މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް: ޝިޔާމް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުން ފެންނަނީ ރާއްޖެ "ކަފުން" ކުރާ ތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.


ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ޖަހާލެވުނަސް، ރައްޔިތުންގެ ހައްގުގައި މަޝްރޫއުތައް ހިންގޭނީ ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށެވެ. އަދި ފައިސާ ލިބުނަސް، މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަން ހުންނަ ބަޔަކަށް ނޫނީ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ދިވެހި ރައްޔިތުން "ހިޔާލީ ފޮލާތަކެއްގެ" ތެރޭގައި ގެންގުޅުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ވެސް ފެނިގެން ދަނީ ހިޔާލީ ފޮލާތަކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ނުދެކޭ ވަރުގެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވާ އިރު އެ ފައިސާ ހޯދާނެ ގޮތްތަކާ މެދު ޝިޔާމް ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ. އަދި ބަޖެޓުގެ ސަބަބުން ދައުލަތުގެ ދަރަނި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އާމްދަނީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އަދި ޕީއެސްއައިޕީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އެކަމަކު ޕީއެސްއައިޕީގެ ބަޖެޓަށް ފައިސާ ހޯދަން އެނގޭ ބަޔަކަށް އެ ފައިސާ ހޯދޭނީ. އަދި އެ ފައިސާ ލިބުނަސް މަޝްރޫއުތައް ހިންގުމަށް ބޭނުންވާ، ހިންގަން އެނގޭ ބަޔަކަށް ނޫނީ އެ ފައިސާގެ އަދަދުތަކެއް ބޭނުން ކުރާކަށް ނޭނގޭނެ،" ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 10 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ނިންމާފައިވާތީ ޝިޔާމް ވިދާޅުވި އެވެ.

ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ބަޖެޓްގެ ޑެފިސިޓް އެއަށްވުރެ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ފައިސާ ލިބޭނެ ކަމަށް ގަބޫލު ނުކުރައްވޭތީ އެވެ. އެ ގޮތުން އިންކަމް ޓެކްސްގެ ބިލް ފާސްކޮށްފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރު ނިމޭއިރު ޖުމުލަ ދަރަނީގެ ނިސްބަތް ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 67.9 ބިލިއަން ރުފިޔާގައި ކަމަށް ލަފާކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު އެ އަދަދު 80 ޕަސެންޓަށްވުރެ އިތުރުވެދާނެތީ އެއީ ނުރައްކަލެއް ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ނައިފަރު ދާއިރާގެ މަޝްރޫއުތައް ހިންގުމަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވިޔަސް، އެއީ އެ ދާއިރާގެ ރައްޔިތުން ހިތްހަމަޖައްސާލަން ޖަހާފައި އޮތް އަދަދަކަށް ވެދާނެ ކަމަށެވެ. އަދި މިއީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖެހި އަދަދަކަށް ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން ވިދާޅުވާން ޖެހުނީ މި އަހަރު ނައިފަރު ދާއިރާ އަށް ބަޖެޓުކޮށްފައި ހުރި ކަންކަމުގެ 18 ޕަސަންޓު ވެސް ހާސިލްވެފައި ނުވާތީ އެވެ. ތަރައްގީގެ މަޝްރޫއުތަކެއް ނައިފަރުގައި ހިންގާފައި ނުވާތީ ޝިޔާމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ނައިފަރު ރައްޔިތުން ބޭނުންވާ ކަންކަން ތަރުތީބުކޮށްފައި ލިސްޓެއް އެކުލަވާލުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ސެޕްޓެމްބަރު މަހު ސިޓީއެއް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށާއި ބަޖެޓްގައި އެ ކަންކަމުގެ ތެރެއިން ވެސް ފެންނަނީ މަދު ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.