އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ހޯދަން އިއުލާން ކުރި އަޒްރާއާ ގުޅިއްޖެ: ފުލުހުން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން އިއްޔެ ހޯދަން އިއުލާން ކުރި އަޒްރާ ނަސީމާ ގުޅިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ސުވާލު ކުރުމަށް ހ. ސެލްވޭޝަން، އަޒްރާ، 47، ހާޒިރުކުރުމަށް ހޯދަން އިއުލާން ކުރީ، އެއްވެސް ގޮތަކުން އޭނާއާ ގުޅޭގޮތް ނުވެގެން ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަޒްރާއާ ގުޅިއްޖެ ކަމަށާއި އެހެންވެ އޭނާ ހޯދަން އާންމުކުރި އިއުލާން ފުލުހުންގެ ވެބްސައިޓުން ނަގާފައިވާ ކަމަށެވެ. ހޯދަން އިއުލާން ކުރާ މީހާއާ ގުޅުމުން އިއުލާން ނެގުމަކީ ފުލުހުން އަމަލު ކުރާ އުސޫލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަޒްރާ ހުރީ ކޮން ގައުމެއްގައި ކަމެއް އަދި އޭނާ ތަހުގީގަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދިން ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރާ މައްސަލައަކަށް ވާތީ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އަޒްރާ، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ.

އެމްޑީއެންގައި އިސްކޮށް އުޅުއްވާ އަދި އެ ރިޕޯޓް ލިޔުނު މީހުންގެ ތެރޭގައި ހިމެނޭ ޝަހިންދާ އިސްމާއިލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގުޅޭނެ ގޮތެއް ނެތިގެން އަޒްރާ ހޯދަން ފުލުހުން އިއުލާން ކުރީ އުސޫލުން ބޭރުން ކަމަށެވެ. އަޒްރާ އުޅޭ ގައުމާއި ގުޅޭނެ ގޮތްތަކުގެ ތަފްސީލް އަހަރެއްހާ ދުވަސް ކުރިން އޭނާ ފުލުހުންގެ އިދާރާއާ ހިއްސާ ކުރައްވާފައި ވާނެ ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ މައުލޫމާތު ހިއްސާ ކޮށްފައި ވަނިކޮށް، އަޒްރާ ހޯދަން ފޮޓޯއާ އެކު ފުލުހުން އާންމުކުރި ކުރުން ގަބޫލު ނުކުރެއްވެ އެވެ. އަދި އެކަން ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ޖެހޭ ކަމަށް ވެސް ޝަހިންދާ ވިދާޅުވި އެވެ.

އަޒްރާ ދިރިއުޅެނީ ރާއްޖެ އިން ބޭރުގައި ކަމަށް ވެ އެވެ. އަދި ޝަހިންދާ ވެސް ހުންނެވީ ޖަރުމަނުގަ އެވެ. އެމްޑީއެންގެ ރިޕޯޓު ލިޔުނު އެކަކު ވެސް ރާއްޖޭގައި ނެތް ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން ތަހުގީގު ކުރި މައްސަލައެއްގައި އަޒްރާ ހޯދަން މޭ 29، 2017 ގައި ވެސް އިއުލާންކުރި އެވެ. އޭރު އަޒްރާ ފުލުސް އޮފީހަށް ހާޒިރުވާން އެންގީ އޭނާއާ ގުޅޭ ގޮތުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ޖަވާބުދާރީވާން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެކަމަކު، މައްސަލައިގެ ތަފްސީލެއް ފުލުހުން އޭރު ނުދެ އެވެ. އަދި އަޒްރާއާ ސުވާލު ކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަދައްކަން ދިން 14 ދުވަހުގެ މުއްދަތުގައި ފުލުސް އޮފީހަށް އޭރު ހާޒިރުވި ކަމެއް ނޭނގެ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން އާއްމުކުރި ރިޕޯޓުގައި ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އޭގައި ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަމަށް ފުރައްސާރަ ވާ ގޮތަށް ވެސް ލިއެފައިވެ އެވެ. އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު މައްސަލާގައި ސަރުކާރުން މިހާރު ވަނީ އެމްޑީއެން ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، އެ ޖަމިއްޔާ އުވައިލުމަށް ގޮވާލައި އެކި ރަށްރަށުގައި މިހާރު އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.