ކީވްގައި ހުރީ ފޮއްޗާއި ފަހަން ބޭނުންކުރާ ސާމާނު

ހ. ތިލަފުށިގޭގައި ހަދާފައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ހ. ކީވްގައި އެހާ ބޮޑަށް ރޯވީ އެތަނުގައި ހުރި ސާމާނުގެ ސަބަބުން ކަމަށް، ބައެއް މީހުން ބުނެފި އެވެ.


ދަގަނޑު ހޮޅި އާއި ދަގަނޑު ޓިނުން ހަދާފައި ހުރި އެ އިމާރާތުގައި ރޯވުމާ އެކު ލިބުނު ގެއްލުން ބޮޑުވެ، ރޫޅާލުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ގެންދަނީ ކުރިއަށެވެ.

އަބަދަށްފެހި މަގުގެ މެދަކާ ހިސާބުގައި ހުރި ކީވްގައި ސްކޫލް ކުދިންގެ ޔުނިފޯމް ފަހަން ހާއްސަ ފަހާ ތަނެއް ވެސް ހިންގި އެވެ. އަދި އެތަނުގެ އެކި ބުރިތަކުގައި ގިނަ އަދަަދަކަށް ފޮއްޗާއި ޓީޝާޓު ވެސް ހުރި ކަމަށް "މިހާރު"އަށް އެނގިފައިވެ އެވެ. ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ކައިރީގައި ހުރި އެހެން ތަންތަނަށް ނުލިބޭ ވަރުގެ ގެއްލުމެއް ކީވް އަށް ލިބުނީ އޭރު އެތަނުގައި ރައްކާކޮށްފައި ހުރި އެއްޗެހީގެ ސަބަބުން ކަމަށެވެ.

ކީވް އިމާރާތުގެ އޮނިގަނޑަށް ލިބުނު ގެއްލުމާ އެކު އަރިއަޅާލި އެވެ. ހާދިސާ ހިނގި އިރު ދެންމެ ދެންމެ އެތަން ވެއްޓިދާނެކަމުގެ ބިރު ވެސް އުފެދުނެވެ. އެކަމަކު ވެއްޓުމުގެ ކުރިން އަަލިފާން ނިންވާލެވުނެވެ.

ކީވް ބޮޑުކުރީ ދާދި ފަހުން

ސަރަހައްދުގައި އުޅޭ ބައެއް މީހުން ކިޔައިދިން ގޮތުގައި މުޅި ހިސާބުގައި ވެސް ހުރި އެންމެ ބަލިކަށި އިމާރާތަކީ ވެސް އެ އެވެ. ސަބަބެއްގެ ގޮތުގައި އެމީހުން ދެއްކީ ޓިނުންނާއި ދަގަނޑު ހޮޅި އާއި ލަކުޑި ފިލާ ފަދަ އެއްޗެހި ބޭނުންފައި ހުރުމެވެ. އަދި ދާދި ފަހުން އެ އިމާރާތް ވަނީ ބޮޑު ވެސް ކޮށްފައި ކަމަށް، އަވަށްޓެރިން ބުނެ އެވެ.

ހ. ކީވްގައި ހަދާފައި ހުރި އެންމެ މަތީ ފްލޯ: އެ އިމާރާތް އަރިއަޅާލުމުން ތަން ރޫޅާލަން މިހާރު އަންނަނީ މަސައްކަތްކުރަމުން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކީވް ހުންނަނީ އަބަދަށްފެހި މަގާއި ކަޅުހުރާ މަގު ގުޅޭ ކަންމަތީ ކަހަލަ ގޮތަކަށެވެ. އަލިފާން ރޯވި ހ. ތިލަފުށީގެ ހުންނަނީ ކީވްއާ ތިން ގެ ދޫކޮށްފަ އެވެ. އެ ދެމެދުގައި ހުރި ހ. މާޓިން، ހ.ނެއިބަ، ހ.ކީލް އަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ލިބުނެވެ. އެކަމަކު ކީވް އަށް ލިބުނު ވަރުގެ ގެއްލުންތަކެއް ވެފައެއް ނެތެވެ. އޭގެ ސަބަބަކީ، ބައެއް މީހުން ބުނި ގޮތުގައި، ކީވްގައި ހުރީ ފަސޭހައިން އަލިފާން ރޯވެ، ފެތުރޭ ކަހަލަ ސާމާނަށް ވުމެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ ކީވްގެ ގްރައުންޑް ފްލޯ ބޭނުންކުރަމުން އައީ ސްކޫލް ކުދިންގެ ޔުނިފޯމް ފަހަން ހާއްސަ ފަހާ ތަނެއްގެ ގޮތުގައި ކަމަށެވެ. ބާކީ ހުރި ފްލޯތައް ބޭނުންކުރީ ޓީޝާޓާއި ފޮތި ފަދަ ތަކެތި ބަހައްޓާ ގުދަނެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

އެ އިމާރާތުގެ ބޭރުގައި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލްގެ ބެޖް ޖަހާފައި ހުރި ބޯޑުތަކެއް ފެންނަން ހުއްޓެވެ. އެހެންކަމުން އެއީ ފުޅާ ދާއިރާއެއްގައި ސްކޫލްތަކުގެ ޔުނީފޯމާއި ޔުނީފޯމަށް ބޭނުންވާ އެހެން ސާމާނު ތައްޔާރުކުރާ ތަނެއްކަން ދޭހަވެ އެވެ.

ހ. ކީވް އިމާރާތުގައި ރޯވެ އަނދާފައި. އިމާރާތް ހަދާފައި ހުރީ ދަގަނޑު ހޮޅި އާއި ޓިނުން --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއީ ވަރަށް ފަހުން މައްޗަށް ނަގައި ހަދާފައި ހުރި ތަނެއް،" އަބަދަށްފެހި މަގުގައި ހުންނަ ހ. ލިލީފެހި ގޭގައި ދިރިއުޅެމުން އަންނަ މީހަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ކުރިން އެތަނުގެ ފްލޯއެއް ސެލޫނެއް ހިންގަން ވެސް ބޭނުންކުރި އެވެ. އެކަމަކު ފަހުން އެތަނަށް އެރުވީ ފޮތި ފަދަ އެއްޗެހި ކަމަށް އޭނާ ބުންޏެވެ.

ކީވްގައި ފަހާތަން ހިންގި ފަރާތަށް މި ހާދިސާގައި މާލީ ގޮތުން ލިބުނީ ކިހާ ބޮޑު ގެއްލުމެއް ކަމެއް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން އެ މީހުންނަށް އަަދި ވާހަކަ ދެކެވޭ ވަރެއް ނުވެ އެވެ.

ކީވް އަރިއަޅާލައިގެން ގޮސް ޖެހިފައި ހުރީ ހ. ނިޝާން ޕްލާޒާ ހުންނަ ގޭގެ ފާރުގަ އެވެ. އަލިފާނުގެ ހާދިސާގައި ނިޝާން ޕްލާޒާ އަށް ވެސް ގެއްލުންތަކެއް ލިބުނެވެ.

އަލިފާނުގެ ހާދިސާ އަށް ފަހު، އެ ސަރަހައްދުގައި ހުރި ބައެއް ގެތައް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތް ގެއަކާއި ހަތަރު ގުދަން އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އެކަމަކު އަލިފާނުގެ އަސަރުކުރި ގެތަކުގެ އަދަދު އެއަށް ވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.