ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިން އަތޮޅެއްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކޮށް ރިސޯޓް ހެދުމަށް ދެ ރަށް ދީފައިވާ ވާމިލިއަން ކުންފުނިން ފެރީގެ ހިދުމަތް މެދު ކަނޑާލި މައްސަލާގައި އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.


މ. އާއި ފ، އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދެމުން އައި ވާމިލިއަން އިން ވަނީ މިދިޔަ މޭ މަހު ފެރީގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ. ވާމިލިއަންއަކީ އެމްޑީޕީގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)ގެ ކުންފުންޏެކެވެ. އެކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓުން އޭރު ވަނީ އެދިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މިއަދު ވިދާޅުވީ ވާމިލިއަންއާ ދޭތެރޭ އަޅާނެ ފިޔަވަޅެއް އަދި އޭޖީން އަންގާފައި ނުވާ ކަމަށެވެ. އެހެންކަމުން އަދި ވަކި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވާމިލިއަންއިން އަށް އަހަރު ފެރީގެ ހިދުމަތް ދިނުމަށް ފަހު ހުއްޓާލި ތިން އަތޮޅުގެ ތެރެއިން މ. އާއި ދ. އަތޮޅުގައި އެމްޓީސީސީން ވަނީ ވަރަށް ފަހުން ފެރީގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ވަރަށް އަވަހަށް ފ. އަތޮޅުގައި ވެސް ފެރީގެ ހިދުމަތް ފަށާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްޑީޕީ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ.

ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި ބަދަލުތައް ހޯދަން ކޯޓަށް މައްސަލަ ހުށައެޅި އެވެ. އޭގެ ތެރޭގައި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހޭ ދީބާޖާ ކުންފުނީގެ މައްސަލަ ހިމެނެ އެވެ.