48 ގަޑިއިރު ބަންދުގައި ބަހައްޓަން ގިނަ މެމްބަރުންނަށް ކަމަކު ނުދިޔަ

ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރު ކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލު ކުރުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށް ވިދާޅުވެ، އެ ކަން ބަދަލު ކުރަން ގިނަ މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައިވާ ގޮތުން ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހެ އެވެ.

ގާނޫނުއަސާސީ އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމްވެ އެވެ.

މަޖިލިހުގައި ބިލަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ބިލްގައި މީހަކު ބަންދުގައި ބެހެއްޓޭ މުއްދަތު 24 ގަޑިއިރުން 48 ގަޑިއިރަށް އިތުރުކޮށްފައި އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. މީހަކު ހައްޔަރު ކުރެވޭނީ އެކަށީގެންވާ ހެކިތައް ހުރެގެން ކަމަށްވީ އިރު، އެ ހެކި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހަޅައި ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން 24 ގަޑިއިރަށް ވުރެ ގިނަ އިރު ފުލުހުންނަށް ލިބޭ ގޮތަށް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.

ދިވެހިންތަކެއް ހަތިޔާރާ އެކު ސީރިއާގައި.

ބިލްގައި ގާނޫނުއަސާސީން ލިބިދޭ ބައެއް ހައްގުތައް ހަނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮމިޓީ މަރުހަލާގައި ބިލް ދިރާސާ ކުރާ އިރު، މިކަންކަން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ބިލްގައި ވަރަށް ރަނގަޅު ކަންތައްތަކަކާއި ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ވަރަށް ބޮޑަށް ތަފްސީލްކޮށްދީފައި ހުރުމުންނެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެއިޖުރާއުތައް ހިމެނުމަކީ ބިލްގައި ހިމެނޭ ރަނގަޅު ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރިޒަމްގެ ކުށެއް ކުރަން އުޅުމާއި ކުށަށް އެހީތެރިވުމާއި ކުށް ކުރަން އެހީތެރިވުމުގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައި އޮއްވައި ބިލްގައި އެ ބައި އުނިކޮށްފައިވާ ކަމަށެވެ. އެއީ މުރާޖައާކޮށް ބަދަލު ގެންނަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމަކީ ކުރަން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންގެ އިދާރީ މަސައްކަތެއް ކުރުމަށް އިތުރު 24 ގަޑިއިރު ދިނުމަކީ ގަބޫލު ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ އިދާރީ ކަންކަން 24 ގަޑިއިރު ތެރޭގައި ކުރެވި، ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ މީހާ ހާޒިރު ކުރެވޭ ގޮތަށް ފުލުހުންގެ މަސައްކަތް ރާވައި ކޯޓުތަކުގެ މަސައްކަތް ރާވައިގެން ވެސް 24 ގަޑިއިރު ތެރޭގައި ގާނޫނުއަސާސީއާ އެއްގޮތަށް އެކަން ކުރެވެން ޖެހޭނެ،" ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނުގެ އިތުރުން އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ފުލުހުންގެ ގާނޫނު އިސްލާހު ކުރުމެވެ. ފުލުހުންގެ ގާނޫނަށް އިސްލާހު ގެނެސްގެން ނޫނީ ރައްޔިތުން ގަބޫލު ކުރާ ފެންވަރެއްގެ ތަހުގީގު ކުރިއަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ބިލުން ފުލުހުންގެ އިދާރާ އަށް ބޮޑެތި ބާރުތަކެއް ދިނުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް އެކަންވީ ޓެރަރިޒަމްގެ ގާނޫނު މީގެކުރިން ބޭނުން ކުރި ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ފުލުހުންނަށް ބިލްގައި ބުނާ ބާރުތަކެއް ދިނުމަކީ ރަނގަޅު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބް ވިދާޅުވީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 24 ގަޑިއިރު މީހަކު ބެހެއްޓުމަކީ އެކަށީގެންވާ ވަގުތެއް ކަމަށެވެ.

އެކަމަކު، "މުޅި ސިސްޓަމް ރަނގަޅު ކުރާ އިރު" ޕްރޮސެކިއުޓަ ޖެނެރަލާއި ފުލުސް އޮފީހާއި ޝަރުއީ ކޯޓުތައް އިސްލާހް ވާން ޖެހޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ބަންދުކޮށްގެން 24 ގަޑިއިރުން ކޯޓަށް ދާ އިރު، ކޯޓުން ނުބުނެވޭނެ މިއަދު ދޭއް ޖަހާއިރު ކޯޓު ބަންދު ކުރަމޭ. އެހެންވީމަ 11 ޖަހާއިރު ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ޖެހޭނެއޭ. ރޭ 11 ޖެހި އިރު ހައްޔަރު ކުރި މީހަކު ނަމަ، މިރޭ 22:55 ގައި ގެންދިޔަޔަސް، ގާޒީ ކުރިމައްޗަށް ގެނެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި ރާއްޖެ ސަލާމަތް ކުރެވޭނީ ޝަރުއީ ދާއިރާގެ ވެސް އެއްބާރުލުން ލިބިގެންނެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ވަނީ ބަލައިގަނެ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.