މުޅި އާއިލާ އަށް ކަރުނައިގެ ދުވަހެއް!

ހުޅުމާލޭގެ ސަހަރާގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ފާތުމަތު އަންޖުމް ޝަފީގް (އަންޖުމް)ގެ ބައްޕަ، ޝަފީގު މޫސާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު، ކުޑަކުޑަ ކުއްޖަކު އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔަ އެވެ. އެއީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ދުނިޔެ ދޫކުރި، އަންޖުމް އާ ތިމާގެ ކަމުގެ ގޮތުން ދައްތަ ކިޔާ ކުއްޖެކެވެ. ކައިރީގައި ތިބި ޝަފީގުގެ ރައްޓެހިން ތަކުރާރުކޮށް އެދެމުން ދިޔައީ ކަރު ތެންމާލައި ހަމަޖެހިލުމަށެވެ. އެ މީހުން ބޭނުންވީ އެތަނުން ކުޑަ ވަގުތުކޮޅަކަށް ވިޔަސް، ޝަފީގު އެކަހެރިކޮށްލެވޭތޯ އެވެ! އެކަމަކު އަތުގެ އިޝާރާތުން ޝަފީގު އަންގަމުން ދިޔައީ އަންޖުމް ދޫކޮށްލާފައި ދާން ބޭނުން ނުވާ ކަމެވެ. އެންމެ ފަހުން، ޝަފީގުގެ އެކުވެރިން އޭނާގެ އަތުގައި ހިފައިގެން ކައިރީގައި ހުރި ކެފޭއަކަށް ވަނީ އެވެ. އޭރު ވެސް ޝަފީގުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ދިޔައީ ފައިބަމުންނެވެ.


އަންޖުމްގެ ޖަނާޒާ ހިނގަމުން ދިޔައިރު ސަހަރާ ތެރެއިން ފެނިގެން ދިޔައީ، ހަމައެކަނި ޝަފީގުގެ ހިތާމަތައް އެކަންޏެއް ނޫނެވެ. އަންޖުމްގެ އާއިލާގެ އެތައް ބަޔަކު ރޮމުން ދިޔައިރު، އެތައް އާންމުންނެއްގެ ލޯ ވެސް ވަނީ ފެންކަޅި ވެފަ އެވެ.

ދ. ރިނބުދު އަށް އުފަން އެކަމަކު މިހާރު ކ. ތުލުސްދޫގައި ރަށްވެހިފައިވާ ޝަފީގަށާއި ގދ. ނަޑެއްލާ އަށް އުފަން އައިމިނަތު އަހުމަދުގެ ހުރި ހަމައެކަނި ދަރިފުޅަކީ އަންޖުމް އެވެ. އަންޖުމްއާ ދޭތެރޭގައި އެ ދެމަފިރިން ކުރަމުން އައީ ވަރަށް ފޮނި އުންމީދުތަކެކެވެ. އެކަމަކު، އެ އުންމީދުތައް ވިއްސިވިހާލިވިގެން ދިޔައީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ހިސާބުންނެވެ.

އަންޖުމް އާއި އޭނާގެ މަންމަ އައިމިނަތު ހުޅުމާލެ އަށް ދިޔައީ ރައްޓެއްސަކާ ބައްދަލުކޮށްލުމަށެވެ. ހުޅުމާލެ އަށް ދިއުމަށް ފަހު، އެނބުރި މާލެ ދާ ވާހަކަ ޝަފީގަށް އަންޖުމް އެންގި ކަމަށްވެ އެވެ. ޝަފީގް އޭރުއްސުރެ އިންތިޒާރު ކުރަމުން ދިޔައީ ދެ މައިން އަންނާނެ އިރަކަށެވެ. އެކަމަކު، ޝަފީގަށް ބޮޑު ޝޮކެއް ލިބިގެން ދިޔައީ ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަންޖުމް މަރުވި ހަބަރުންނެވެ.

އެ ހިތްދަތި ހަބަރާ އެކު ދެމަފިރިންގެ ލޮލުން އޮހެމުންދިޔަ ކަރުނަ އަށް އަދިވެސް ނިމުމެއް ނެތެވެ!

އަންޖުމް

އެކްސިޑެންޓް ހިނގީ ކިހިނެއް؟

ހުޅުމާލޭގައި ރޭ އެ ނުރައްކާތެރި އެކްސިޑެންޓް ހިނގީ ނިރޮޅުމަގުން ދިޔަ ސައިކަލަކާއި މިދިލިމަގުން ދިޔަ އެމްޓީސީސީގެ ބަހެއް ޖެހިގެންނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުން ސައިކަލްގެ ކުރީގައި އައިމިނަތު އިން އިރު، ފަހަތުގައި އިނީ އަންޖުމް އެވެ. އޭރު އެ ދެމައިން ވެސް ތިބީ ހެލްމެޓް އަޅައިގެންނެވެ.

ދެ މައިން ސައިކަލްގައި ގޮސް، ހައިވޭ އަށް އެރިތާ މާ ގިނައިރުތަކެއް ނުވެ ކުރިމަތިން އެމްޓީސީސީގެ ބަހާ ހަމަވި ތަނާ ދެމައިން ދުއްވި ސައިކަލް، ބަހުގައި ޖެހި ވެއްޓުނީ އެވެ. އަންޖުމްގެ ބޮލުގައި އޮތް ހެލްމެޓު ވެއްޓި، އޭނާގެ ބޯ ގޮސް ޖެހުނީ ތާރުގަނޑުމަތީގަ އެވެ. ނުރައްކާތެރި އެކްސިޑެންޓުގައި އަންޖުމްގެ މަންމަގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އާއިލާގެ ބައެއް މެމްބަރުން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓުވުމުގައި ބަސް ދުއްވަން އިން ޑްރައިވަރުގެ އިހުމާލު ވަރަށް ބޮޑެވެ. އެއް ކަމެއްގެ ގޮތުގައި އެކަކު ފާހަގަ ކުރީ އެކްސިޑެންޓުވި އިރު ވެސް ބަސް ދުއްވަން އިން ޑްރައިވަރަށް އެކަން ނޭނގުމެވެ.

