ލ. މުންޑޫ: އެ ރަށުގައި މިހާރު ވެސް ގާތްގަނޑަކަށް 400 މީހުން ދިރިއުޅޭ.-- ފައިލް ފޮޓޯ: ޕޮލިސް
23 ސެޕްޓެމްބަރ 2016 - 02:28
ލ. މުންޑޫގައި މީހުން ދިރިއުޅެނިކޮށް، އެއީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސް އަބްދުﷲ ޔާމީން މިއަދު ނެރުއްވި ގަރާރު ބާތިލުކުރައްވައި މުންޑޫ ރައްޔިތުންގެ ކިބައިން މިރޭ މާފަށް އެދިވަޑައިގެންފި އެވެ.
މުންޑޫގެ އިތުރުން އެ އަތޮޅު ގާދު އަކީ ވެސް ފަޅުރަށެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ މިއަދު ކަނޑައަޅުއްވާފަ އެވެ. ވަކިވަކިން އެ ދެ ގަރާރު ނެރުއްވިއިރު، މުންޑޫގައި މިހާރު ވެސް ގާތްގަނޑަކަށް 400 މީހުން ދިރިއުޅެ އެވެ.
މުންޑޫގައި މީހުން ނޫޅޭ ކަމަށް ނިންމައި ރައީސް އޮފީހަށް މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށް ނެޝެނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އިން މިރޭ ބުނިތާ އިރުކޮޅެއް ފަހުން ރައީސް އޮފީހުން ވެސް ވަނީ އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނާ ދާދި އެއްގޮތް ބަޔާނެއް ނެރެފަ އެވެ.
ރައީސް އޮފީހުން ވެސް ބުނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް މީހުން އުޅޭ ރަށްރަށް ކަނޑައަޅަން ބޭނުންވާ މައުލޫމާތު ދޭން އެދުމުން ޑީއެންއާރުން އެ މައުލޫމާތު ދިންއިރު، މުންޑު އަކީ އެ ރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކޮށް ނިމިފައިވާ ރަށެއްގެ ގޮތުގައި ބުނެފައިވާ ކަމަށެވެ. ޑީއެންއާރުގެ ޑޭޓާބޭސްގައި އެ ގޮތަށް ރެކޯޑުކޮށްފައި ވާއިރު، ދެވަނަ ފަހަރަށް ބެލުމަށް ފަހު ވެސް ޑީއެންއާރުން މައުލޫމާތު ދިނީ މުންޑޫ އަކީ ފަޅުކޮށްފައިވާ ރަށެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ގަރާރު ނެރުއްވުމާ އެކު މުންޑޫ ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއީ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ. އެ ރަށުގެ ބައެއް މީހުން ލ. ގަމަށް ބަދަލުވެފައި ވިޔަސް، ރަށުގައި އަދިވެސް މީހުން އުޅޭ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ޝަކުވާތަކާ ގުޅިގެން ޑޭޓާބޭސް އަލުން ބެލިއިރު، މުންޑޫ ފަޅުކޮށްފައިވާ ކަމަށް ބެލެވުނީ އޮޅުމަކުންކަން ފާހަގަކުރެވިފައިވާ ކަމަށް ޑީއެންއާރުން އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތާ މެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހައްދުންމަތީ މުންޑޫގެ ރައްޔިތުންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ،" އެފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރަން ޑީއެންއާރަށް އަންގާފައިވާކަން ފާހަގަކޮށްފައިވާ ބަޔާނުގައިވެ އެވެ.
