ޓީ ޖެޓީގެ ބޮޑު ހުޅު: ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް؟

ޓީ ޖެޓީ ފަޅު ތެރޭގައި އޮތް "ހާލި" ނަމަކަށް ކިޔާ ދޯންޏަކަށް އަބްދުއްރަހީމް ހަސަން އެރީ ދޯނީގެ ފަޅުވެރިއަކާ އެއްޗެއް ހަވާލުކުރާށެވެ. ދޯނިން ނުފޭބި އުޅެނިކޮށް އޭނާ އަށް އިވުނީ ވެމްކޯ އޮފީހާ ދިމާލުން އެއްޗެއް ގޮވި އަޑެވެ. ޓީ ޖެޓީގެ މެދަކާ ހިސާބުގައި އޮތް ދޯނިން އޭނާ ކުއްލިއަކަށް ފައިބައި ބަލައިލި އިރު، ތެޔޮ ބައުޒަރެއްގައި އޮތީ ރޯވެފަ އެވެ.


މިއީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ހިނގި އަލިފާނުގެ ދެ ވަނަ ބޮޑު ހާދިސާ އެވެ. އަަލިފާން ނިންވާލެވުނު އިރު ތިން ތެޔޮ ބައުޒަރާއި ލޯންޗެއް ވަނީ އަނދައިފަ އެވެ.

މަގުމައްޗަށް އެޅިފައި ހުރި ތެޔޮތައް ފޮރުވަން ސިފައިންނާއި ފުލުހުންނާއި އާންމުން ވެލި އަޅަނީ .---ފޮޓޯ: ނިޝާން އަލީ/މިހާރު

އަބްދުއްރަހީމް، 39، ދެން ދުއްވައިގަތީ އެ ހިސާބަށް ގޮސް، އެހީތެކަމުގެ އަތެއް ދިއްކޮށްލާށެވެ. އޭނާއަށް ދެވުނު އިރު ފަޔާ އެންޑް ރެސްކިއުގެ އެއް ލޮރީ އެތަނަށް އަައިސް، އަލިފާން ނިންވުމުގެ މަަސައްކަތަށް ތައްޔާރުވާން ފަށަނީ އެވެ.

"ފުރަތަމަ އެތަނަށް އެޓެންޑްވީ ސިފައިން. ހޮޅި އާއި އެއްޗެހި ގުޅާ އަލިފާން ނިންވުމުގެ މަސައްކަތް ފެށި. ދެން އާންމުންނާއި ފުލުހުންނާއި އިތުރު ސިފައިން، އެ ހިސާބުން ބައެއް އުޅަނދުތަައް ދުރަށް ގެންދަން ފަށައިފި،" އަލިފާން ނިންވުމުގެ މަސައްކަތުގައި، ފުރަތަމަ ކޮޅު އަމަލީ ގޮތުން އުޅުނު އަބްދުއްރަހީމް ބުންޏެވެ.

އޭނާ ވަނ އަނިޔާވި ބަައެއް މީހުން ހޮސްޕިޓަލަށް ގެންދަން ވެސް އެހީތެރިވެފަ އެވެ.

މަންޒަރު ދުށް ބައެއް އެހެން މީހުން ބުނީ، އަލިފާން ބޮޑު ކާރިސާއަކަށް ބަދަލުނުވީ، އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަން ކައިރީގައި ހުރުމާއި އަވަސް ފިޔަވަޅުތަކެއް ސިފައިން އެޅުމުން ކަމަށެވެ. އަލިފާން ރޯވުމާ އެކު ލޮރީތައް ނެރެގެން، ސިފައިން އެތަނަށް ޖަމާވި އެވެ.

"އަޅުގަނޑު ދުށިން ފަޔަ ސްޓޭޝަންގައި ތިބި ސިފައިން ސްޓޭޝަނުން ނުކުމެގެން ދުވެފައި ގޮސް އަލިފާން ނިއްވުމުގައި ބައިވެރިވި ތަން،" ފެން ޖަހާ ހޮޅިއެއް ހިފަހައްޓައިގެން ހުރި އަހުމަދު ހަލީލް 29، "މިހާރު" އަށް ކިޔައިދިނެވެ.

