ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު، ހަތް ބުރީގެ ހ. ރަދުވާނިއާގެއަށް މިސްރާބު ޖެހި އިރު، އެގޭގައި ނުނިކުމެވިފައި ތިބި އެއް ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ރަޝީދު އެވެ.
އެ ހާސްކަމުގައި ރަޝީދުގެ ދެކަނބަލުން ގަޑިއެއްހާ އިރު ހޭދަކުރެއްވި އެވެ.
އެންމެ ފަހުން އެގެއަށް ސިފައިން ވަން އިރު ދުންގަނޑު އޮތީ މުޅި ގޭތެރެއަށް ވަދެފަ އެވެ. ތަނެއް ދޮރެއް ނުފެނެ އެވެ. އިހްސާސް ވެސް ނުކުރެވޭ ފަދަ ހޫނެކެވެ. ކުރިމަތިން ފެންނަން އޮތީ ބޮޑު، ބިޔަ އަލިފާންގަނޑެވެ. އޭރު ގޮވަމުން ދިޔަ ބާރުގަދަ ގޮވުންތަކާ އެކު، ދެމަފިރިން ތިއްބެވީ ގުޑާލަން ވެސް ނުކެރިފަ އެވެ.
"އަޅުގަނޑާއި އަންހެނުން ގެއިން ނުކުމެވުނީ ސިފައިން އެހީތެރިވީމަ،" ރަޝީދު ވިދާޅުވި އެވެ.
ގެއިން ނުކުންނެވި އިރު އިވިވަޑައިގަތީ ބިއްލޫރިތައް ތެޅިގެން ފައިބާ އަޑެވެ. ޓީވީ އާއި ގޮނޑި ސެޓް ފަދަ އެއްޗެހި ވިރިފަ އެވެ.
"ހޫނުވެގެން ގޮސް އަޅުގަނޑުމެންގެ ހުރިހާ މުދަލެއް ހެން ވީރާނާވީ،" ރަޝީދު ވިދާޅުވި އެވެ.
މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި އަނދައިގެން ދިޔަ އެއް ގެއަކީ، ރަޝީދުގެ އަނބިކަނބަލުންގެ ގެ ރަދުވާނިއާ އެވެ. ފުރަތަމަ އާއި ދެ ވަނަ ބުރީގައި އުޅުއްވީ އޭނާގެ އާއިލާގެ ބޭފުޅުންނެވެ. ބާކީ ހުރި ބުރިތައް ކުއްޔަށް ދީފަ އެވެ. އަލިފާނުގެ ހާދިސާގައި އެ ގެ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
"މިހާރު" އާ ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް މިސްކިތަށް ވަޑައިގަތުމަށް ވޮލެޓް ނަންގަވަން ކޮޓަރިއަށް ވެންނެވި އިރު، ގަޑިން 7:19 ހިނގައިފި ކަމަށެވެ. އޭރު އަނބިކަނބަލުން އައިޝަތު އިންނެވީ ސިޓިން ރޫމްގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮޓަރިއަށް ވަދެ ވޮލެޓު ނުނެގެނީސް އަންހެނުން ހަޅޭއްލަވައިގަތީ އަލިފާންގަނޑު ހިފީއޭ ކިއާފައި. އޭރު ބާރުގަދަ އަޑުތަކެއް ވެސް އިވުނު،" ރަޝީދު ވިދާޅުވި އެވެ.
އެ އަޑުތަކާ އެކު، އޭނާ ދުއްވައިގަތީ ސިޓިން ރޫމާ ދިމާއަށެވެ. އޭރު އެގެއާ ވިއްސަކަށް ފޫޓު ދުރުގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، އަނދާ މަންޒަރު ފެނެ އެވެ. އަލިފާން ގަނޑު ހުރީ، އޭނާ ސިފަކުރެއްވި ގޮތުގައި، "އިހްސާސް ވެސް ނުކުރެވޭހާ މައްޗަށް އަރައިފަ" އެވެ.
"އޭރު ސައިކަލްތަކުގައި ވެސް ރޯވެ އެއްކޮށް އަނދަނީ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯވިތާ ދެ މިނިޓު ތެރޭގައި އެގެއަށް އަލިފާނުގެ އަސަރު ކުރަން ފަށައިފި އެވެ. ކަރަންޓް މީޓަރުތައް ހަލާކުވެ، ގެއިން އެއްކޮށް ކަރަންޓު ދިޔަ އެވެ.
