްދައެއްގެ ދަށުން ކަމަށް ބުނެފަ އެވެ. އަދި މަސްވެރިކަން ކުރާނެ ފަސޭހަ ތަކެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން އޮފްޝޯ ޕްލެޓްފޯމްތައް (ކަންނެލި ޖަގަހަ) ގާއިމު ކުރުމުގެ އިހްތިޔާރު ވެސް ބިލްގެ ދަށުން މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

ރާއްޖެ އިން ބާނާ މަސް ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ އިޖުރާއަތުތައް ގަވައިދުގައި ބަޔާންކުރަން ވާނެ ކަމަށް ބިލްގައިވެ އެވެ.