ޑީއެންއާރުން ވަނީ މިކަމުގައި އިހުމާލުވި މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ނިންމައިފަ އެވެ. އަދި އެފަދަ ކަންތައްތައް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
މުންޑޫއާ އެކު ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސި ގާދޫ މީހުން ވަނީ މި އަހަރު ކުރީކޮޅު ލ. ފޮނަދު އަށް ބަދަލުކޮށްފަ އެވެ. އެއީ އެ ރަށުގައި ހުރި ކޮންމެ ގެއަކަށް ސަރުކާރުން 60،000 ރުފިޔާގެ އިނާޔަތެއް ދީ، ރަށް ދައުލަތަށް ނެގުމަށް ފަހު އެވެ. އެހެންވެ، އެ ރަށުގައި ހުރި ހުރިހާ މުދަލަކީ ސަރުކާރުގެ ތަކެތި ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
24 September 2016
ރައީސް ކުރިން ނެރުއްވި ޤަރާރަށް ތާއީދުކުރަން. އެކަމަކު ކީއްކުރާނީ މިހާރު އެއޮތީ ބާޠިލުވެފަ ވިއްޔާ. އަސްލު މުންޑޫގެ ގިނަމީހުން ތިބެނީ ގަމުގައި. މުންޑޫގައި އުޅޭ މީހުން އުޅެނީ ވަރަށް މަކަރުވެރި ގޮތަކަށް ގޯތި ދެބައިކޮށް އަނބިމީހާއަށް ވީބަޔަށް ނުވަތަ ފިރިމީހާއަށްވީބަޔަށް ގަމުން ގެ ހޯދީ. އަނެއްބައި މުންޑޫގައި މުންޑޫގައި އޮތް ގޯތި ބޭނުންކުރަނީ އެއްބައި ލިބުނުމީހާ. ދެމަފިރިން ދެރަށުގައި އުޅޭނެތަ؟ މިހާރު މިއޮތީ ރަނގަޅުވެފައެއްނު. އަލުން ބާޠިލުކޮށް ފަޅުރަށަކަށް ހަދަންފެނޭ. މުޅިން މަކަރުން އުޅޭ ބައެއް.
އަލީ
24 September 2016
ރަށެއް ފަޅުކުރަން ކަނޑައެޅުމުގެ ކުރިން އެރަށުގެ ހާލަތާބެހޭ ރިޕޯޓެއް ކީއްކުރަން، އެއްވެސް މައުލޫމާތެއްވެސް ނުހޯދާކަން މީގެން އެނގެނީ. ހީވާގޮތުގަ މިފަދަ ބޮޑުކަމެއް ނިންމަންޖެހޭނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު. ރަށުގަ މީހުން ތިބި އަދަދާއި، ހުރި ވަސީލަތްތަކާއި، ރަށުގަ ހުރިމުދަލުގެ އަގާއި، ހަދާފައިވާ ބަދަރެއް އޮތްތޯ ނެތްތޯ ބަލާ، އެރަށް ފަޅުކުރުމަކީ ކުރަންއެންމެ ރަނގަޅުކަމެއްތޯބަލާފައި. އެކަމަކު މިނިންމުން ނިންމިގޮތާއި ފަހުން ކަންހިނގާދިޔަގޮތުން އެނގުނީ އެކަހަލަ އެއްވެސްކަމެއް ނުކުރާކަން.
އަޙްމަދު
24 September 2016
މިހާރުވަނީ ގާދޫ ވެސް ޗައިނަ ބަޔަކަށް ވިއްކާފައި.ރަގަޅަށް ވިއްޔާ މުންޑޫ ވެސް މިހާރު އޮންނާނީ ވިއްކާފައި.ހުރިހާ ކމެއް ނިމޭނީ އަދީބާ ހަމައިން.މިރައީސަކަށް އެއްވެސް ކަމެއް ނޭގޭ.
އަޙްމަދު
24 September 2016
އެންމެ އާދައިގެ މަޢްލޫމަތު ރައީސަށް އެގިވަޑައި ނުގަންނަވާނަމަ އޭނާ އެ މަޤާމުގައި ހުރުމުގެ ބޭނުމެއް ނެތް.ތަރުޖަމާނަކީ ވެސް ކަޑު ކޮހެއް.
