އަންނަ އަހަރުގެ ބަޖެޓު އިސްކަން ދެނީ ރައްޔިތުންނަށް: ރައީސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓު އިސްކަންދެނީ ރައްޔިތުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2020 ގެ ބަޖެޓުން ހާސިލުކުރަން ބޭނުން ވަނީ ސަރުކާރުން ތަސައްވަރު ކުރާ ފާގަތި ރާއްޖެއެއްގައި ހުންނަން ޖެހޭ ކަންކަން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ކުރެއްވި ޓުވީޓު.

ހާއްސަ ގޮތެއްގައި އެމަނިކުފާނު ފާހަގަ ކުރެއްވި ކަންކަމަކީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ލާމަރުކަޒީ ވެރިކަން ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ 2020 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް ބުރަ ބޮޑު ނުވާނެ އުސޫލުތަކެއްގެ މަތިން ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭ އަދި ޖަޒީރާ ދިރިއުޅުމަށް މަގުކޮށައި ދޭނެ ބަޖެޓެއް ކަމަށެވެ.

މިއީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅައި ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރެވެ.

އަމީރު ވިދާޅުވި ގޮތުގައި، މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. ބަޖެޓުގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ އިރު، ދައުލަތުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ ބަޖެޓުން އަމާޒު ހިފާނެ ކަމެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.