ފްލެޓު ދޫކުރަންވީ ހައުސިން އަކުން ނޫން، މާލެ ސިޓީ ކައުންސިލުން: އާޒިމް

މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ބިންތައް ބޭނުން ބަޔަކަށް ދޫކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދީފައި އޮންނަ އިރު، މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރުމުގެ ބާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހައުސިން މިނިސްޓްރީ އަތުން ނަގަން ޖެހޭ ކަމަށެވެ.

ނަމަވެސް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅި އިރު، އެކަން އެގޮތަށް ބަދަލުވެގެން ނުދާތީ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލް އިސްލާހު ކުރާ އިރު، އެ ބަދަލު ގެނައުމުގެ މުހިންމު ކަން އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުން އަންނަ އިރު، އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމުގެ ފުރުސަތު ދެވޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މާލެ ސިޓީ ކައުންސިލަށް އެ ބާރުތައް ދީގެން ކަމަށް ވެސް، މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ކުރައްވާ އާޒިމް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށް ގެދޮރު، ބޯޙިޔާވަހިކަން ދިނުމުގެ ފުރުސަތު ވަކި ބަޔަކަށް ނޫން... މިނިސްޓްރީ އޮފް ހައުސިން އަކަށް ނޫން، އެޗްޑީސީ އަކަށް ނޫން ދޭން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގުޅިފަޅުގެ ނަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ މާލެ ތެރެއިން ތަންތަން ދިނުމުގެ ފުރުސަތު ދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުން ހުރީ އެ މީހެއްގެ ރަށަށް އެ ބާރެއް ދޫކޮށްލުމަށެވެ. ނަމަވެސް ވިސްނުމާއި ފިކުރާ އިދިކޮޅަށް ހިޔާލު ކުރާ މަދު ބައެއް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ އަތުން ކަމާއި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަން އިހްސާސްވާ ބަޔަކީ އެމްޑީޕީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމަނިކުފާނަށް ބާރު ލިބިވަޑައިގެންނެވި ނަމަ، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިސް ވެސް އުވާލީސް ކަމަށެވެ. އަދި ވަކި މީހަކަށް ނޫނީ ރާއްޖޭގައި ވެރިކަން ނުކުރެވޭ ގޮތަށް ހެދީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަމުގައި ހުންނަން ޖެހޭނީ ތިމަންނައޭ ބުނެ ނިންމާލާ ހިސާބަށް ދާނެ. ރާއްޖޭގައި އިތުރު އިންތިހާބެއް ނޯންނަ ހިސާބަށް ދާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ރަށެއް ތަރައްގީ ކުރަން ބޭނުންވާ އިރު، ބިލްގައި ވަރަށް ގިނަ ބާރުތަކެއް އެ ރަށެއްގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބިގެންދާ ކަމަށެވެ. އެކަމަކު، މާލެ ސިޓީ ކައުންސިލަށް ދޭން ޖެހޭ ބާރުތައް އަދިވެސް ފުރިހަމަ އަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބާރުތައް މާލެ ސިޓީ ކައުންސިލަށް ނުދީ މާލޭގެ ރައްޔިތުންނަށް ނެތް ތަނަވަސްކަމެއް ލިބޭކަށް،" އާޒިމް ވިދާޅުވި އެވެ.