ނޭވާލަން އުނދަގޫވުމާ ގުޅިގެން އޭގެ ހައްލެއްގެ ގޮތުގައި އެ މީހުން ތިއްބެވީ އިސްޓާކީން ތެންމާލައި އަނގައިގައި އޮޅާލައިގެންނެވެ. ދެ ވަނަ ބުރީގައި އުޅުނު ކުޑަކުއްޖަކާއި އޭނާގެ މަންމަ އޭރު ވަނީ ވައި ގޮޅި ބޭނުންކޮށްގެން ރަޝީދުމެންގެ އެޕާޓްމަންޓަށް ގެނެސްފަ އެވެ.
ރަޝީދު ވިދާޅުވި ގޮތުގައި ސިޓިން ރޫމްގައި ތިބެވޭވަރު ނުވެގެން ދެން ވެންނެވީ ކޮޓަރީގެ ފާހަނާ ތެރެއަށެވެ. އެތަނުގައި ގަޑިއެއްހާ އިރު ވަންދެން ތިއްބަވަން ޖެހިވަޑައިގަތެވެ. ސިފައިންނަށް އެގެއަށް ވަދެވޭ ވަރުވީ 8:30 ހާއިރު އެވެ.
ރަޝީދު ވިދާޅުވީ ގެއިން ނުކުންނަވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ވަރުގަދަ ކަޅު ދުންގަނޑާ ހެދި އެކަމެއް ނުވި އެވެ.
"ގޭގައި ރޯވެ އެއްކޮށް އަނދައިގެން ދިޔައީ ގެއިން ނުކުތް ފަހުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ނުކުތުމުގެ ކުރިން ސިޓިން ރޫމަށް އަލިފާންގަނޑު ނުވަނުމަކީ އަޅުގަނޑުމެން ސަލާމަތް ވުމަށް މާތް ﷲ ދެއްކެވި މަގު. އަލިފާން އެ ގަޑީގައި ވަން ނަމަ އަޅުގަނޑުމެންނެއް ސަލާމަތެއް ނުވާނެ. އެއީ ނުކުމެވޭނެ އެހެން ގޮތެއް ނޯންނާނެތީ. ހުރިހާ ޝުކުރެއް އޮތީ ﷲ އަށް."
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ރަޝީދުގެ އާއިލާގެ މެމްބަރުންނަށް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އިތުރު ބޮޑު ގެއްލުމެއް ނުލިބެ އެވެ. ތިން އަހަރުގެ ފިރިހެން ކުއްޖާ ވައި ގޮޅިން ބޭލި ގަޑީގައި ރަޝީދުގެ އަތުގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލި އެވެ.
"ޝައުނާ އަށް ނުކުންނަން ފުރުސަތު ނުލިބުނީ"
އަލިފާނުގެ ހާދިސާގައި ރޭ މަރުވި އައިޝަތު ޝައުނާ، ފެންފިޔާޒުގެ، ތ. ބުރުނީ ވެސް ދިރިއުޅުނީ ރަޝީދުގެ ގޭގަ އެވެ. އެކަމަކު ތިން ވަނަ ބުރީގައި ހުރި ޝައުނާއަށް ބޭރަށް ނުކުންނަން ފުރުސަތެއް ނުލިބުނެވެ.
ޝައުނާ، އޭނާގެ އާއިލާގެ މެމްބަރަކަށް ކުރި އެންމެ ފަހު ކޯލްގައި ބުނެފައި ވަނީ ނުކުމެވޭނެ އެއްވެސް ގޮތެއް ނެތި ތާށިވެފައި ހުރި ވާހަކަ އެވެ. އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އޭނާ ފެނުނު އިރު ސިފަ ވަކިނުވާ ވަރަށް އޮތީ އަނދައިފަ އެވެ.
ރަޝީދު ކިޔައިދެއްވި ގޮތުގައި ޝައުނާ އޭރު ގޭގައި ހުރީ އެކަނިމާ އެކަންޏެވެ. އޭނާއަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނުތުނީ ކަމަށް، ރަޝީދު ވެސް ވިދާޅުވި އެވެ.
ރަޝީދާއި އާއިލާގެ މެމްބަރުން މިވަގުތު ތިބީ ސަރުކާރުގެ އެހީގައި މޫކައި ސުއިޓްސްގަ އެވެ.
އޭނާގެ އެދިވަޑައިގަތުމެއް ސަރުކާރަށް އެބަ އޮތެވެ؛ އެއީ އިތުރު ބަޔަކަށް ގެއްލުންވުމުގެ ކުރިން ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ގެތައް ކައިރިން ވީހާވެސް އަވަހަކަށް ނެގުމެވެ. އެހެން ނޫނީ މިފަދަ ހިތާމަވެރި ހާދިސާތައް އަދިވެސް ހިނގުން ގާތް ކަމަށް ވިދާޅުވި އެވެ.