ރޯވީ ޖެޓީ މައްޗަށް އެއްލި ސިނގިރޭޓް ބުރިއަކުން

އއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރާ "ނެވި 3" ލޯންޗަށް ތެޔޮ އަޅަނިކޮށް އަލިފާން ރޯވީ، އެއް ބަޔަކު ބުނާ ގޮތުގައި ޖެޓީ މައްޗަށް މީހަކު އެއްލި ސިނގިރޭޓް ބުރިއެއްގެ ސަބަބުންނެވެ. ފުރަތަމަ ރޯވީ ތެޔޮ އަޅަން އޮތް ބައުޒަރުގަ އެވެ. އެކަމަކު މި ހާދިސާގައި އިތުރު ތިން ބައުޒަރު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. ލޯންޗު އެނދިލެއް ބޮޑުކަމުން ދިޔައީ އަޑިއަށެވެ.

މި ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އެކި މީހުން ވާހަކަ ދައްކަނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނި ގޮތުގައި އަލިފާން ފުރަތަމަ ރޯވީ ފަޅުތެރޭގައި އޮތް ލޯންޗުގަ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ފުރަތަމަ ރޯވީ ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ތެޔޮ ބައުޒަރުގަ އެވެ.

ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއް ބޮޑުތަކުރުފާނު މަގަށް ގެންދަން އާންމުން އެހީތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަލިފާނުގެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"ސިނގިރޭޓް ބުރި އެއްލި އިރު ތެޔޮ ބައުޒަރުން ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ވަގުތެއް އެއީ،" މައުލޫމާތު ހުރި އެކަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

"ލޯންޗަށް ތެޔޮ އަޅަމުން ދިޔަ ވަގުތު ޖެޓީ މައްޗަށް ވެސް ތެޔޮ އެޅިފައި ހުރީ. ސިނގިރޭޓު ބުއި މީހާ ތެޔޮ އެޅިފައި ހުރި ތަނަށް ސިނގިރޭޓު ބުރި އެއްލައިލީމަ ހުޅުގަނޑު ހިފީ."

އޭނާގެ ވާހަކައަށް ބާރު ލިބެނީ އަލިފާން ރޯވި އިރު، ޖެޓީ މަތީގައި ވެސް ވަރަށް ބޮޑަށް ހުޅު ހިފާފައި ހުރި ތަން ފެނުމުންްނެވެ. އަދި ދޭތެރެދޭތެރެއިން، ޖެޓީ މަތީގައި އަލިފާން ރޯވެގެން ސިފައިން އެ ކޮންޓްރޯލްކޮށް ނިއްވާލަން ވެސް އުޅެން ޖެހުނެވެ.

"ހަގީގަތުގައި ޕެޓްރޯލް ނޫނީ ޑީސަލަކީ ކިހާ ނުރައްކާތެރި އެއްޗެއް ކަން ގިނަ ބަޔަކަށް ނޭނގެނީ. އަސްލު މިހާ ބޮޑު ކަމެއް މި ހިނގީ ފަރުވާ ކުޑަކަމުން. ދޭންވާ ސަމާލުކަން ނުދީގެން،" އޭނާ ބުންޏެވެ.

އިއްޔެގެ އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ފުލުހުންނާއި ސިފައިންނާއި އާންމުންގެ އެތައް ބައެއްގެ ބުރަ މަސައްކަތުންނެވެ. އެ ހާދިސާ ހިނގި އިރު، ގިނަ އަދަދެއްގެ ތެޔޮ ބައުޒަރުތައް އަތުރާލާފައި ހުއްޓެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބައުޒަރުތަކާއި ސައިކަލާއި ކާރާއި ޕިކަޕް ފަދަ އެއްޗެހި ވެސް އެ ހިސާބުން ދުރަށް ޖެއްސި އެވެ.

އަލިފާން ރޯވުމާ އެކު، އެ ސަރަހައްދާ ކައިރީގައި ފަޅުތެރޭގައި ހުރި ލޯންޗުތަކާއި ދޯނިތައް ފަޅުން ބޭރަށް ނެރުނުލެއް ވެސް އަވަހެވެ.

އިންޑަސްޓްރިއަލް ޒޯންގައި އޮންނަ ޓީ ޖެޓީ ސަރަހައްދަކީ ތެޔޮ ބައުޒަރުތަކުގެ މައިދާނެކެވެ. ލޯންޗު ފަހަރާއި ދޯނި ފަހަރަށް ތެޔޮ އަޅަނީ އެ ސަރަހައްދުގަ އެވެ. ތެޔޮ ގުރާބުތައް ބަނދަރުކޮށް، ބައުޒަރުތަކަށް ތެޔޮ އަޅަނީ ވެސް އެތަނުގަ އެވެ. ނަމަވެސް އެއީ އެފަދަ ކަމަކަށް ސަލާމަތީ ބޭނުންވާ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.