ދަގަނޑު ޖަހައިގެން މަސް ހިފުން މަނާކުރުމާ މެދު ހިޔާލު ތަފާތު

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާކުރަން މަސްވެރިކަމުގެ ބިލްގައި ހިމަނާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފި އެވެ.


ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަން ކުރުން މަނާ ބާވަތްތަކެއް ކަނޑައަޅައި އެފަދަ މަސްވެރިކަން ކުރާ މީހުން ޖޫރިމަނާ ކުރަން ބިލްގައި ވަނީ ހިމަނައިފަ އެވެ.

އެގޮތުން ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ބޮޑު ދަލާއި އޮޔާދާ ދަލާއި ދަމާ ދަލުގެ މަސްވެރިކަން ކުރުމާއި އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަން ކުރުމާއި ރޮދުލުމާއި ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެން ވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެއް ކަމަށް ބިލްގައިވެ އެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި މިހާރު ބިލް އޮތް ގޮތުން ދަގަނޑު ޖަހައިގެން ބޯވަ ވެސް ނުނެގޭނެ ކަމަށެވެ.

ދަގަނޑު ޖަހައިގެން މަސްވެރިކަން ކުރާ ޒުވާނުންނަށް އެ ފުރުސަތު ބަންދުވުމަކީ ކަންބޮޑުވުމެއް ކަމަށާއި ކޮމިޓީ މަރުހަލާގައި އެ ބައި އުނި ކުރަން ޖެހޭ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން މަޖިލިހުގައި ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނަ އިރު، ގެސްޓްހައުސްތަކާއި ސަފާރީތަކަށް އަންނަ ގިނަ ޓޫރިސްޓުން ބޭނުންވާ އެއް ކަމަކީ ސްޕޯޓްސް ފިޝިން އަދި އަޑިއަށް ގޮސް ދަގަނޑު ޖަހައިގެން މަސް ހިފުން ކަމަށެވެ.

"ދޮށީ މަސްވެރިކަން ފަދަ އިން ފަހަރަކު މަހެއް، ދަގަނޑު ޖަހައިގެން މަރާ އުސޫލަކީ ތިމާވެއްޓާ ރައްކާތެރި، ރައްޓެހި ގޮތެއް ކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން،" ޝިޔާން ވިދާޅުވި އެވެ.

އެހެންވެ، ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރެވޭނެ ގޮތަށް ބިލް ބައްޓަންވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮމިޓީ މަރުހަލާގައި އެ އިސްލާހު ގެނައުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވީ މަސްވެރިކަމުގެ ބިލުން ވެސް ފެންނަނީ ގިނަ ބާވަތްތަކުގެ މަސްވެރިކަން މަނާކުރާ މަންޒަރު ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިއެރުން ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ގާނޫނުން ފެންނަނީ ހުރިހާ ކަމެއް މަނާކުރާ ތަން، މި ކަންކަން މަނާކުރުމުން، ލިބެންވާ އާމްދަނީ ހޯދަން ހުރަސް އެޅޭ މަންޒަރު،" ޖާބިރު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ގާނޫނު ހަދަނީ ރައްޔިތުންނަށް ފަހިކޮށްދޭން ކަމަށާއި ގާނޫނު ހަދަނީ ކަންކަން ހުއްޓުވައި މަނާކުރަން ނޫން ކަމަށެވެ. ބިލް އޮތީ ކަންކަން ހުއްޓުވައި، ބަންދު ކުރެވޭ ގޮތަކަށް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު އުންމީދުކުރަން ކޮމިޓީ މަރުހަލާގައި މަސްވެރިންނަށް ފަހިވާނެ ގޮތަށް މި ބިލް ބައްޓަން ވެގެން އަންނާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.

މަސްވެރިކަން ކުރުން މަނާ ބާވަތްތައް ކަނޑައަޅާފައި އޮއްވައި އެފަދަ ކުށެއް ކުރާ މީހަކު ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.