އެއްވެސް ޖަމިއްޔާއެއް އުވާލާކަށް ތަރުހީބެއް ނުދެން: އެމްޑީޕީ

އިސްލާމް ދީނުގެ ހަމަތަކަށާއި އުސޫލުތަކަށާއި ރަސޫލާ އަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަށް ހިންގާ ކަންކަން ކުށްވެރި ކުރާ ކަމަށާއި އެހެން ނަމަވެސް ޖަމިއްޔާ ޖަމާއަތްތަކުގެ މަސަައްކަތް ހުއްޓުވުމަށާއި ޖަމިއްޔާ ޖަމާއަތްތައް އުވައިލުމަށް ތަރުހީބު ނުދޭނެ ކަަމަށް އެމްޑީޕީން ބުނެފި އެެވެ.


ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ އުވައިލަން ސޯޝަލް މީޑިއާގައި މީހުން ގޮވައިލަމުން ދަނިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އަބަދުވެސް ގަބޫލުކުރާ ކަމަށާއި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަ ކުރަން ހިންގާ ކަންތައްތައް ކުށްވެރި ކުރާ ކަމަށެވެ.

"..ހަމަ އެއާއެކު، މި ޕާޓީން ޤަބޫލުކުރާ އެންމެ މުހިއްމު އެއް އުޞޫލަކީ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެކަމެވެ. އަދި ހަމަ ކޮންމެ މީހަކާމެދު ވެސް ޤާނޫނުގައިވާ ގޮތުގެ މަތީން ޢަމަލު ކުރެވުމެވެ،" ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާ ޚިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުގައި ވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ އެއްވެސް މުޖްތަމައެއްގައި ހުއްދަ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމުން ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ވެސް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި ބުނެފައި ވަނީ ފަދަ ވާހަކަތައް ދެއްކުމަކީ ބައިބައިވުން އިތުރުވެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ގެއްލުން ވެގެންދާ ކަމެއް ކަަމަށެވެ.

އެމްޑީޕީގެ ނޫސްބަޔާން

"...ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިޕާޓީ ހިތާމަ ކުރާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން މިހެން ބުނި އިރު އިދިކޮޅުން ރޭ ބޭއްވި އެއްވުމުގައި އެމްޑީއެންގެ ރިޕޯޓާ ގުޅުވައިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

"އަންނަނީ އަންނަނީ"ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބޭއްވި އެ އެއްވުމުގައި ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ރިޕޯޓާ މެދު އެންމެ ފުރަތަމަ ބަސްފުޅު ވިދާޅުވާން ޖެހޭ ބޭފުޅާ ކަމަށެވެ. އެކަމަކު އެ ރިޕޯޓުގެ ހޫނުކަން ކެނޑުނު ފަހުން "ވަޅޯކޮށް" އެމަނިކުފާނު ބަސްފުޅެއް ވިދާޅުވުމުން އެނގެނީ އެކަން ރައީސަށް އެހާ މުހިންމު ނޫން ކަން ކަމަށް ޔާމީން ވިދާޅުވި އެވެ."

އެމްޑީޕީގެ ބަޔާނުގައި ބުނެގައި ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމައުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ ޢަމަލުތައް ހިންގުން ހުއްޓުވާން ޖެހޭ ކަމަށެވެ.

ބަޔާން ގުޅޭ ގޮތުން އެމްޑީޕީން ކުރި ޓުވީޓު

"..ޖަލްސާތަކުގައާއި، އެކިއެކި ފޯރަމްތަކުގައާއި، މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ މިޕާޓީ ބަލައިގަންނާނެ ކަންކަމެއް ނޫނެވެ،" ބަޔާނުގައި ވެ އެވެ.

ބާޔާނާ އެކު އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނީ އެ ބަޔާނަކީ އެޕާޓީގެ ގައުމީ މަޖިލީހުން މިއަދު ބޭއްވި ނުރަސްމީ ބައްދަލުވުއްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ނެރުނު ބަޔާނެއް ކަމަށެވެ. އެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭ ގޮތުން 57 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޓްވީޓްގައި ބުންޏެވެ.