"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ދީފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަމީންގެ ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރަން އިތުރު ހަތް ދުވަސް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ދީފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ޓެރަރިސްޓެއް" ކަމަށް އެމެރިކާ އިން ތުހުމަތު ކުރާ އަމީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިނީ 15 ދުވަހެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.

އަމީނަކީ، ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އަމީން ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.