މަލިކު ސަރަހައްދުން ރާއްޖޭގެ މަސް ދޯންޏެއް ހިފަހައްޓައިފި

މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.


"މިހާރު" އަށް އެނގިފައިވާގޮތުގައި ދިވެހި މަސް ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ. އެ ދޯނި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި ހިފަހައްޓައި އެ ގައުމުގެ މެރީން ޕޮލިހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ ދޯނީގެ ނަމެއް އަދި އޭގައި ތިބީ ކިތައް މީހުންކަމެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މަލިކު މީހަކު ފޭސްބުކްގައި ބުނެފައިވާ ގޮތުގައި، ހިފެހެއްޓީ "އަންބަރީ" ކިޔާ ދޯންޏެކެވެ. އެއީ ށ. ކޮމަންޑޫ ދޯންޏެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީމަހު ވެސް ވަނީ ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފަހައްޓައިފަ އެވެ. އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން އެފަހަރު ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.

އެހާދިސާއާ ގުޅިގެން ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ސަރަަހައްދަށް ރާއްޖޭގެ މަސްވެރިން ވަނުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ މަސްވެރިން އިންޑިއާގެ ސަރަހައްދަށް ވަންނަ ގިނަ ފަހަރުތަކުގައި އަތުލައި ނުގަނެ، ރާއްޖޭގެ ސަރަހައްދަށް އަނބުރާ ގެނެސްދީފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގިނަ މަސްދޯނިފަހަރުގައި އެ ދޯނިފަހަރަށް ހަރަކާތްތެރި ވެވެނީ ކޮން ގައުމެއްގެ ސަރަހައްދެއްގައި ކަން އެނގޭނެ ފަދަ އާލާތްތައް ހުންނަ ކަމަށާއި އެހެން ގައުމުތަކުގެ ސަރަހައްދުން މަސްވެރިކަން ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.