ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި ޕީޕީއެމުން ބޭއްވި އެއްވުން. -- ފޮޓޯ: ހުސެން ވަހީދު / މިހާރު
03 ނޮވެމްބަރ 2019 - 00:04
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައި އޮތް އޮތުން އެއީ އާދައިގެ ކަމެއް ނޫން ކަމަށާއި މުޒާހަރާކުރުން ހުއްޓާލާނީ ކޮޅެއްގައި ޖައްސާފައި ކަމަށް އިދިކޮޅުން ޕީޕީއެމް/ޕީއެންސީން މިރޭ ބުނެފި އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި އެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުޒާހަރާކުރަން މީހުން ނިކުތީމާ، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) ވަރަށް ބިރުގަންނާނެ ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމަކަށް އައީ އޭރު ކުރި މުޒާހަރާތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބިރުގަންނާނެ މުޒާހަރާ ދެކެ އެމްޑީޕީގެ ސަރުކާރު އަަބަދުވެސް. އެއީ އެ މީހުންނަކީ ތަޖުރިބާ ކޮށްފައި ތިބި ބައެއް. އަޅުގަނޑުމެންނަކީ މި މުޒާހަރާކުރަން ފަށައިފިއްޔާ ދެން ހުއްޓާނެ ބައެއް ނޫން. ކޮޅެއްގައި ޖެހުނީމާ ނިންމާނީ. އެކަން ވަރަށް ރަނގަޅަށް އެމްޑީޕީ އަށް އިނގޭނެ. އެނގޭތީ އެ ބިރުގަންނަނީ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު މިރޭ ބޭއްވި އެއްވުމަކީ މުޒާހަރާ ކުރުމުގެ ބޭނުމުގައި އެއްވި އެއްވުމެއް ނޫންކަމަށާއި ފުރަތަމަ އުޅުނީ ކާނިވަލުގައި ރީތިކޮށް ޖަލްސާއެއް ބާއްވަން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އެމްޑީއެންގެ ރިޕޯޓާ ބެހޭ ގޮތުން އޭނާ ވިދާޅުވީ މިހާރު ކުރިމަތިވެގެން މިއުޅޭ ކަންތަކަކީ މީގެ ކުރިން ރާއްޖެއަށް ދުވަހަކުވެސް ކުރިމަތި ނުވާ ފަދަ ކަމެއް ކަމަށެވެ. ނަމަވެސް ގައުމީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ރިޕޯޓް ސިފަކުރެއްވީ ލިޔެލާ ލިއުމެއް ފަދަ އާދައިގެ ކަމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، ރައީސަށް އަދުރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މީ ކުޑަކުޑަކު ކަމެއް ނޫން ކޮށްގެން މިއުޅެނީކީ. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ބިރުގަންނަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން އެ ޕާޓީގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުން ފެށުމާ އެކު ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި ކައުންސިލް ތިން މެންބަރަކާއި، މިރޭގެ އެއްވުމުގައި ބައިވެރިވި ޑީއާރްޕީގެ ރެޖިސްޓްރާ އަދި މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އެ އެންމެން ވެސް މިރޭ ދޫކޮށްލާފައިވާ ކަމަށެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ "ބަޑި ބުރާސްފަތި" ނަމުގައި އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު އެއްވުމަށް އެ ތަން ނުލިބުމުން ކަމަށް ކުރިން ވަނީ ބުނެފަ އެވެ. ދި ފުލުހުން ވަނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާނާ
04 November 2019
އަދުރޭ = ސައިބޯނިބޮކި + މެތްސް
ނަޖްވާ
04 November 2019
އަމިއްލަ އެދުމައިގެން ތަތްތެޅިފައިވާ މީހުންތައް ރާއްޖެއަށް ސުލްހަ މަސްލަސް ކަން ނޭދެނީތަ އަޅެ ފަހެ؟ ހަމަ ޖެހުމެއް ހަމަ އަންނަހެން ހީވާ އިރަށް ކޮންމެވެސް އޭއްޗެކޭ މީއްޗެކޭ ކިޔައިގެން މުޒާހިރާ ކޮށްގެން އަމަންއަމާން ކަން ނަގާލަން މި އުޅެނީ އެކަންކަމުގެ އަޑީގައި އަމިއްލަ އެދުމައިގެން ފޯވެފަ ތިބި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރަންވެގެން! ކޮންމެހެނަކުން އާއްމު ރައްޔިތުންނަށްޓަކައިއެއް ނޫން! ބަލާބަ މިހާރުވެސް އޭން ކޮންމެ މީހެއް އުޅެމުންދާ ވައްތަރު!
