ފުުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ ޓެރަރިޒަމްގެ ބިލް މަޖިލިހުން ފާސްކޮށްފި

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލް، 19 ވަނަ މަޖިލިހުގެ ދައުރުން ބޭރުން ބޭއްވި ތިން ވަނަ ޖަލްސާގައި ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލްގައިވާ ގޮތުން ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފަ އެވެ. އަދި ބިލްގައި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ.

ޓެރަރިޒަމް ކަމަށް ބިލްގައި ބުނެފައި ވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް

ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން:

- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން.

- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން.

- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން.

- މުދަލަށް ބޮޑެތި ގެއްލުން ދިނުން.

- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން.

- ބައެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ހާލަތެއް ކުރިމަތިކުރުވުން.

- އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑާލުން.

ބިލްގައި ހަނގުރާމައެއްގައި ބައިވެރިވުމަށް ދިއުމާއި ހަނގުރާމަ އަށް ދިއުމަށް ހިތްވަރު ދިނުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ފަދަ ކަންކަމުން ވެސް މީހުން ކުށްވެރިވާނެ އެވެ. އަދި ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރާ ނަމަ، އެއީ ވެސް ބިލްގައިވާ ގޮތުން ބޮޑެތި އަދަބުތަކެއް ލިބޭނެ ކުށެކެވެ.

ބިލްގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް އޮތީ ލިބިދީފަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރަން ރާވާ މީހާ ހައްޔަރު ކުރަން ވެސް ބިލްގައިވާ ގޮތުން ކޯޓު އަމުރެއް ހޯދާކަށް ނުޖެހޭނެ އެވެ.

މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަ، ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ކަމަށް ބިލްގައިވެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް އެމީހަކު ކޯޓު އަމުރާ ނުލައި ހައްޔަރު ކުރެވޭނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލްގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ސަރުކާރުން އެންމެ ފުރަތަމަ މަޖިލިހަށް ބިލް ހުށަހެޅި އިރު، އޮތީ ހައްޔަރުކުރާ މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށެވެ. އެކަމަކު، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބިލް ދިރާސާކޮށްގެން ނިންމީ އެ މުއްދަތު 24 ގަޑިއިރަށް ކުޑަ ކުރުމަށެވެ.

ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެ އެވެ.

ބިލްގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ އިޖުރާއުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ތަފްސީލްކޮށްދީފައިވެ އެވެ.