ޕާކިން ސިސްޓަމްތައް ހުރީ ބާ ދަގަނޑަށްވެ، އުކާލަންޖެހިފައި: އައިޝާ

ކުރީގެ ސަރުކާރުން ބެހެއްޓި ޕާކިން ސިސްޓަމްތައް "ބާ ދަގަނޑަށްވެ" އުކާލަންޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ޕާކިން މައްސަލަ އަށް ހައްލު ނުހޯދައި، ފުލުހުން ސްޓިކާ ޖަހާ ކަމަށް ބުނެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން އައިޝާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހަދާފައި ހުއްޓަސް، ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ.

"އެއީ ގެއްލިގެން ދިޔަ ލާރިތަކެކޭ އަޅުގަނޑު ދަންނަވާނީ،" އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި މެކޭނިކަލް ސިސްޓަމްތައް ހުރީ ބާ ދަގަނޑަށްވެފަ އެވެ. އަދި ސަރުކާރުން ބޮޑެތި ހަރަދުތަކެއް ކޮށްގެން އެ ސިސްޓަމްތައް ނަގައި ބޭރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާކިން ޖާގަ ހެދުމުގައި ދަތިތަކެއް ދިމާވެގެން އުޅެނީ ވެސް މިކަހަލަ ސަބަބުތަކާ ހުރެ. އެހެންވީމަ އެއިން (ޕާކިން ސިސްޓަމްތައް) އެއްވެސް ފައިދާއެއް ނުވޭ،" އައިޝާ ވިދާޅުވި އެވެ.

ވެލާނާގޭ ސަރަހައްދުގައި ބަހައްޓާފައި ހުރި ޕާކިން ސިސްޓަމް -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ބަހައްޓަން ނިންމައި 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓްރީން އިއުލާންކުރި އެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން ބައެއް ތަންތަނުގައި ސިސްޓަމްތައް ބެހެއްޓި އެވެ. ވެލާނާ ބިލްޑިން ކައިރީގައި ބެހެއްޓީ ކާރަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެކެވެ. ކުރިން ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ ސިސްޓަމެކެވެ.

އެއްފަހަރާ 10 ކާރު ޕާކްކުރެވޭ ސިސްޓަމް ބޭނުންކުރަން ފެށި ނަމަވެސް ވަކި ހިސާބަކުން އެކަން ހުއްޓުނީ އެވެ. ހީނާމާގޭ ބިމުގައި ސަތޭކަ ސައިކަލް ޕާކްކުރެވޭ ގޮތަށް ސިސްޓަމެއް ބެހެއްޓި ނަމަވެސް ބޭނުމެއް ނުކުރެ އެވެ. އެ މަރާމާތު ކުރުމުގެ ޒިންމާ ނަގާނެ ބަޔަކު ނުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕާކިން ސިސްޓަމްތައް ނަގަން ނިންމި ނަމަވެސް، މި އަހަރުގެ ނިޔަލަށް މާލޭގެ އެކި ސަރަހައްދުތަކުގައި ސައިކަލަށް 1،000-1،500 އާއި ދެމެދުގެ އަދަދެއްގެ ހަމަޖައްސައި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 100 އަށް ވުރެ ގިނަ ޕާކިން ސްލޮޓް ހަމަޖެހޭނެ ކަމަށެވެ.

އެކަމަކު، އެ ތަންތަން ހަދަނީ ކޮން ތާކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ތޮއްޖެހިފައިވާ މާލެ އަށް ފަސޭހަ ބަދަލުތަކެއް ގެނައުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަން ފާހަގަކުރައްވައި އައިޝާ ވިދާޅުވީ ސަރުކާރުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ކުރަނީ އެއްގަމު އުޅަނދުތައް ޕާކް ކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ޕާކް ކުރާނެ ޖާގަތައް ތަނަވަސްކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. ޕާކިން އިތުރު ޖާގަތަކެއް ހަދަމުން އަންނަ ކަމަށް ވިދާޅުވި. --- ފޮޓޯ: މަޖިލިސް

މާލޭގައި ޕާކިން ޒޯނުގެ ގޮތުގައި ހެދި ތަންތަން

- މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޕާކިން ޒޯން.

- ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ޕާކިން ޒޯން.

- ވެލާނާގޭ ކައިރީގައި އޮންނަ ޕާކިން ޒޯން.

- އެމްއެމްއޭ ކައިރީގައި ހެދި ޕާކިން ޒޯން.

- މާފަންނު ސަހަރާ ކައިރީގައި ހެދި ޕާކިން ޒޯން.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެހިކަލް ޕާކް ކުރާނެ ދެ ސަރަހައްދެއް ހެދުމުން ބޮޑުތަކުރުފާނު މަގުގައި ޕާކް ކުރާ ވެހިކަލްތަކުގެ އަދަދު މަދުވެފައިވާ ކަމަށް އައިޝާ ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ލިބުނު ބޮޑު ފަސޭހައެކެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ޕާކް ކުރެވޭނެ ތަންތަން ހެދި ކަމުގައިވިޔަސް ޕާކިން މައްސަލަ އަށް ހައްލު ލިބޭނީ ރަޖިސްޓްރީ ކުރާ ވެހިކަލްތައް ކޮންޓްރޯލް ކުރެވިގެން ކަމަށެވެ. އަދި މާލެ، ވެހިކަލުން ތޮއްޖެހޭތީ އެ މައްސަލަ އަށް ހައްލު ހޯދަން ކެބިނެޓްގައި މަޝްވަރާކުރަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި ޕާކް ކުރާނެ ތިން އިމާރާތެއް އެޅުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އެ ތަންތަން ހެދުމުން މާލޭގައި މިހާރު އޮތް ހާލަތަށް ބަދަލު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ އިމާރާތުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ "ކުރިން ހާވާފައި ހުރި ހަޑިތައް" ސާފުކުރަން ޖެހިފައިވާ ކަމަށެވެ. އަދި ތަނެއް ސާފުކޮށްގެން ނޫނީ ކަންކަން ކުރިއަށް ބައްޓަން ނުކުރެވޭނެ ކަމަށާއި "މުޑުދާރުވެފައި" ހުރި އެއްޗެހީގެ ސަބަބުން ޓްރާންސްޕޯޓުން ކަންކަން ރޭވުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު އައިޝާ ވިދާޅުވި އެވެ. އެކަމަކު، ކުރިއަށް އޮތް ތަނުގައި އާ ކަންކަން ޓްރާންސްޕޯޓު ތެރެއިން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ ފަސް އަހަރު ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދާ ހިލާފަށް ކުރި ކަންކަން ގިނަ ކަމަށެވެ. އެ ތަނުގައި ހުރި މައްސަލަތައް ބަލައި ދިރާސާކޮށް އެ މައްސަލަތައް ހައްލު ކުރާނެ ކަމުގެ ޔަގީން މިނިސްޓަރު ވަނީ ދެއްވައިފަ އެވެ.