އެމްޑީއެންގެ ރިޕޯޓު ލިޔުނު އެކަކު ހޯދަން އިއުލާންކޮށްފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު އެކަކު ނުފެނިގެން އޭނާ ހޯދުމަށް ފުލުސް އޮފީހުން މިއަދު އިއުލާންކޮށްފި އެވެ.


އެ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރުމަށް ހޯދަނީ ހ. ސެލްވޭޝަން، އަޒްރާ ނަސީމް 47، އެވެ.

އޭނާ ހޯދަން ފުލުހުން އިއުލާން ކުރިއިރި، އެމްޑީއެންގެ ރިޕޯޓު ލިޔުނު އެކަކު ވެސް ރާއްޖޭގައި ނެތް ކަމަށް ވަނީ އެނގިފަ އެވެ. އަޒްރާ ވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގައި ކަމަށް ވެ އެވެ. އަދި އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ވެސް ހުންނެވީ ޖަރުމަނުގަ އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އަޒްރާ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ބޭނުންވާ ޗިޓު ވެސް ރައްދު ނުކުރެވި ވަނީ އޭނާ އުޅޭ ތަނެއް ނޭނގޭތީ އެވެ. އަޒްރާ ހޯދަނީ، އޭނާ އުޅޭ ތަނެއް އާއިލާ އަށް ވެސް ނޭނގޭތީ ކަމަށް އިއުލާންގައި ވެ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އަޒްރާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.

"ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ އާއި އާއިލާ އަށް ވެސް އުޅޭ ވަކިތަނެއް އެނގިފައި ނުވުމާއި އަދި އިޢުލާން ކޮށްދިނުމަށް އެދިފައިވާތީ، ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރު ވުމަށް އަންގައި އިޢުލާން ކުރަމެވެ،" ފުލުހުންގެ އިއުލާންގައި ވެ އެވެ.

ފުލުހުން ތަހުގީގު ކުރި މައްސަލައެއްގައި އަޒްރާ ހޯދަން މޭ 29، 2017 ގައި ވެސް އިއުލާންކުރި އެވެ. އޭރު އަޒްރާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެކަމަކު، މައްސަލައިގެ ތަފްސީލެއް ފުލުހުން އޭރު ނުދެ އެވެ. އަދި އަޒްރާއާ ސުވާލު ކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަދައްކަން ދިން 14 ދުވަހުގެ މުއްދަތުގައި ފުލުސް އޮފީހަށް އޭރު ހާޒިރުވި ކަމެއް ނޭނގެ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލާގައި ސަރުކާރުން މިހާރު ވަނީ އެމްޑީއެން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، އެ ޖަމިއްޔާ އުވައިލުމަށް ގޮވާލައި އެކި ރަށްރަށުގައި މިހާރު އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާ ކުރާ މީހުންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ރިޕޯޓުގެ މައްސަލާގައި ސަރުކާރުން ފިޔަވަޅު އެޅުން ލަސްވުމެވެ.