ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސްކޮށްފި އެވެ.


މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަން ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މާގަމަށް ފަތުހުﷲ ނުވަތަ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަންކޮށް ދެއްވުމަށް ލަފާ ދެއްވި އެވެ. އެކަމަކު، މަޖިލިހުގެ އިގްތިސާދީ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ނިންމީ، އެ މަގާމަށް ފަތުހުﷲ އައްޔަން ކުރުމަށެވެ.

ތިމަރަފުއްޓަށް އުފަން ފަތުހުﷲ، ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީއާ 2003 ވަނަ އަހަރު މީރާއާ ގުޅިވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާ އަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގަ އެވެ.

މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، 2016 ވަނަ އަހަރު ފަތުހުﷲ ދިރާގާ ގުޅިވަޑައިގެން މިއަދާ ހަމައަށް އޭނާ ހުންނެވީ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރަކަށެވެ.

ފަތުހުﷲ ތައުލީމް ހާސިލް ކުރެއްވީ:

- ޖީސީއީ އޯލެވެލް އާއި ޖީސީއީ އޭލެވެލް ފުރިހަމަ ކުރައްވާފައި.

- ސެޓިފައިޑް އެކައުންޓިން ޓެކްނީޝަން (ސީއޭޓީ) އިން ޑިޕްލޮމާ ހާސިލް ކުރެއްވި.

- އެޕްލައިޑް އެކައުންޓިން އިން ހޮނަސް ޑިގްރީ ހާސިލް ކުރެއްވި.

- އެސޯސިއޭޝަން އޮފް ޗާޓެޑް ސެޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ).

ރާއްޖެ އާއި ބައެއް ގައުމުތަކުގައި ބޭއްވި ސެމިނާތަކާއި ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންނެވި ފަތުހުﷲ އަކީ އޭސީސީއޭގެ މެމްބަރެކެވެ. އަދި އޭނާ އަކީ ފެލޯޝިޕް އޮފް އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓަންޓްސް (އެފްސީސީއޭ) ގެ ވެސް މެމްބަރެކެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ނިންމި އިރު، ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޖެނެރަލްގެ މަގާމަށް އަސްމާ ޝަފީއު، ވައިޖެހޭގެ/ ހއ. އިހަވަންދޫ އައްޔަން ކުރަން މަޖިލިހުގެ 81 މެމްބަރުންގެ އިއްތިފާގުން ވަނީ މިއަދު ނިންމައިފަ އެވެ.

މީރާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިއިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެ އެވެ.

އެކަމަކު އެކަން ނުވެ އުޅެނިކޮށް ގާނޫނުގައި ބުނާ އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.