ގޮބޮޅި
04 November 2019
ކުޑަކުޑަކަ މެއް ނޫން ތުބޮޑުކަންތައްކުރީ 2015 ގައި އަދުރޭއާ ޔާ މީނާދެ މީހުން ގައު މީ ހަޒާނާއަށްވަދެ އަމަލުވެފަ ތިއްބާ އަދިކިރިއާދޯ ރިޕޯރޓެއް ނެރުނުކަން އިނގުނީ
ބާރު
03 November 2019
ތިއޮތީ އިދިކޮޅުގާ ޖެހިފަ، ދެން ހުއްޓާލާ.
ޝޮކްތެރަޕީ
03 November 2019
ސަރުކާރަކަ ހަޖަމެއްނުވާނެ. މިކަން ކުރިމީހުން ތިބީ ސަރުކާރުގަ. ދިވެހިން ގަމާރު ކަމްމަތީ.
ޔާސިރު
03 November 2019
އެއްވުން ދެކެ ބިރުގަނެގެން އެއްނުވެވޭ ގޮތަށް ބަޔަކު ގާނުނު ހެދީ. މިހާރު ހުންނާނީ އެއްވެވިފައި. ހައްޖަށްދާން މޯލްޑިވިއަން ދަރުވާ ނުލާތި އަނެއްކާ. ސިޔާސީ އެއްވުން ބާއްވާ ތަނެއް ނޫން ހައްޖަކީ. ވެރިމީހާ ކައިރީ ބުނެލާ
ލައިޝަމް
03 November 2019
ކޮންމެ ކަމެއް ސިޔާސީކޮށް ، ސިޔާސީ މީހުން ކުޅޭ ކުޅިވަރަކަށް ދީނާއި ޤައުމީ ހުރިހާކަމެއް ނެހެދޭނެ. ފިޔަވަޅު އަޅާނެ. ބަލަންޖެހޭ ކަންކަން ބަލާ ނިމުނީމަ އެކަންކުރާނެ. ފުލުހަށް ހާޒިރުވާންޖެހޭ މީހުންނަށް ފުލުހުން އެދަނީ އަންގަމުން. މިކަން ބޮޑު ސިޔާސީ ކުޅިގަނޑަކަށް ވާކަށް ނުޖެހޭނެ.
ނަނަނަ
03 November 2019
ކޮބާހޭ ގަތް ލަގުޒަރީ ފުލެޓުތަކާ ކާރުތައް!؟
މުޅިވިއްކާއާދަނު
03 November 2019
ބޭންއެމްޑީއެންއަކީ އަހެރެންވެސް ވަރަށް ތާއިދުކުރާ ކަމެއް. އެކަމެއްނުވެގެން ފަޔަށް ހިނިއަރައިގެން މިއުޅެނީ. އެކަމަކު އަދުރޭ ކޮންމެހެން ނުޖެހޭ އެޑުވާންޓޭޖުނަގައިގެން ގުއިރޯނުދަމާނަމޭ ހިތާއުޅޭކަށް. އެމްޑީޕީއެއްނޫން މިގައުމުގައި ޕާޓީއަކަށް ނިސްބަތްނުވާމީހުން ނިކުމެވެސް އަދުރޭފޮނުވާލަފާނެ.
ހާސަރު
03 November 2019
ނާޖާއިޒު ގޮތުގައި ލިބިލިބި ހުރި ބޮޑެތި ފައިދާތައް ގެއްލުނީމަ އުޅޭނެގޮތް އެންމެނަށް ވެސް އެގޭ.