ސަރުކާރުން ޓެރަރިޒަމްގެ ބިލް ލަހުން ފޮނުވުމުން ހަސަން ލަތީފް ހިތްހަމަނުޖެހިއްޖެ

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ނުފޮނުވާ ލަސް ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިތްހަމަޖެހިވަޑައިގެން ހުންނަވައި ނުސީދާކޮށް ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމާ ގުޅޭ ގޮތުން މަޖިލިހުގައި ކުރި ބަހުސްގައި ހަސަން ލަތީފް ވިދާޅުވީ "ގެއްލުވާލާފައިވާ" މިނިވަން ނޫޙުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ޑްރާފްޓް ރިޕޯޓު މިދިޔަ މެއި މަހު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތިން މަސް ފަހުން، މަޖިލިހުގެ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފައި ވަނިކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ސަރުކާރަށް ފެނިގެން ބިލް މަޖިލިހަށް ފޮނުވީމަ ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ކަންކަން އިންތިޒާމު ކުރުމުގައި މިއަށް ވުރެ ފުރިހަމަ އަށް ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވާ ކަމެއް އެއީ މި އަހަރުގެ މެއި މަހު ކޮމިޝަނުން ވަނީ ސަރުކާރަށް ޑްރާފްޓް ރިޕޯޓެއް ދެއްވާފައި. ސަރުކާރުން ތިން މަސް ފަހުން ކުއްލިއަކަށް ގާނޫނަށް އިސްލާހެއް ގެންނަން ޖެހޭ ކަމަށް ފެނި މަޖިލިސް ޗުއްޓީގައި އޮވެގެން ފޮނުއްވި ކަމީ ހިތާމަ ކުރާ ކަމެއް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހެޅީމަ އެކަމަށް އެންމެ ފުރަތަމަ ތާއީދު ކުރެއްވި މެމްބަރަކީ ވެސް ހަސަން ލަތީފެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރަމުންދާ އިރު، ކޮމިޝަންގެ ހޯދުންތަކުގެ މައްޗަށް ބަލައި ޓެރަރިޒަމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާފައި ވަނިކޮށް، މަޖިލިސް ޗުއްޓީގައި އޮވެ އެކަން ނުކޮށްފި ނަމަ، ރައްޔިތުން މަޖިލިހަށް އިނގިލި ދިއްކުރާ މަންޒަރު ފެންނާނެ ކަމަށެވެ.

"ވޭތުވެދިޔަ ތިން މަސް ދުވަހު ފެނިއްޖެ ވަރަށް ރަނގަޅަށް މަސައްކަތް ކުރި ތަން. އެކަމަކު މިކަހަލަ އެންމެ ކުޑަކުޑަ ކަމަކުން މެމްބަރުންގެ ބޮލުގައި ވަރަށް ބޮޑެތި އިލްޒާމްތަކެއް އެޅުމުގެ ފުރުސަތު ފަހިވެގެން ދާނެތީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަން ހުށާހެޅީ އަދި ތާއީދު ކުރަނީ ވެސް އަދި މިއަދު މިތަނަށް އައިސް ވާހަކަ ދައްކަނީ ވެސް،" ހަސަން ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ހަސަން ލަތީފް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ބަދަލުކޮށްގެން ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް މަގުފަހިވަނީ ކޮން ކަމެއްކަން ސަރުކާރުން ސާފުކޮށް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ވަރަށް ބައިވަރު ސުވާލުތައް އުފެދޭ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް މިހާ ބޮޑެތި އޮޅުންތަކެއް އަރާފައި ހުއްޓައި މަޖިލިހުން ބިލް ފާސްކޮށްލާފައި ދޫކޮށްލަން ބޭނުމެއް ނުވެ އެވެ. އެކަމަކު، ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް އޮތް ހުރަހަކަށް މަޖިލިސް ހަދަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިލާ އެއްގޮތަށް ބަހުސްކޮށް އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ރަނގަޅަށް ފުރިހަމަ މައުލޫމާތު ދެއްވީމަ، ދެން ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރާނަން. ޗުއްޓީގައި ތިއްބަވައިގެން ސަރުކާރަށް އެކަން ނުވާނެ ގޮތަކަށް ކަންކަން ވާ ގޮތަކަށް މިކަން ބާއްވާކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.