"ބަސް ދިޔައީ އަންޖުމް ވެއްޓިފައި އޮއްވައި މޫނު މަތިން އަރާފައި ކަމަށް ވަނީ. އަންޖުމްގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ. ފުރޮޅު ބޮލަށް އެރުމުން އެހާ ބޮޑު ވަރުވީ،" އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

އަންޖުމްގެ ހުނަރާ މެދު އާއިލާ ފަހުރުވެރިވޭ!

ޖަމާލުއްދީން ސްކޫލް ގްރޭޑް ހަތެއްގައި ތައުލީމް ހާސިލް ކުރަމުން ދިޔަ އަންޖުމްއާ ބެހޭ ގޮތުން އޭނާގެ ދައްތައަކު ކިޔައިދިން ގޮތުގައި އަންޖުމްއަކީ އެހެން ކުދިންނަށް ނަމޫނާ ދަރިވަރެކެވެ. ސްކޫލްގައި ތައުލީމް ހާސިލްކުރާ މޮޅެތި ކުދިންގެ ތެރޭގައި އަންޖުމް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރީތިކޮށް ކީރިތި ގުރުއާން ކިޔަވަމުން އަންނަ އަންޖުމް ގުރުއާނުގެ ބޮޑު ބައެއް މިހާރު ވަނީ ހިތު ދަސްކޮށް ނިންމައިފަ އެވެ. ސްކޫލްގެ ގުރުއާން ޕޫލްގައި އޭނާ ހަރަކާތްތެރިވެ އެވެ. ތަޖުވީދު މަގަށް ގުރުއާން ކިޔެވުމާއި މުބާރާތްތަކުގައި ބައިވެރިވުމަކީ އަންޖުމް ލޯބި ކުރާ ކަމެކެވެ.

"އަޅުގަނޑަށް ފާހަގަވާ ކަމަކީ އަންޖުމަކީ ވަރަށް ހިތްވަރު ގަދަ ކަންކަމުގައި ކެރިގެން ކުރިމަތިލާ ކުއްޖެއް. އެއްވެސް ކަމެއް ނުވާނެއޭ ކިޔާފައި ދޫކޮށެއް ނުލާނެ. އެހާ ޖެހިލުން ކުޑަ ކުއްޖެއް އެއީ. ދެމަފިރިން ވަރަށް ލޯބިން ބަލަމުން ދިޔަ ވަރަށް މީހުންނާ ގުޅޭ ކުއްޖެއް އެއީ،" އޭނާ ކިޔައިދިނެވެ.

"މީހުންގެ ބަސް އަހާ ވަރަށް ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައި ފާހަގަ ކުރާނީ."

ރޭ 11 ޖަހަނިކޮށް ހިނގި އެކްސިޑެންޓުގައި އަންޖުމް ދުނިޔެއާ ވަކިވެގެން ދިޔަ އިރު، އާއިލާގެ މެމްބަރުން ބުނި ގޮތުގައި އަންޖުމް، ދެމަފިރިންނަށް ލިބިފައި ވަނީ ވަރަށް މަސައްކަތްކޮށްގެންނެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުން ދެމަފިރިން އެތައް ބޭހެއް ކުރި ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

"މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑުމެން ވެސް ވަރަށް ލޯބިން ގެންގުޅުނު ކުއްޖެއް އެއީ. ހަމައެކަނި ދެމަފިރިންނެއް ނޫން. ވަރަށް ހިތުގައި ޖެހިފައި މިތިބީ އެންމެން ވެސް،" އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.

އަންޖުމްގެ މަހާނަ. އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުމުގެ ސަބަބުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެމަފިރިންނަށް މި އައީ ހަނދާނުން ވެސް ފިލުވާނުލެވޭ ވަރަށް ވުރެ މާ ހިތްދަތި ދުވަހެކެވެ.

އެކްސިޑެންޓުވި ގޮތާ މެދު އާއިލާގެ މެމްބަރުން އެކި ގޮތަށް ވާހަކަ ދެއްކި އިރު، އެކްސިޑެންޓެއް ހިނގިކަން، އެކްސިޑެންޓްވި ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށް ވެ އެވެ. މިހާތަނަށް ބެލިބެލުމުން ބަހުގެ އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށް އެ ބަސް އޮޕަރޭޓްކުރާ އެމްޓީސީސީން ބުނެ އެވެ. އެމްޓީސީސީގެ ބަސްތައް ދުއްވަމުން އަންނަނީ ހަމައެކަނި އެއާޕޯޓާއި ހުޅުމާލެއާ ދެމެދު އެކަންޏެވެ.

އަންޖުމްގެ ޖަނާޒާ ބޭއްވީ ހުޅުމާލޭގައި ހުންނަ ވަގުތީ މިސްކިތުގަ އެވެ. އަންޖުމްގެ މައްޗަށް ކުރި ކަށުނަމާދުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ އޭނާ އަށް ހެޔޮ ދުއާ ކުރި އެވެ.

މިދިޔަ ރޯދަ މަހު ވެސް އެމްޓީސީސީގެ ބަހެއްގެ ދަށުގެ ހުޅުމާލޭގައި ޔުކްރެއިން އަންހެނަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ބަސް ދުއްވި ޑްރައިވަރާ މެދުގައި ފިޔަވަޅު އަޅާފައިވެ އެވެ.