ރާއްޖެ އާއި ލަންކާ އަށް ވެސް މުހިއްމީ އިންޑިއާ ކަނޑުގެ ހަމަޖެހުން: ރައީސް

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖެ އާއި ސްރީ ލަންކާގެ ތަރައްގީ އާއި ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެ އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ރައީސް އޮފީހުގައި ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ސުލްހަ މަސަލަސްކަމާއި އަމާންކަމާއި ތަރައްގީ އާއި ކުރިއެރުން ހޯދުމުގައި ގިނަ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖޭން ގަބޫލުކުރާ އުސޫލު ކަމަށެވެ. އެގޮތުން، ލަންކާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އަލުން ބަދަހިކުރަން މަަސައްކަތް ކުރަން މި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމަކީ ރާއްޖެ އާއި ސްރީ ލަންކާގައި ވެސް ސުލްހަ އާއި ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުން ކަމެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ދެން ވިދާޅުވީ، ރާއްޖޭގައި މާދަމާ ފަށާ އިންޑިއަން އޯޝަން ކޮންފަރެންސަކީ މި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ދަމަހައްޓަން ލިބޭ އެހީތެރި ކަމަކަށް ވާނެ ކަަމަށެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލްއާ އެކު ކުރެއްވި މަޝްވަރާތަކާ ބެހޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުުރުމަށް ކުރާ މަސައްކަތާއި ޓެރަރިޒަމްގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް މަަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މި ސަރަހައްދުގައި އަދި މި ސަރަހައްދުން ބޭރުގައި ވެސް ޓެރަރިޒަމާ ހަނގުރާމަ ކުރުމާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވުމަށްޓަކައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން ބޮޑުވަޒީރާއި އަޅުގަނޑު މަޝްވަރާ ކުރިން،" ރައީސް ވިދާޅުވި އެވެ.

ގުޅިފައިވާ ބަޔާނުގައި ބޮޑު ވަޒީރު ރަނިލް ވިދާޅުވީ، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ކޮންމެ ދުވަހަކު ވެސް އަންނަނީ އިތުރަށް ބަދަހިވަމުން ކަމަށާއި އެ ގުޅުން ބަދަހި ކުރަނީ ދެ ގައުމުގެ ރައްޔިތުން ކަމަށެވެ. ރާއްޖެ އާއި ލަންކާ ގުޅިގެން މަސައްކަތް ކޮށް، ތަޖުރިބާ ހިއްސާ ކުރެވޭނެ ގިނަ ދާއިރާތަކެއް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށް އެހީވުމަށްޓަކައި ލަންކާ އަށް ކުރެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި އެފަދަ ހުރިހާ ކަމަކާ ބެހޭ ގޮތުން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވާފައިވާ ކަަމަށެވެ.

ރަނިލް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ސިއްހީ ދާއިރާގެ މީހުން ތަމްރީން ކުރާ އިންސްޓްޓިއުޝަނެއް ގާއިމް ކުރަން ލަންކާ އިން އެހީތެރިކަން ދޭނެ އެވެ. އަދި އެ ގައުމަށް ދިވެހިން ދަތުރުކުރުމުގައި ހުރި ދަތިތައް ނައްތާލައި މިހާރަށް ވުރެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

"ލަންކާ އިން ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ދިނުމުގެ އިތުރުން މަތީ ތައުލީމު ދޭ މުއައްސަސާތައް ރާއްޖޭގައި އުފެއްދުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އަޅުގަނޑުމެންގެ ސަރުކާރު އޮތީ ތައްޔާރަށް އެ މަގުސަދު ހާސިލުކުރުމުގައި ރައީސް ސޯލިހަށް އެހީތެރިވާން،" ރަނިލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބޮޑުވަޒީރު ރަނިލްގެ ގުޅިފައިވާ ބަޔާނަށް ފަހު ރާއްޖެ އާއި ލަންކާއާ ދެމެދު ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވި އެވެ.

ރަނިލްގެ އަރިހުގައި ލަންކާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ބައިވެރިވެ އެވެ. މާދަމާ ފަށާ އިންޑިއަން އޯޝަން ކޮންފަރެންސްގައި އެ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެ އެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް 2019 ކުރިއަށް ގެންދާނީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ. އެ ކޮންފަރެންސްގައި 35 ގައުމަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި 16 ގައުމެއްގެ މިނިސްޓަރުންނާއި 10 ގައުމެއްގެ އިލްމުވެރިން ބައިވެރިވާނެ އެވެ. ކޮންފަރެންސްގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ގޮތުން ގައުމުތަކަށް ހުރި ގޮންޖެހުންތައް ހިމެނެ އެވެ.