މައުމޫން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނާ މައްސަލަ ހެއްކާ އެކު އަލުން ހުށަހަޅައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ، ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރަށް ހަވާލުކޮށްފައި ނުވާތީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ ނުބަލަން ނިންމުމުން ހެއްކާ އެކު އަނެއްކާ ވެސް އެ މައްސަލަ ޖާބިރު ފުލުސް އޮފީހަށް ހުށަހަޅުއްވައިފި އެވެ.


ޖާބިރު "މިހާރު" އަށް މިއަދު ވިދާޅުވީ މައުމޫން ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުއްވީ އެއްވެސް ހެއްކެއް ނެތި ކަމަށެވެ. އަދި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން ފުލުހުން މައްސަލަ ނުބަލަން ނިންމީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެހެންވެ، ގިނަ އަދަދެއްގެ ހެއްކާ އެކު، އިއްޔެ ފުލުހުންނަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އެކަމަކު އެ ހެކިތަކާ ބެހޭ އިތުރު ތަފްސީލެއް ޖާބިރު ނުދެއްވަ އެވެ. ޖާބިރު ވިދާޅުވީ އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރަށް އެއްޗެއް ވިދާޅު ނުވެވޭނެ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ބަލައިގެންފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް ކަމަށެވެ. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 29 މިލިއަން ރުފިޔާގެ އެ ވާހަކަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ވަނީ ދޮގުކޮށްފަ އެވެ. އެމްއާރުއެމުން ބުނި ގޮތުގައި، ޖާބިރު އެއްވެސް ފައިސާއެއް، މައުމޫނަށް އަދި އެމްއާރުއެމްގެ ޓީމުގެ މީހަކަށް ވެސް ދެއްވާފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ. އެ ފައިސާ ނުދައްކަވައިފި ނަމަ، ކިނބިގަސްދޮށުގެއާ ހަވާލުވާނެ ކަމަށް ވިދާޅުވި އެވެ.