ތ. ގާދިއްފުށީގައި ވައިރަލް ހުމެއް ގަދަ އަށް ފެތުރި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު ޗުއްޓީ އަށް ދިއުމުން އެތަނުން ދޭ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ގާދިއްފުށި ސިއްހީ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ވައިރަލް ހުން ވަރަށް ބޮޑަށް ރަށުގައި ފެތުރިގެން އުޅޭތާ ދެ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި ވައިރަލް ހުން ޖެހިގެން މިހާތަނަށް 10 އަށް ވުރެ ގިނަ ކުޑަކުދިން ސިއްހީ މަރުކަޒަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިއްޔެ އެކަނި ވެސް ޑޮކްޓަރަށް ދައްކަން ހަ ކުދިން ގެންގޮސްފައިވެ އެވެ. ގިނަ ކުޑަކުދިން ޑޮކްޓަރަށް ދައްކަން ގެންދަނީ ހުން އައިސް ހޮޑުލާ ހަދާތީ އެވެ.
ގާދިއްފުށީގައި ހުންނަ ސިއްހީ މަރުކަޒަކީ އަށް ގަޑިއިރަށް ހިދުމަތް ދޭ ތަނެކެވެ.
އޮފިޝަލް ވިދާޅުވީ އެ ރަށުގައި ދިރިއުޅޭ މީހުންގެ މެދުގައި ނުތަނަވަސްކަން އިތުރަށް އުފެދިފައި ވަނީ އެ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރު ޗުއްޓީ އަށް ދިއުމުން ކަމަށެވެ. އޭނާގެ ބަދަލުގައި މާދަމާ ޑޮކްޓަރެއް ލިބޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ދިމާވާ މައްސަލައަކީ އެހެން ރަށްތަކުގައި ވެސް ދިމާވާ ކަމެކެވެ. އެގޮތުން މީގެ ދުވަސްތަކެއް ކުރިން، ހއ. ކެލާގައި ދާދި އެއްކަހަލަ ކަމެއް ދިމާވި އެވެ.
މިދިޔަ އޮގަސްޓް މަހު ކެލާގައި ވަރުގަދަ ހުމެއް ފެތުރި، ރަށުގެ ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރު އެޑްމިޓް ކުރަން ޖެހުމުން އެހެން ޑޮކްޓަރެއް ގެންގޮސް ބަލި މީހުން ބެލި އެވެ.