އަލީ
23 September 2016
ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރޭނީ ވަރަށް ގިނަ މަރުހަލާތަކެއް ކަނޑަތުކޮށްފައި އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ލަފަޔާ އިރުޝާދު ހޯދުމަށްފަހު. މިއީ ކުރިން މިކަން ކުރަމުން އައި ގޮތް. ނަމަވެސް މިހާރު މިވަނީ މުޅިން އިދިކޮޅަށް. ޑީ.އެން.އާރ ގަ ހުރި ކުއްޖާގެ ބޮލަށް ކަނޑާފައި ފުއްދާލެވޭކަށް ނެތް ތިކަމެއް. ތިކަމުން އެންމެ ބޮޑަށް ފާޙަގަކުރެވުނީ ރައީސް އޮފީސް ހިންގުމުގެ ފެންވަރާއި ކަންކަން ނިންމުމުގައި ލަފާ ހޯދުމުގެ މިންވަރު ވަރަށް ދެރަކަން. ރައީސަށް އިނގެންވާނެ ތި ނިންމުމުގެ ކުރިން އެރަށުގެ ހާލަތު.
ޔާމީން ރަސީދު
23 September 2016
މިރާއްޖޭގެ ހުރިހާ ފަޅުތަކާއި ގިރިތައްވިއްކާ ހުސްކޮށް، އެވަރުން ނުފުދިގެން މީހުން ދިރިއުޅޭ ރަށްތައްފަޅުކޮށް އެރަށްތައް ވިއްކަން ފެށުމުގެ އަލާމާތްތައް މިފެންނަނީ، މިވަރުން ދަންޔާ ދިވެހި ރައްޔިތުންވެސް ވިއްކަން ފަށާފާނެ. ރައްކާވެތިބިއްޔާ ދަތުރު....
ގުލާމް
23 September 2016
އަޅުގަޑުމެންގެ އެކޮނޮމިސްޓް، ރައީސް، ގެ ހެޔޮފުޅުކަމުން އެވެސް އެބާތިލުކުރީ.. ނުބައިކޮއް ކަންތަ ހިގަނީ އެގިވަޑައިގެނެއް ނޫން. ރައްތައް ވިއްކާފަ ލާރިކޮޅުނެގިއިރުވެސް އެގިވަޑައެއްނުގަންނަވާ. މީހަކު އެއްޗެއްދިނީމަ އެއީކިހިނެއް ހޯދިއެއްޗެއްބަލާކައް ނުޖެހޭ.
އިންޓޭ
23 September 2016
އެއްވެސް ވެރިފިކޭޝަނެއް ބޭނުންވާ ކަމެއް ނޫން ތީ. ޚުދު ތިމާ އެއްޗެއްގައި ސޮއި ކުރުމުގެ ކުރިން މިވަރުގެ ކަންކަން އޮންނަންޖެހޭނީ އެގިފައި. ރާއްޖޭގެ ވަލިއްޔުލް އަމްރަށް ދިވެހިން ދިރި އުޅޭ ރައްތަކާއި ނުއުޅޭ ރައްތައް ނުއެގުމަކީ ނާގާބިލުކަން. 230 މީހުންނާއި ރާއްޖޭގެ ރަށެއް ނިޒާމުން ތިޔަ ގެއްލުވާލީ އެއްދުވަހަށް ނަމަވެސް. ޑީ އެން އާރުން ކޮންމެ އެއްޗެއް ބެލެހެއްޓިއަސް ، މީހަކު ނުބުންޏަސް ވަލިއްޔުލް އްމަރަށް މިވަރު އެގެން ޖެހޭނެ. އެހެންތާ ވާނީވެސް ރައްޔިތުންކައިރިއަށް ދުވަހަކުވެސް ދިޔައީކީ ނޫން ވިއްޔާ.
وِلِ احمد
23 September 2016
އަހުރެމެންގެ މި ވެރިޔާ عبدالله ޔާމީން ޢަބުލް ޤައްޔޫމަށް ހެޔޮވިސްނުމާއި ކެތްތެރިކަމާ އަދި ޘާބިތުކަން ﷲ މިންވަރުކޮއްދެއްވާނދޭވެ آمين.
ބަރުތީލް
23 September 2016
މުންޑޫގައި ދިރިއުޅެނީ 200 ވަރަކަށް މީހުން. ކައުންސިލުން ދޮގުހަދަނީ.